އީރާނުގެ ޚާރިޖީ ވަޒީރުގެ ސައޫދީ ދަތުރުފުޅު ކާމިޔާބު

އީރާނާއި ސައޫދީގެ ޚާރިޖީ ވަޒީރުން ސައޫދީގައި ބައްދަލުކުރައްވަނީ

ރިޔާޟް (20 އޮގަސްޓް 2023) :ސައޫދީއާއި އީރާނާ ދެމެދު އިތުބާރު އުފެދި ދެ ގައުމުގެ ދެމެދުގައި މިހާތަނަށް ނުއުފެދޭ ވަރުގެ ގާތް ގުޅުންތަކެއް އުފެދިއްޖެ ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު ހުސައިން އަމީރު އަބްދުއްލަހްޔާން ވިދާޅުވެއްޖެއެވެ.

ސައޫދީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެނބުރި ގައުމަށް ވަޑައިގެން ދެއްވި ބަޔާނެއްގައި އަބްދުއްލަހްޔާން ވިދާޅުވީ ސައޫދީ ޚާރިޖީ ވަޒީރު ފައިސަލް ބިން ފަރުހާންއާ އަދި ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާންއާ އެކު އޭނާ ކުރެއްވީ ވަރަށް ބިނާކުރަނިވި މަޝްވަރާތަކެއް ކަމުގައެވެ.

މިގޮތުން ސައޫދީއާއި އީރާނާ ދެމެދު ކުރިން ސޮއިކޮށްފައިވާ އެއްބަސްވުންތައް ތަންފީޒު ކުރަން އަލުން ފެށުމަށާ ޚާއްސަކޮށް ދެ ގައުމުގެ ދެމެދުގައި ސޮއިކޮށްފައިވާ އަމަނާބެހޭ އެއްބަސްވުންތައް ތަންފީޒު ކުރަން އިސްކަން ދިނުމަށް ދެ ގައުމުން އެއްބަސްވި ކަމަށާއި މިއާ އެކު ސައޫދީއާއި އީރާނުގެ ގުޅުންތައް މިހާރު ވަނީ ރަނގަނޅު މިސްރާބެއްގައި ކަމަށް ވެސް އަބްދުއްލަހްޔާން ވިދާޅުވިއެވެ.

އީރާނުގެ އެހީތެރިކަން ސައޫދީއަށް ބޭނުންވާ މައްސަލަތަކުގެ ތެރޭގައި ގަލްފުގައި ހަމަޖެހުން ގާއިމު ކުރުމާއި ޔަމަން ހަނގުރާމައިގެ ތެރެއަށް ސައޫދީ އަސްކަރީ ގޮތުން ވެދެގަތުމުގެ ސަބަބުން ސައޫދީއަށް ކުރިމަތިވެފައިވާ މައްސަލަތައް ހިމެނެއެވެ.

މީގެ ތެރޭގައި އީރާނުގެ މަދަދުލިބޭ ޔަމަންގެ ހޫޘީން ވެރިކަމުން ބާލައި ސައޫދީ ގެ ކޮންޓްރޯލް އޮންނަ ޔަމަންގެ ސަރުކާރު އަލުން އަނބުރައި ޔަމަންގެ ވެރިކަމަށް ގެނައުމަށް ސައޫދީ ކުރި ހަނގުރާމަ ނާކާމިޔާބުވުމުން ސައޫދީއަށް ކުރިމަތިވެފައިވާ މައްސަލަތައް ހިމެނެއެވެ.

ބިން ސަލްމާން އީރާނުގެ ޚާރިޖީ ވަޒީރު އާ ބައްދަލުކުރައްވަނީ

ސައޫދީން ހޫޘީންނާ ދެކޮޅަށް ހަތް އަހަރުގެ ދިގުލީ ހަނގުރާމައެއް ކޮށްފައިވާއިރު އެ ހަނގުރާމައިގެ ސަބަބުން ޔަމަން ހަލާކުވެގެން ދިޔުން ފިޔަވައި އެހެން ކަމެއް ވެފައެއް ނުވެއެވެ. ސައޫދީގެ މަދަދު ލިބޭ ޔަމަންގެ ސަރުކާރު އަލުން އަނބުރައި ޔަމަންގެ ވެރިކަމަށް ގެނެވިފައެއް ނުވެއެވެ. އީރާނުގެ މަދަދު ލިބޭ ހޫޘީން އަދިވެސް ތިބީ ޔަމަންގެ ވެރިކަމުގައެވެ.

ހޫޘީންގެ އަތްދަށުގައިވާ ސަރަހައްދުތައް މިނިވަން ކުރުމުގައި ވެސް ސައޫދީ ވަނީ ނާކާމިޔާބުވެފައެވެ. މި ހަނގުރާމަ އަމަލީ ގޮތުން މިހާރު ވަނީ ހުއްޓާލާފައެވެ. ހަނގުރާމައިގެ ދުވަސްވަރުގެ ހޫޘީންގެ ރައްދު ހަމަލާތައް ސައޫދީ އެންމެ ފުނަށް ވެސް އަމާޒުވެގެންދިޔައެވެ.

އީރާނާއި ސައޫދީ ހަތުރުވެރިކަން ދޫކޮށްލުމަށް ފަހު އަލުން ގުޅުންތައް ގާއިމު ކުރީ ޗައިނާ ފަހަތުގައި އޮވެގެން މި އަހަރުގެ ކުރީކޮޅުގައެވެ. ރިޕޯޓުތައް ބުނާގޮތުން އީރާނާ އެކު ގާއިމު ކުރި ގުޅުންތަކުގެ އެހީގައި ސައޫދީ މިހާރު މަސައްކަތް ކުރަނީ ޔަމަންގެ މައްސަލަ ސައޫދީގެ މަސްލަހަތަށް ގެއްލުން ނުވާނެގޮތެއްގެ މަތިން ހައްލު ކުރުމަށެވެ. އަދި، ޔަމަން ހަނގުރާމައިގާ ސައޫދީ ބަލިވިކަން ބޭޒާރު ނުވާފަދަ ގޮތަކަށް އަދި ސައޫދީގެ މޫނު ސަލާމަތް ކުރެވޭފަދަ ގޮތަކަށް ޔަމަން ހަނގުރާމަ ރަސްމީ ސިފައެއްގައި ނިމުމަކަށް ގެނައުމުގައި އީރާނުގެ އެހީތެރިކަން ހޯދުމަށެވެ.

އީރާން އޮތީ މި ކަމުގައި ސައޫދީއަށް އެއްބާރުލުން ދޭގޮތަށް ކަމަށްވެއެވެ. އެއީ ސައޫދީއާ އެކު ރަނގަނޅު ގުޅުންތަކެއް އޮތުމަކީ އީރާނަށް ވެސް ސްޓްރެޓީޖިކް ގޮތުން ވަރަށް މުހިއްމު ކަމަކަށް ވާތީއެވެ. އަދި، އީރާނުގައި އިންވެސްޓްކޮށް ސައޫދީގެ ބާޒާރު އީރާނަށް ހުޅުވާލާނެކަމުގެ ޔަގީންކަން ސައޫދީން އީރާނަށް ދީފައިވާތީއެވެ.

އީރާނަކީ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ނޭދެވޭ އަސަރު ކުރާ ގައުމަކަށްވާތީ ސައޫދީގެ އިގްތިސާދީ އެހީތެރިކަމަކީ އީރާނަށް ވަރަށް ބޭނުންތެރި އެއްޗެކެވެ.

އީރާނުގެ ބާރާއި ނުފޫޒު އިރާގާއި ސޫރިޔާ އަދި ލުބްނާން ފަދަ އަރަބި ގައުމުތަކުގައި ބޮޑުވުމަކީ ސައޫދީ ކަންބޮޑުވާ ކަމަކަށް ވާތީ އީރާން މިހާރު ވަނީ ސައޫދީގެ މަސްލަހަތަށް ގެއްލުންނުވާނެ ގޮތެއްގެ މަތިން އެ ގައުމުތަކުގައި އީރާނުގެ އަމަލުތައް ބަހައްޓާނެކަމުގެ ޔަގީންކަން ސައޫދީ މަސްއޫލުވެރިންނަށް ދީފައިކަމަށް ޚަބަރުތައް ބުނެއެވެ.

ސައޫދީއާއި އީރާނުގެ ގުޅުންތައް ޚާރާބުކޮށްލުމަށް އެމެރިކާއާއި އިސްރާއީލު ގެންދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. ނަމަވެސް ކުރިއާ ޚިލާފަށް ސައޫދީ ޚާރިޖީ ސިޔާސަތަށް މިހާރު ވަނީ ބޮޑެތި ބަދަލުތަކެއް ގެނަސްފައެވެ. މީގެ ތެރޭގައި އެމެރިކާއަށް ބަރޯސާވާ މިންވަރު ކުޑަކުރުމާއި އެމެރިކާގެ ހަތުރުން ކަމަށްވާ ރަޝިއާއާއި ޗައިނާއާ އެކު ގާތް ގުޅުންތަކެއް ގާއިމު ކުރުން ހިމެނެއެވެ. އެހެންކަމުން އެމެރިކާ އެދޭ ކޮންމެ އެދުމަކަށް ސައޫދީ މިހާރު ދީލައި ނުލާނެ ކަމަށް މުހައްލިލުން ދެކެއެވެ.

އީރާނުގެ ޚާރިޖީ ވަޒީރު ސައޫދީއަށް ކުރެއްވި ދަތުރުފުޅުގައި ސައޫދީ ބާރުގަދަ މީހާގެ ނަމުން ސިފަކުރެވޭ އެ ގައުމުގެ ވަލީއުލްއަހުދު މުހައްމަދު ބިން ސަލްމާން ވެސް ވަނީ އޭނާއާ ބައްދަލުކުރައްވައި 90 މިނެޓުގެ މުހިއްމު މަޝްވަރާތަކެއް ކުރެއްވި ކަމަށް ރިޕޯޓްތައް ބުނެއެވެ. ސައޫދީއާއި އީރާން އަލުން ގުޅުންތައް ގާއިމު ކުރީ ގުޅުންތައް ކެނޑިފައިވާތާ ހަތް އަހަރު ފަހުންނެވެ.

comment ކޮމެންޓް