މާޅޮހު ފެނާއި ނަރުދަމާގެ މަސައްކަތް ނިމި، ކަންބޮޑުވުމަށް ހައްލެއް

ބ. މާޅޮސް

ބ. މާޅޮހުގައި އެމްޑަބްލިއުއެސްސީން ކުރިއަށް ގެންދިޔަ ފެނާއި ނަރުދަމާގެ މަޝްރޫއު ނިންމާ، ކޮމިޝަން ކުރުމުގެ މަސައްކަތް ޕްލޭނިންގް މިނިސްޓްރީ، ފެނަކަ އަދި އެމްޑަބްލިޔުއެސްސީން ފަށައިފިއެވެ.

މި މަޝްރޫޢުގެ ދަށުން، މާޅޮހުގައި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން ޤާއިމްކޮށް، ފެނާއި ނަރުދަމާ ހޮޅީގެ މައިނެޓްވޯކް އަޅައި އަދި ގޭގެޔަށް ފެނާއި ނަރުދަމާ ކަނެކްޝަން ވަނީ ގުޅާފައެވެ.

މީގެ އިތުރުން، ފެން ރައްކާ ކުރުމަށް ތާންގި ބަހައްޓައި، ބޯހޯލް ތޮރުފައި، ޕަންޕިން ސްޓޭޝަނާއި، ސީ އައުޓް ފޯލް އަދި ރިޖެކްޓް ލައިންވެސް ވަނީ އަޅާފައެވެ. މި މަޝްރޫޢުގެ ދަށުން ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސަމާނު ވެސް ފޯރުކޮށްދޭނެއެވެ.

މާޅޮހުގެ ފެނާއި ނަރުދަމާގެ މަޝްރޫއު ނިމުމާ ގުޅިގެން "ސަން"އާ ވާހަކަ ދައްކަވަމުން އެ ރަށު ކައުންސިލްގެ ރައީސް އަބްދުﷲ ޝުޖާއު ވިދާޅުވީ، އެ ޚިދުމަތް ދެ ދުވަހެއްގެ ތެރޭގައި ރައްޔިތުންނަށް ލިބެން ފެށޭނެ ކަމަށެވެ.

ޝުޖާއު ވިދާޅުވީ، ނަރުދަމާގެ މަޝްރޫއާ އެކު މާޅޮހު ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުން ހައްލުވީ ކަމަށެވެ. އަދި, މިއީ ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ އަސާސީ ޚިދުމަތެއް ކަމަށާއި ނަމަވެސް މި ވީހާ ދުވަހު ވެސް އެ ޚިދުމަތް ލިބިފައި ނެތް ކަމަށެވެ.

"މި ސަރުކާރުން އަޅުގަނޑުމެންނަށް މި ޚިދުމަތް ދިނީމަ އަޅުގަނޑު މުޅި ރަށުގެ ރައްޔިތުންގެ ނަމުގައި ޝުކުރު ވެރިވަން،" ޝުޖާއު ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ޖުމްލަ އަގަކީ 60.45 މިލިއަން ދިވެހި ރުފިޔާއެވެ. މި މަޝްރޫޢުގެ ސަބަބުން މާޅޮހުގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާ ނިޒާމެއް ލިބިގެންދާނެއެވެ. މާޅޮހުގެ އާބާދީއަކީ 486 އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް