އިސްލާމް މާއްދާ އިނގިރޭސިން ކިޔެވުމުގެ އިޚްތިޔާރު ދަރިވަރުންނަށް ދިނުމަށް އެމްޑީޕީގެ ތައުލީމީ މެނިފެސްޓޯގައި ހިމެނީ ކުދިންގެ ޝައުގުވެރިކަން އެ މާއްދާއަށް އިތުރުކުރުމަށް ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ކެންޕޭނު ތަރުޖަމާނު އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މާރިޔާ ވިދާޅުވީ، އިނގިރޭސިބަހުން އިސްލާމް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތު ހޯދައިދިނުމަކީ ގައުމިއްޔަތާ ގުޅުންހުރި ކަމެއް ނޫންކަމަށެވެ.
"އިސްލާމްދީން ބާވައިލެއްވީ އަރަބި ބަހުން.. ގުރުއާން [ވެސް]، ދެން އަނެއްކާ ހަދީސްތަކާ އެއްޗެހި ވެސް ހުރީ އަރަބިން. އެހެންވީމާ ދިވެހިބަހާ ސީދާ އިސްލާމްދީނަކާ ގުޅުމެއް ނެތް،" އޭނާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، އެ ކަން މެނިފެސްޓޯގައި ހިމެނީ ކުދިންނަށް ފަސޭހައިން ދީން އުނގަންނައިދީ، ކުދިންގެ ހިތުގައި އުފެދޭ ސުވާލުތައް އޮޅުންފިލުވުމަށް މަގުފަހި ކުރުވުމަށް ކަމަށެވެ.
"މިހާރުގެ ކުދިން ވަރަށް ގިނައިން އިނގިރޭސިބަހުން ވާހަކަދައްކާ އުޅެނީ، ހުރިހާ އެއްޗެއް ވެސް ސައްހަ، ހުރިހާ އިސްލާމް ދީނުގެ ވާހަކަތަކެއް ރިސާޗު ހެދޭވަރަށް އެބަހުރި އިނގިރޭސި ބަހުން ލިޔެވިފައި،" އޭނާ ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ މަގުސަދަކީ އިސްލާމްދީނާ މެދު، ކުދިންގެ މެދުގައި ޝައުގުވެރިކަން އިތުރުކުރުވާ، މާއްދާއެއްގެ ގޮތުގައި ކުރިއެރުމުގެ ފުރުސަތު ދިނުމަށް ކަމަށެވެ.
އެމްޑީޕީގެ ތައުލީމީ ސިޔާސަތުތަކުގެ ތެރޭގައި އިސްލާމްދީން އިނގިރޭސި މާއްދާއިން ކިޔަވަން ބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތު ހޯދައިދިނުމަށް ހުޅުވާލުމަށް ހިމެނުމާއެކު، އިދިކޮޅު ގިނަ ޕާޓީތަކުގެ ފާޑުކިޔުން ވަނީ އެކަމަށް އަމާޒުވެފައެވެ.