ވައުދު ފުއްދާނެކަމުގެ ޔަގީންކަމާއެކު ރައީސްގެ ވައުދުތަކެއް ދޮންފަނަށް!

ރައީީސް ބ. ދޮންފަނަށް ވަޑައިގަތުން -- ފޮޓޯ/ އެމްޑީޕީ

ރައްޔިތުންނަށް މި ސަރުކާރުން ވާ ވައުދުތައް ފުއްދާނެ ކަމުގެ ޔަގީންކަން ދެއްވަމުން ބ. ދޮންފަނު ރައްޔިތުންނަށް ދެވަނަ ދައުރެއްގައި ކޮށްދެއްވާނެ ގިނަ ކަންތައްތަކެއް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ހާމަކުރައްވައިފިއެވެ.

ދޮންފަނުގައި މިއަދު އޮތް ޖަގަަހަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، 2008ވަނަ އަހަރު އެ މަނިކުފާނު މި ރަށަށް ވަޑައިގެންނެވި އިރާއި އޭގެ ފަސް އަހަރު ފަހުން 2013ގައި ވަޑައިގެންނެވިއިރު ވެސް އިވުނީ ރައްޔިތުންގެ ފަރާތުން އެއް ކަންތައްތަކެއް ހައްލުނުވާ ކަމުގެ ޝަކުވާ ކަމަށެވެ.

އޭގެ ތެރޭގައި ރަށްގިރުމާއި، ބަނދަރާއި، ފެނާއި ނަރުދަމާގެ އިތުރުން ގިނަ މަސައްކަތްތަކެއް ނުކުރެވި ހުރިކަމުގެ ޝަކުވާ ހުރި ކަމަށް ރައީސް ވިދާޅުވިއެވެ

އޭގެ ފަސް އަހަރު ފަހުން 2018ވަނަ އަހަރު ވެސް ރައްޔިތުން ބޭނުންވެެގެން އެދުނު އެއްވެސް ކަމެއް ފުދިފައިނުވާކަމަށް ރައީސް ވިދާޅުވިއެވެ.

"އަނެއްކާ ވެސް 2018ގައި މި ރަށަށް އަރައި ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ރައްޔިތުންނާ ބައްދަލުކުރީ ވެސް ހަމަ އެ ޝަކުވާގެ ލިސްޓު. ތަފާތެއް ނެތް. 10 އަހަރު 2008 އިން 2018އާ ދޭތެރޭގައި ދެ ސަރުކާރެއް ބަދަލުވެގެން ދިޔައިރު ވެސް މި ދެންނެވި ރައްޔިތުންގެ އަސާސީ ބޭނުންތަކާއި މުހުތާދުތައް، ޒަރޫރީ ބޭނުންތަކަށް އެއްވެސް ބަދަލެއް، އެއްވެސް އަޅައިލުމެއް ނެތި ދޫކޮށްލެވިފައި އޮތީ،" ރައީސް ވިދާޅުވިއެވެ.

ނަމަވެސް މިއަދު މި ރަށުގައި ވާހަކަފުޅުދެއްކެވި އިރު އޭގެ ތެރެއިން ގިނަ މަސައްްކަތްތައް ނިމި، ބާކީ މަސައްކަތްތައް ހިނގަމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުރެވެނީ އުފާވެރި އިހުސާސެއްކަމަށް ވެސް ވިދާޅުވިއެވެ.

ދޮންފަނުގައި ދެވަނަ ދައުރެއްގައި ހިންގާނެ މަޝްރޫތައް:

  • ފްލެޓު ނުވަތަ ރޯހައުސް އެޅުން
  • ފަސް ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލް އެޅުން
  • ބަނދަރުގައި ހައްލުކުރަންޖެހޭ ކަންކަން ކުރުން
  • ފުޓުބޯޅަ ދަނޑުގެ މަސައްކަތް އަވަސްކުރުން
  • ވޮލީކޯޓެއް އެޅުން
  • ކޮމިއުނިޓީ ސެންޓަރެއް ތަރައްގީކުރުން
  • ކުޑަކުދިންގެ ޕާކެއް ތަރައްގީކުރުން

"އަޅުގަނޑަށް ޔަގީން ދޮންފަނު ރައްޔިތުންގެ ނިންމުން ގުޅިފައި އޮންނާނީ މުޅި ރާއްޖެއަށް އަންނަ ތަރައްގީއާ،" ރައީސް ވިދާޅުވިއެވެ.

އެއާއެކު އެ މަނިކުފާނު ވަނީ އިންތިޚާބުގައި އެ މަނިކުފާނަށް މި ރަށުން ބޮޑު އަޣުލަބިއްޔަތެއް މި ފަހަރު ވެސް ދިނުމަށް އެދިވަޑައިގެންފައެވެ.

"އިރާދަކުރެއްވިއްޔާ އެއީ ގެއްލިގެންދާނެ ވޯޓެއްނޫން،" ދެން ވެސް މި ރަށަށް ކަމެއްކޮށް ދޭނީ މި ސަރުކާރުންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް