ބ. ގޮއިދުއިން މުޙައްމަދު ނާއިލު ހަފީޒް
ދެެވަނަ ދައުރެއްގައި ބ. ގޮއިދޫ ކައިރި އޮންނަ ރަށްތަކުގެ ރައްޔިތުންނާއި މި ރަށުގެ ރައްޔިތުންނަށް ވެސް ފަސޭހައިން ބޭސްފަރުވާ ކުރެވޭނެ މަގުފަހި ކޮށްދެއްވުމަށް ޓަކައި ގޮއިދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް އަޕްގްރޭޑްކޮށް ތަަރައްގީކޮށްދެއްވުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވައުދުވެވަޑައިގެންފިއެވެ.
ބ. އަތޮޅުގެ ހުރިހާ ރަށަކަށް ރައީސް ކުރައްވަމުން އަންނަ ކެމްޕޭން ދަތުރުފުޅުގެ ތެރެއިން މިއަދު އެ މަނިކުފާނު ތިންވަނަ ރަށެއްގެ ގޮތުގައި ވަޑައިގަތީ ގޮއިދުއަށެވެ.
މި ރަށުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ މި ރަށަށް ކޮށްދެެއްވާނެ ގިނަ ކަންތައްތަކެއްގެ ވައުދުވެވަޑައިގެންފައެވެ.
އޭގެ ތެރޭގައި ހިމެނެނީ:
- އިންޖީނުގެ ރަށުގެ މީހުން އުޅޭ ހިސާބާ ދުރުކޮށް ފެންވަރު ރަނގަޅުކުރުން
- ބަނދަރު ބޮޑުކޮށް ޒަމާނީކުރުން
- ސްޕޯޓްސް ކޮމްޕްލެކްސްއެއް އެޅުން
- ގޮއިދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުން
މީގެ އިތުރުން ކައުންސިލާ މަޝްވަރާކޮށް ރައްޔިތުން ބޭނުންވާ ކަންކަން ދެނެގަންނާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ދައުރުގައި ގޮއިދޫ، ފުޅަދޫގެ އިތުރުން ފެހެންދޫއަށް ގެނެވުނު ބަދަލު ރައްޔިތުންނަށް ސާފުކަމާއެކު ފެންނާނެ ކަމަށެވެ.
"ރަށްރަށުގައި މީހުން ދުރިއުޅޭ ހާލަތު އެނގިގެން، އައިސް އެ ކަން މި ކޮށްދެނީ. އެ ކޮށްދޭން ޖެހޭ ކަމެއްކަން އަޅުގަނޑުމެން ހިތުގެ އަޑިން ގަބޫލުކޮށްގެން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ 2018ވަނަ އަހަރު އެ މަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް ފުއްދަވަމުން އަންނަނީ ފުރިހަމަ މިނިވަންކަމާއެކު ކަމަށެވެ. އެގޮތުން މި ފަސް އަހަރުގައި ސިޔާސީ ގޮތުން އެއްވެސް މީހަކު ޖަލަށް ނުލާކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން މި ރަށުގައި ވެސް ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
އަދި ޕީއެންސީއަކީ އައު ޕާޓީއެއް ނަމަވެސް އެ ޕާޓީގައި ތިބީ ކުރިން ވެސް ރައްޔިތުން ދަންނަ މޫނުތަކެއް ކަަމަށާއި އެ ބޭފުޅުންނަށް އިތުބާރު ނުކުރުމަށް ރައީސް އެދިވަޑައިގަތެވެ.
ކުރިއަށް އޮތް ރިިޔާސީ އިންތިޚާބުގައި ރައްޔިތުން ނިންމާނެ ނިންމުން، ޚާއްސަކޮށް ގޮއިދޫގެ ރައްޔިތުންގެ ނިންމުން ވެސް ގުޅިފައި އޮތީ ރާއްޖޭގެ މުސްތަގްބަލާކަމަށް ރައީސް ވިދާޅުވިއެވެ.
އަދި 2018ގެ ކުރިން އޮތް ބިިރުވެރިކަމާއި ހަމަނުޖެހުން އަލުން އިއާދަކުރަން ރައްޔިތުން އަލުން ނޭދޭކަން ހާމަވަމުން އަންނަކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ދެކުނު ތަހައްމަލުކުރި އަނިޔާވެރިކަމުގެ ތެރެއަށް އެނބުރި ދާނީތޯ ނޫނިއްޔާ ތަރައްގީއައިގެން މި ފަށައިފައިހުރި މަސައްކަތްތަކައިގެން ކުރިއަށްދާނީތޯ ނިންމަން އޮތް ނިންމުން [ރިޔާސީ އިންތިޚާބަކީ]،" ރައީސް ވިދާޅުވިއެވެ.