ޑރ. މުނައްވަރުގެ ތާއީދު ޑރ. މުއިއްޒަށް، ކެމްޕޭނަށް މާދަމާ އެކުގައި އައްޑުއަށް!

ޑރ. މުނައްވަރު ވަނީ ޑރ. މުއިއްޒަށް ތާއީދުކުރަން ނިންމައިފައި --

މި އަހަރުގެ ރިޔާސީ އިންތިހާބުގައި މީގެ ކުރިން އަމިއްލަ ގޮތުން ވާދަކުރައްވަން ނިންމެވި ކުރީގެ ބަންޑާރަ ނައިބު ޑރ. މުނައްވަރު ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދުކުރައްވަން ނިންމަވައިފިއެވެ.

ޕީޕީއެމްގެ އިސް ބޭފުޅަކު "ސަން"އަށް އެ ކަން ވަނީ ކަށަވަރު ކޮށްދެއްވައިފައެވެ.

"ޑރ. މުނައްވަރު ވަނީ ޑރ. މުއިއްޒަށް ތާއިދު ކުރައްވަން ނިންމަވާފައި. މާދަމާ އައްޑޫ ދަތުރުގައި ވެސް މުނައްވަރާއި އޭނާގެ ޓީމެއް ބައިވެރިވާނެ،" ޕީޕީއެމްގެ އިސްބޭފުޅަކު ވިދާޅުވިއެވެ.

އެޓާނީ ޖެނެރަލްގެ މަގާމާއި އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވާފައިވާ ޑރ. މުނައްވަރު ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ނިންމެވިކަން އިއުލާން ކުރެއްވީ މިއަހަރުގެ މާޗު މަހުގެ ތެރޭގައެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ކެންޑިޑެންސީ ފޯމު ހުށަހަޅަން އޭނާ ވަނީ އާންމުންގެ ސޮއި ވެސް ހޯދައިފައެވެ.

އެހެން ނަމަވެސް، މި މަހުގެ ހަތްވަނަ ދުވަހު އޭނާ ވަނީ އިންތިހާބުގައި ވާދަނުކުރައްވަން ނިންމަވައި އެ ކަން އިއުލާން ކުރައްވައިފައެވެ.

މުނައްވަރު ވަނީ 2008 ގައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވައިފައެވެ. އެ ޕާޓީގެ ރައީސް ކަމަށް ކުރިމަތިލައްވާ ވެސް ވީ ނާކާމިޔާބެވެ. އޭގެ ދުވަސްކޮޅެއް ފަހުން އެމްޑީޕީއަށް ފާޑުވިދާޅުވެ އެ ޕާޓީން ވަކިވެ، ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތެވެ.

ފަހުން ޖުމްހޫރީ ޕާޓީއާ ވެސް ދުރަށް ވަޑައިގެން މޯލްޑިވްސް ރިފޯމް މޫވަމަންޓުގެ ނަމުގައި އަމިއްލަ ސިޔާސީ ޕާޓީއެއް އުފެއްދެވިއެވެ. އެހެން ނަމަވެސް، ގާނޫނުގައި ބުނާ ޝަރުތުތައް ހަަމަނުވާތީ އިލެކްޝަނުން އެ ޕާޓީ އުވާލީއެވެ.

comment ކޮމެންޓް