މިދިޔަ ދައުރުގައި ރަށްރަށުގެ ތަރައްގީއަށް މާ ބޮޑު އަޅައިލުމެއް ދެވިފައި ނުވަނީ ފައިސާއަށް ޚިޔާނާތްތެރިވެ، ހަމަނުޖެހުންތައް ކޮންޓްރޯލްކުރުމާއި، ގަދަ ބާރުން ވެރިކަން ކުރުމުގެ ސަގާފަތެއް އޮތުމުންކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ބ. ކަމަދުއަށް ވަޑައިގެން އެ ރަށުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، 2013 އިން 2018އަށް ވެރިކަން ކުރި ކުރީގެ ސަރުކާރަށް ރަށްތައް ތަރައްގީ ނުކުރެވުނީ ކީއްވެތޯ ސުވާލު އުފައްދަން ޖެހޭކަމަށެވެ.
ސަބަބަކީ އެ ދައުރުގެ ފަސް އަހަރު ވެރިކަން ކުރަން ރައްޔިތުން ދިނީ ހުރިހާ ބާރަކާއެކު ކަމަށްވާތީކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އެގޮތުން މަޖިލީހުގެ ބޮޑު މެޖޯރިޓީ ހިމެނޭހެން ހުރިހާ ބާރެއް ދީފައި އޮތްކަމަށް ރައީސް ވިދާޅުވިއެވެ.
"އެހެންނަމަވެސް ނުކުރެވުނީ ކީއްވެގެންކަން ވަރަށް ސާފުކޮށް އަަޅުގަނޑުމެންނަށް އެބަ އެނގޭ. ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވީ ފުރަތަމަ ކަމަކަށް. އިހުމާލުވީ. ބޮޑެތި ފަޅުތަކާއި ބޮޑެތި ރަށްތައް ކުއްޔަށް ދީގެން ދައުލަތުގެ އާމްދަނީއަށް ބަޖެޓަށް ވަންނަންވީ ފަައިސާ ގެއްލުވައިލީ. އަމިއްލަ އެކައުންޓަށް ޖަމާކުރީ. ޚަރަދުކުރާނެ ފައިސާއެއް ދައުލަތުގައި ނެތީ،" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން އެ މަނިކުފާނު ވިދާޅުވީ ލިބުނު އެހެން ފައިސާއެއް ނަމަ އެ ޚަރަދުކުރަން ޖެހުނީ ޕެޕާ ސްޕްރޭ ގަތުމަށާއި ރައްޔިތުން ޖަލުގައި ބައިތިއްބަން ކަމަށެވެ.
"އަމާންކަން ގެއްލިފައި އޮތީ. ގަދަބާރުން ވެރިކަން ކުރަން އުޅުނީ. ތިޔަ ބޭފުޅުން ފުލުސް އޮފީހުގެ ބަޖެޓަށް ބައްލަވައިލެއްވީމާ އެނގިވަޑައިގަންނަވާނެ. އޭރު މުގުރަށާއި ޕެޕާ ސްޕްރޭއަށް ކޮށްފައި ހުރި ޚަރަދު. ބަޖެޓުގެ ބޮޑުބައި ހޭދަކުރަންޖެހުނީ އެކަމަށް،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ އެއީ ސިޔާސީ ހަލަބޮލިކަމުގެ ދައުރެއް ކަމަށެވެ. ނަމަވެސް އެ މަނިކުފާނުގެ މި ސަރުކާރުން ރާއްޖޭގައި ޑިމޮކްރެޓިކް ވެރިކަމެއް ހިންގުމަށް އެންމެ ފުރަަތަމަ ދެއްވީ ސިޔާސީ ވެރިންނަށް ޚިޔާލު ފާޅުކުރުމާއި ވާދަކުރުމުގެ މިނިވަންކަންކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ބޭނުމެއް ނުވި އޭގެ ތެރެއަށް ވަދެ ވަގުތު ހޭދަކުރާކަށެއް،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުން އިސްކަންދިނީ ރައްޔިތުންނަށްވީ ވައުދުތައް ފުއްދުމަށްކަމަށެވެ. އަދި އެ މަންޒަރު ރާއްޖެއިން މިއަދު ފެންނަކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އިތުރަށް ވާހަކަފުޅުދައްކަވަމުން ރައީސްވަނީ އެ ރަށުގައި ހިންގަވާނެ މަޝްރޫއުތަކުގެ ވައުދުތައް ހިއްސާކުރައްވައިފައެވެ.
ކަމަދޫގައި ދެވަނަ ދައުރެއްގައި ހިންގާނެ މަޝްރޫތައް:
- ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލް އެޅުން
- ގިރާ ސަރަހައްދު ހިމާޔަތްކޮށް މޫދަށް އެރޭ ސަރަހައްދެއް ހެދުން
- ބޮޑު މިސްކިތެއް ތަރައްގީކުރުން
- ޒަމާނީ ފެންވަރަށް މަގުތައް ތަރައްގީކުރުން
- ސިއްހީ މަރުކަޒު ތަރައްގީކުރުން