ނ. މާފަރު ފަޅުތެރެއިން ކަންނެލި ހިފައި، ހުރިހާ ގެއަކަށް މިރޭ ކަންނެލިތައް ބަހައިފިއެވެ.
އެ ރަށުން "ސަން"އާ ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި، ގާތްގަނޑަކަށް 300އެއްހާ ކަންނެލި އެ ރަށުގެ ފަޅުތެރެއިން ހިފިއެވެ.
"މަސްހަޓަށް އިރުވައިމަތިން ކަންނެލިތައް ގެންދެވުނީ ބޮޑު ޕިކަޕެއްގައި ދެ ބުރު ޖަހައިގެން،" އޭނާ ބުންޏެވެ.
ކޮންމެ ގެއަކަށް ކަންނެއްޔަކާއި ފަޅިއެއް ލިބުނުކަމަށް ވެސް އޭނާ ބުންޏެވެ. ކަންނެލި ބެހިއިރު، ބިދޭސީން އުޅޭ ގެތަކާއި މަސައްކަތު ސައިޓުތަކަށް ވެސް ވަނީ ބަހައިފައެވެ.
މާފަރު ފަޅުތެރެއަށް ކަންނެލި އައިނެއް ވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. އެ ކަންނެލި އައިނުން ކަންނެލި ދާ އަޅައިގެން ހިފަން ރައްޔިތުން އެ ވަގުތު ނުކުތެވެ.

މިއީ އެ ރަށު ފަޅުތެރެއިން ބޮޑު ކަންނެލި ހިފި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ 25 އަހަރު ކުރިން ވެސް އެ ރަށުން ބޮޑު ކަންނެލި ހިފައިފައިވެއެވެ.
މާފަރަކީ ބޮޑު ފަޅެއް އޮންނަ މަސްވެރި ރަށެކެވެ. މީގެ ކުރިން ވަރަށް ގިނައިން އެ ރަށުގެ ފަޅުތެރެއިން ރިއްމަސް ހިފައެވެ.