ނ. މާފަރަކީ ބޮޑު ފަޅެއް އޮންނަ ރަށެކެެވެ. އެ ރަށުގެ ފަޅުތެރެއަށް ޒަމާނުއްސުރެ ރިއްމަސް ވަދެއެވެ. އެތައް ހާސް ރިއްމަހެއް މާފަރުގެ ފަޅުތެރެއިން ހިފާ ދުވަސްތައް ވެސް ދެއެވެ.
އެހެން ނަމަވެސް، މާފަރު ފަޅުތެރެއަށް ރިއްމަސް ނުވަންނަތާ މިހާރު ދުވަސްގަނޑެއް ވެއްޖެއެވެ. އެއީ މާފަރުގެ ގިނަ ބަޔަކު ވެސް ކަންބޮޑުވެފައި ތިބޭ ބައެކެވެ.
އެހެން ނަމަވެސް، މިއަދު މާފަރުގެ ރައްޔިތުންނަށް ވެސް ބޮޑު ހައިރާންކަމެއް ލިބުނީ އެ ރަށު އިރުވައިމަތީ ފަޅުތެރެއިން ބޮޑު ކަންނެލީގެ އައިނެއް ވަދެފައި އޮއްވާ ފެނުމުންނެވެ.
މީގެ ކުރިން ރިއްމަސް ހިފަން ނުކުންނަ ބީދައިން، މިއަދު ވެސް މާފަރުގެ ރައްޔިތުން އެއްބައިވަންތަކަމާއެކު ދާ ހިފައިގެން ކަންނެލި ހިފަން ނުކުމެއްޖެއެވެ. އެ ބޮޑު ކަންނެލި އައިނުން އަދި ހިފުނީ 10 ވަރަކަށް ކަންނެއްޔެވެ.

މާފަރު ފަޅުތެރެއަށް ކަންނެލި އައިނެއް ވަދެގެން ހިފަނީ --
މާފަރުން "ސަން"އާ ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި މިއީ މާފަަރުން ކަންނެލި ހިފި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ 25ހަކަށް އަހަރު ކުރިން ވެސް މި ރަށުން ބޮޑު ކަންނެލި ހިފިއެވެ.
"ކުރިން ރާގޮނޑި އައިނެއް ވެސް ފަޅުތެރެއަށް ވަން. އަބަދުވެސް ވަރަށް މަސް ތިޔާގި ރަށެއް އިރާދަކުރެއްވިއްޔާ މާފަރަކީ،" އޭނާ ބުންޏެވެ.
މާފަރުގެ އިރުވައިމަތީ ކަނޑުތޮށިން ބޭރުން އަބަދުވެސް ބޮޑު ކަންނެލި ވަރަށް ތިޔާއްގެވެ. އަބަދުވެސް އެ ތަނުން ބޮޑުކަންނެލި ބާނައެވެެ.
މިހާރު ވެސް އެ ސަރަހައްދުގައި ބޮޑުކަންނެލި ހިފަން މާފަރުގެ ފިރިހެންވެރިން އެބައުޅެއެވެ.