އޮކްޓޯބަރު މަހު ކުޅުދުއްފުށީގެ ގެތަކުން ވެމްކޯއިން ކުނި ނަގަން ފަށަނީ

ކުޅުދުއްފުށި ސިޓީ --- ފޮޓޯ/ އަބޫއިޝް

އަންނަ އޮކްޓޯބަރު މަހުން ފެށިގެން ހދ. ކުޅުދުއްފުށީގެ ގެތަކުން ކުނި ނެގުމުގެ ޚިދުމަތް ފަށާނެ ކަމަށް ވެމްކޯއިން ބުނެފިއެވެ.

"ސަން"އާ ވާހަކަދައްކަވަމުން ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖު ވިދާޅުވީ އެ ސިޓީގައި ވެމްކޯގެ ޚިދުމަތް ފެށުމަށްޓަކައި ސިޓީ ކައުންސިލާ ބައްދަލުކޮށް އެކަމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.

ކުޅުދުއްފުށީގައި ވެމްކޯގެ ޚިދުމަތް ފެށުމުން ކުނި ނައްތާލުމުގައްޔާއި ކުނި މެނޭޖުކުރުމުގައި އެ ސިޓީގެ ރައްޔިތުންނަށް ދިމާވާ ދަތިތައް ހައްލުވާނެ ކަމުގެ ޔަގީންކަން ސިރާޖު ދެއްވިއެވެ.

މާލޭގެ އިތުރުން މިހާރު ވެމްކޯގެ ޚިދުމަތް ދެނީ ހަމައެކަނި އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީގައެވެ.

ސިރާޖު ވިދާޅުވީ އިތުރު ހަ ރަށެއްގައި ވެމްކޯގެ ހިދުމަތް ފެށުމަށް ޓަކައި އެ ރަށް ރަށުގެ ކައުންސިލްތަކާ މަޝްވާރާކުރަމުން ދާ ކަމަށެވެ.

ވެމްކޯގެ ޚިދުމަތް އިތުރަށް ހަރުދަނާ ކުރުމަށް ސަރުކާރުގެ އެހީތެރިކަމާއެކު މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

"މި އިންޑަސްޓްރީ ސަސްޓެއިން ކުރުމަށްޓަކައި ވަރަށް އަޅުގަނޑުމެންނަށް މަސައްކަތްތަކެއް ކުރެވިއްޖެ. އޭގެތެރޭގައި ސެގްރިގޭޝަން [ކުނި ވަކިކުރުން] އަކީ ވެސް ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރެވެނީ،" ސިރާޖު ވިދާޅުވިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް