ރާއްޖޭގެ ތަރައްގީއާއި ކުރިއެރުމަށް ހުރަސްއަޅާ، އަމިއްލަ އެދުމުން ފޯވެފައި ތިބި ވެރިން ގައުމުގައި ތިއްބެވި ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ކެމްޕޭނު ކުރެއްވުމަށް އެ މަނިކުފާނު އަތޮޅު ތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ށ. ފޭދުއަށް ވަޑައިގެން ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، ތިމާ ނޫން މީހަކު ގައުމަށް ކުރިއެރުމެއް ލިބޭ ފަދަ މަސައްކަތެއް ކުރަން ނޭދޭ ވެރިން މި ގައުމުގައި އެބަ ތިބި ކަމަށެވެ.
އަދި، އެހެން މީހަކު ގައުމަށް ޚިދުމަތްތަކެއް ކޮށްދެއްވަމުން ގެންދަވާ ނަމަ އެފަދަ ވެރިން އެކަމާ މެދު ހަސަދަވެރިވެ، އެ ކަމަށް ހުރަސް އަޅާ ކަމުގެ ތުހުމަތު ގާސިމް އިބްރާހީމް ކުރެއްވިއެވެ.

ގާސިމް އިބްރާހީމް ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން / ފޮޓޯ: ޖޭޕީ
ގާސިމްގެ ވާހަކައިގައި އެ މަނިކުފާނު ވަނީ ފިނޭންސް މިނިސްޓަރުކަމުގައި ހުންނެވި ދުވަސްވަރު ރާއްޖޭގެ އިގްތިސާދީ ހާލަތު ކުރިއަރުވައި ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވިކަމާއި، އެގޮތުން 2006 ވަނަ އހަރުން ފެށިގެން 2008 ވަނަ އަހަރާ ދެމެދު ދައުލަތުގެ ބަޖެޓު އިތުރު ކުރެއްވިކަން ފާހަގަ ކުރެއްވިއެވެ.
ނަމަވެސް ބަޖެޓު ބޮޑު ކުރެއްވުމަށް ކުރެއްވި މަސައްކަތުގައި ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިވި ކަމަށް ވިދާޅުވިއެވެ.
އޭރު އެމްޑީޕީގައި ތިބި އެއްވެސް ބަޔަކު އަޅުގަނޑުމެންގެ ބަޖެޓަކަށް ވޯޓެއް ނުދޭ. ރައީސް ޔާމީނާ އެކު އުޅުނު އެއްވެސް މީހަކު އަޅުގަނޑުމެންނަކަށް ވޯޓެއް ނުދޭ. އަޅުގަނޑަށް މިއަދު ރަނގަޅަށް ވިސްނޭ. ވެރިކަމުގެ ދަހިވެތިކަމުގައި އެހެން މީހަކު ކާމިޔާބު މަސައްކަތްތަކެއް ރައްޔިތުންނަށް ޑެލިވާ ކޮށްފާނެތީ. ރައްޔިތުންގެ ރުހުމާއި ލޯބި އެހެން މީހަކަށް ލިބިދާނެތީ، ގާސިމް އިބްރާހީމް
މީގެ އިތުރުން ގާސިމް ވިދާޅުވީ، އިގްތިސާދީ ގޮތުން ގައުމު މިއަދު އޮތް ހާލަތާ މެދު ކަންބޮޑުވާން ޖެހިފައިވާ ކަަމަށާއި، ނަމަވެސް ސަރުކާރުން އެ ކަމާ މެދު ހަރުދަނާ ފިޔަވަޅެއް އަޅާފައިނެތުމަކީ ހިތާމަހުރި ކަމެއްް ކަމަށެވެ.