މެލޭޝިއާގެ ހައިވޭއަކަށް ޖެޓެއް ވެއްޓި، 10 މަރު

މަތިންދާ ބޯޓު ވެއްޓުނު ހައިވޭގައި މަތިންދާ ބޯޓު ވެއްޓުނު ތަން ސާފުކޮށްފައި

ޝާހު އާލަމް (18 އޮގަސްޓް 2023): މެލޭޝިޔާގެ ސެލަންގޯ ސްޓޭޓްގެ ސިޓީއެއްކަމަށްވާ ޝާހު އާލަމްގެ ހައިވޭއެއްގެ މައްޗަށް އިއްޔެ ކުޑަ މަތިންދާބޯޓެއް ވެއްޓުނު ހާދިސާގައި 10 މީހުން މަރުވިކަމަށް އެގައުމުގެ ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނިގޮތުގައި މިއީ ކުއްލިއަކަށް ދިމާވި ނުރައްކާތެރި ހާދިސާއެކެވެ. މި ހާދިސާގައި މަރުވި މީހުންނަކީ އެ މަތިންދާބޯޓުގައި ތިބި ހަ ފަސިންޖަރުންނާއި، ދެ ފަޅުވެރިންގެ އިތުރުން އެހައިވޭގައި ދަތުރު ކުރަމުންދިޔަ ދެ މީހެކެވެ. ޝާހު އަލާމްގެ ފުލުހުންގެ ވެރިޔާ މުޙައްމަދު އިގުބާލް ވިދާޅުވިގޮތުގައި ވެއްޓުނު މަތިންދާބޯޓަކީ ޕްރައިވެޓް ކުންފުންޏަކަށް ނިސްބަތްވާ މަތިންދާ ބޯޓެކެވެ.

އެ ބޯޓު ދަތުރުކުރީ މެލޭޝިޔާގެ ލަންކާވީން ފުރައިގެން ސެލަންގޯގައި އޮންނަ ސުބާންގެ ވައިގެ ބަނދަރަށެވެ. ލަންކާވީއަކީ މެލޭޝިއާގައި ފަތުރުވެރިކަމަށް މަޝްހޫރު ސަރަހައްދެކެވެ. އެ ބޯޓު ވެއްޓުނީ ސުބާން ވައިގެ ބަނދަރުގައި ޖައްސަން ތައްޔާރުވަމުން ދިޔަ ވަގުތުގައި ކަމަށް ޚަބަރުތައް ބުނެއެވެ. ވެއްޓެން މެދުވެރިވި ސަބަބެއް ނޭނގެއެވެ.

މަތިންދާ ބޯޓު ވެއްޓުނުތަނުގައި ފުލުހުން ހަރަކާތްތެރިވަނީ

މިހާދިސާއާބެހޭ ރިޕޯޓްތައް ބުނާގޮތުން ޝާހު އާލަމްގެ ހައިވޭއަށް ބާރު ސްޕީޑުގައި އެބޯޓު ވެއްޓުމާއެކު ހައިވޭގައި ދަތުރު ކުރަމުންދިޔަ އެތައް އުޅަނދެއްގައި އެބޯޓުޖެހި އެކްސިޑެންޓް ވިއެވެ. އަދި، އެއާއެކު ބޯޓުގައި ބޮޑު ގޮވުމެއް ގޮވައި، އަލިފާން ރޯވިއެވެ. ބެލެވޭގޮތުގައި އޭގައިރޯވީ އެބޯޓުގައި ހުރި ތެލުގައި އަލިފާން ހިފުމުންނެވެ.

މި ހާދިސާގައި މަރުވި ދިހަ މީހުންގެ ތެރޭގައި ސެލަންގޯގެ ލޯކަލް ޕާލަމެންޓްގެ މެންބަރެއްކަމަށްވާ ޖައުހަރީ ހާރޫނު ހިމެނިވަޑައިގަންނަވައެެވެ. އޭނާއަކީ އެބޯޓު ވެއްޓުނުއިރު ޝާހު އާލަމްގެ ހައިވޭގައި ދަތުރުކުރަމުން ދިޔަ ބޭފުޅެކެވެ.

މެލޭޝިޔާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ މުހައްގިގުންނާއި ފަންނީ މުވައްޒަފުންވަނީ މި ބޯޓު ވެއްޓުނު ތަނަށް ގޮސް އެތަން ބައްލަވާފައެވެ. އަދި އެބޯޓުގެ ކަޅުފޮށި ހޯދުމުގެ މަސައްކަތްވެސްވަނީ ފަށާފައެވެ.

މެލޭޝިޔާގެ ދަތުރުފަތުރާބެހޭ ވަޒީރު އެންތަނީ ލޮކް ވިދާޅުވިގޮތުގައި ވެއްޓުނު މަތިންދާބޯޓުގެ ކަޅު ފޮށި އަދި ނުފެނެއެވެ. އެފޮށި ހޯދުމުގެ މަސައްކަތް ދަނީ ކުރިޔަށެވެ. ކަޅު ފޮއްޓަކީ މަތިންދާ ބޯޓުގެ ދަތުރުތަކާ ބެހޭ ހުރިހާ މައުލޫމާތެއް ރިކޯޑުކޮށް ރައްކާކޮށްފައިވާ ފޮއްޓެވެ. އެފޮށި ހޯދައި އޭގައި ރެކޯޑު ކުރެވިފައިވާ މައުލޫމާތު ދެނެގަތުމުން ބޯޓު ވެއްޓެން މެދުވެރިވި ސަބަބު އެނގޭނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް