ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިޚާބުވެއްޖެ ނަމަ ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ކްލާސްރޫމްތައް އޭސީކޮށްދިނުމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވައުދުވެވަޑައިގެންފިއެވެ.
ށ. މިލަންދޫގައި އޮތް ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ގާސިމް ވިދާޅުވީ އެންމެ ފުރަތަމަ ރާއްޖޭގެ ހުރިހާ ސްކޫލުތަކެއްގައި ކޮމްޕިއުޓަރު ލެބޯޓްރީ ގާއިމްކުރުމަށް ވެސް ރަށްރަށުގެ ސްކޫލުތަކަށް އޭނާ އެހީ ފޯރުކޮށްދީފައިވާނެކަމަށެެވެ.
އަދި މިއަދު ވެސް އެ އެހީ ދެމުން އަންނަކަމަށް ގާސިމް ވިދާޅުވިއެވެ.
އެއާއެކު އޭނާ ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކާއެކު މިއަދު ސްކޫލުތަކަށް އެންމެ މުހިންމީ ގަދަ ހޫނުން ސަލަމާތްވެ، ރަނގަޅު މާހައުލެއްގައި ސްކޫލުގައި ކިޔެވޭނެ މަގު ތަނަވަސްވުންކަމަށެވެ.
އެ ކަމަށް ޓަކައި މުޅި ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ހުރިހާ ކްލާސްރޫމެއް ވެރިކަން ލިބޭތާ 'މަދު ދުވަސްކޮޅެއް ތެރޭ' އޭސީކޮށްދެއްވާނެކަމަށް ގާސިމްވަނީ ވައުދުވެވަޑައިގެންފައެވެ.
"މިހާރު އާދަޔާ ޚިލާފަށް މޫސުން މި އަންނަނީ ބަދަލުވަމުން ދެއްތޯ. އެހެންވީމާ ކިޔަވާ ކުދިން ސްކޫލްތަކަށް ގޮސް އުޅޭއިރު އެ ކުދިންގެ ޝަކުވާ ވަރަށް ބޮޑަށް ޓީޗަރުންނާއި އަދި ތަންތަނުގެ ޕްރިންސިޕަލުންގެ ފަރާތުން މި ވާހަކަ އަޅުގަނޑަށް އަޑުއިވޭ. މެދުކެނޑުމެއް ނެތި އަޅުގަނޑާ ހަމައަށް އާދޭ. އަޅުގަނޑު ދަންނަވަން މި އުޅޭ ވާހަކައަކީ އަޅުގަނޑުމެންގެ ސަރުކާރެއްގައި މާތްﷲގެ ވާގިފުޅާއެކީގައި މާ ގިނަ ދުވަސްތަކެއް ނުވެ ރާއްޖޭގެ ހުރިހާ ރަށެއްގެ ހުރިހާ ކްލާސްރޫމްތަކެއް އޭސީކޮށްދޭނަން،" އޭނާ ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބަށް އަންނައިރު އެ ކެންޑިޑޭޓަކު ކުރިމަތިލާ ސަބަބު އެންމެ ރަނގަޅަށް އެނގިލައްވާނީ އެ ކެންޑިޑޭޓަކަށް ކަމަށެވެ.
އެގޮތުން ގާސިމް ވިދާޅުވީ ރިޔާސީ އިންތިޚާބަށް އޭނާ ނިކުމެވަޑައިގަތީ ކޮންމެހެން ވެރިކަން ކުރުމުގެ ބޭނުމުގައި ނޫންކަމަށެވެ. އިންތިޚާބަށް ކުރިމަތިލީ ރައްޔިތުންނަށް މިއަދަށްވުރެ ހެޔޮ ދުވަސްތަކެއް ގެެނެސްދީ އުފާވެރިކަން ގެނެސްދިނުމުގެ މަގްސަދުގައިކަމަށް ގާސިިމް ވިދާޅުވިއެވެ.
މީގެ އިތުރުން މިނިވަންކަން މިއަދު އަތްމަތީ އޮތްތޯ ސުވާލު އުފައްދަވަމުން އޭނާ ވިދާޅުވީ ގައުމުގެ މިނިވަންކަން ކަށަވަރުކުރުމަކީ ވެސް އިންތިޚާބުގައި ކުރިމަތިލުމުގެ ބޭނުމެއް ކަމަށެވެ.
ގާސިމް ވިދާޅުވީ އަބަދުވެސް މިލަންދޫއަށް އާދެވުމުން ކުރެވެނީ އުފާވެރި އިހުސާސެއްކަމަށެވެ.
"އެ ކަމަށް ޓަަކައި ވެސް މި ރަށުގެ ލޮބުވެތި ރައްޔިތުންނަށް ވަަރަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން،" ގާސިމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ ވެރިއަކީ ހެޔޮލަފާ ވެރިއެއްނަމަ ގާނޫނު ބަދަލުކޮށްގެން ނަމަވެސް ދެވަނަ ނުވަތަ ތިންވަނަ ދައުރެއް ދިނުމަށް ފަސް ނުޖެހޭނެކަމަށެވެ.
ނަމަވެސް ރައީސަށް ދެވަނަ ދައުރެއް ދިނުމަށް ރައްޔިތުން ފަސްޖެހެނީ ގާނޫނާ ޚިލާފަށް އެ މަނިކުފާނު އަމަލުކުރައްވާތީކަމަށް ގާސިމް ވިދާޅުވިއެވެ.
އެގޮތުން މިއަދު ރާއްޖޭގައި ބޭރު ގައުމުތަކުގެ ސިފައިން ތިބިކަމަށް ތުހުމަތުކުރައްވައި އޭނާ ވިދާޅުވީ ހަނިމާދުއަށް އޭނާ ވަޑައިގަތުމުން ވެސް ދިވެހީން ނޫން އިތުރު ގައުމެއްގެ ސިފައިން ފެނިފައިވާކަމަށެވެ.
އަދި އޭނާ ރައްޔިތުންނާ ވަހަކަފުޅުދައްކަވަމުން ދިޔައިރު އެ ސަރަހައްދުން އެ މީހުން ދަތުރުކުރަމުން ބަލަމުން އައިކަމަށް ވެސް ގާސިމް ތުހުމަތުކުރެއްވިއެވެ.
"މި ކޮންކަމެއްތޯ. އެ ބޭފުޅުންނަށް ކީއްތޯ އަޅުގަނޑުމެން ކޮންމެ ވާހަކައެއް ދެއްކިއަސް. އަޅުގަނޑުމެން މި ދައްކަނީ އަޅުގަނޑުމެންގެ ގައުމުގެ ވާހަކަ،" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ އަޅުވެތިކަމުގައި ގައުމު އޮވެއްޖެނަމަ ވާނެ ތަރައްގީއެއް ނޯންނާނެކަމަށެވެ.