އެކްސްގައި އެކައުންޓްތައް ބްލޮކް ނުކުރެވޭ ގޮތް ހަދަނީ

އެކްސްއިން އެއް އެކައުންޓަށް އަނެއް އެކައުންޓް ބްލޮކް ނުކުރެވޭ ގޮތް ހަދާނެ ކަމަށް އެ ކުންފުނީގެ ވެރިޔާ އީލޯން މަސްކް ވަނީ ބުނެފަ -- ފޮޓޯ/ ޔޫޕީއައި

ކުރިން ޓްވިޓާގެ ނަމުން މަޝްހޫރުވި ސޯޝަލް މީޑިއާ ކުންފުނި އެކްސްއިން އެއް އެކައުންޓަށް އަނެއް އެކައުންޓް ބްލޮކް ނުކުރެވޭ ގޮތް ހަދާނެ ކަމަށް އެ ކުންފުނީގެ ވެރިޔާ އީލޯން މަސްކް ވިދާޅުވެއްޖެއެވެ.

މަހުޖަނު އީލޯން މަސްކް މިދިޔަ އަހަރު ގަތް ކުންފުންޏަށް އަނެއްކާ މި ބޮޑު ބަދަލު ގެންނަން ނިންމާފައި މިވަނީ ދާދިފަހުން އެ ޕްލެޓްފޯމަށް އޭނާ ގެނައި ބަދަލުތަކާ ގުޅިގެން ޚިޔާލު ތަފާތުވުން ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

އެކްސްގައި ހުންނަ ބްލޮކް ފަންކްޝަންގެ ސަބަބުން ވަކި އެކައުންޓްތަކަށް ވަދެ، އެ އެކައުންޓްތަކުގެ ޕޯސްޓްތައް ބެލުމާއި ފޮލޯ ކުރުން މަނާކުރެވޭނެއެވެ.

"ޑީއެމްގައި ފިޔަވައި، ފީޗާ އެއްގެ ގޮތުގައި 'ބްލޮކް' ޑިލީޓް ކުރާނެ،" މަސްކް ބުންޏެވެ.

އޭނާ ބުނި ގޮތުގައި އެކްސްއިން އަދިވެސް މިއުޓް ފަންކްޝަން ދަމަހައްޓާނެއެވެ. އޭގެ ސަބަބުން އެމީހަކު ދެކެން ބޭނުންނުވާ އެކައުންޓެއްގެ ޕޯސްޓްތައް ނުފެންނަ ގޮތް ހެދޭނެއެވެ. ނަމަވެސް ބްލޮކް ކުރުމާއި އެހެން އެކައުންޓަކަށް ފިޔަވަޅު އެޅުމުގެ ފުރުސަތު ނުދޭނެކަމަށް މަސްކް ބުންޏެވެ.

ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އެއްވެސް ހިފެހެއްޓުމެއް ނެތި ދޫކޮށްލާ މީހެއްގެ ގޮތުގައި ސިފަކޮށްފައިވާ މަސްކްއަށް ފާޑުކިޔާ ބައެއް ފަރާތްތަކުން ބުނަމުން ދަނީ އޭނާގެ ވިސްނުމަކީ ޒިންމާދާރުކަން ކުޑަ ވިސްނުމެއް ކަމަށެވެ.

އޭނާ މަގާމާ ހަވާލުވި ފަހުން އެ ޕްލެޓްފޯމުގައި ނަފްރަތު އުފެދޭ ވާހަކަތައް އިތުރުވެފައިވާކަން ފާހަގަކުރެވިފައިވާ އިރު، ބައެއް ސަރުކާރުތަކުން ވަނީ އެ ކުންފުނީގެ ކޮންޓެންޓް މޮޑަރޭޓް ކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާ ކަމަށް ތުހުމަތުކޮށް އެޕްލެޓްފޯމް ބްލޮކް ކޮށްފައެވެ.

ބްލޮކް ފީޗާ ނައްތާލުން ނުވަތަ ލިމިޓް ކުރުމަކީ އެޕަލްއިން އެކުލަވާލާފައިވާ ގައިޑްލައިންތަކާ އެކްސް ޚިލާފުވެދާނެ ކަމެކެވެ. އެޕް ސްޓޯރު އަދި ގޫގުލް ޕްލޭސްޓޯރުގައި ކަނޑައަޅައިފައިވާ އިންތަކާއި ގަވާއިދުތަކާ ޚިލާފުވާނަމަ އެޕަލްއިން ފިޔަވަޅު އެޅުމުގެ ފުރުސަތު އޮންނާނެއެވެ.

އެޕަލްގެ ގަވާއިދުތަކުގައި އޮންނަ ގޮތުން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އެކައުންޓްތައް ބްލޮކް ކުރުމުގެ ގާބިލުކަން ހުންނަން ޖެހޭނެ ކަމަށެވެ. އަދި ގޫގުލް ޕްލޭ ސްޓޯރުން ވެސް ވަނީ އެޕްލިކޭޝަންތަކުން ބޭނުންކުރާ ކޮންޓެންޓާއި ބޭނުންކުރާ ފަރާތްތައް ބްލޮކް ކުރުމަށް އިން-އެޕް ސިސްޓަމެއް ފޯރުކޮށްދޭން ޖެހޭނެ ކަމަށް ކަނޑައަޅާފައެވެ.

މިކަމާ ގުޅިގެން ގޫގުލް އަދި އެޕަލްއިން ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

މިފަދަ ބަދަލުތަކާއެކު އެކްސް ކުރިއަށްދާއިރު، އެ ކުންފުނިން ބުނީ ޕްރޮޑަކްޓް އަދި އިންޖިނިއަރިން ޓީމުތަކުގައި މަސްކް އިސްކޮށް ހުންނާނެ ކަމަށާއި ލީގަލް އަދި ސޭލްސް ހިމެނޭ ގޮތަށް އެހެން ހުރިހާ ޓީމެއްގައި އިސްކޮށް ހުންނަވާނީ ސީއީއޯ ލިންޑާ ޔަކަރިނޯ ކަމަށެވެ.

comment ކޮމެންޓް