ވެސްޓް ހާމުން ކުރު މުއްދަތަކަށް ލިންގާޑް ގެންދަނީ

އިނގިރޭސި ފޯވަޑް ޖެސޭ ލިންގާޑް -- ފޮޓޯ/ ގެޓީ

އިނގިރޭސި ފޯވަޑް ޖެސޭ ލިންގާޑް، ކުރު މުއްދަތަކަށް ގެންދިއުމަށް ވެސްޓް ހާމް ޔުނައިޓެޑުން މަސައްކަތް ކުރާ ކަމަށް ރިޕޯޓުކޮށްފިއެވެ.

މިދިޔަ ސީޒަން ނިމުމާ އެކު ނޮޓިންހަމް ފޮރެސްޓާ އެކު ލިންގާޑް ހަދާފައިވާ ކޮންޓްރެކްޓް ނިމުމަކަށް އައުމާ ގުޅިގެން އޭނާ ހުރީ ކްލަބެއް ނެތް ކުޅުންތެރިއެއްގެ ގޮތުގައެވެ. އުމުރުން 30 އަހަރުގެ ލިންގާޑް ހޯދުމަށް އެމެރިކާގެ ކްލަބުތަކަކުން ވެސް މަސައްކަތްކުރިއެވެ.

ރިޕޯޓުތައް ބުނާގޮތުގައި ކުރިން މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ލިންގާޑަށް މި ހަފުތާގައި ވެސްޓް ހާމްގެ ތަމްރީނުތަކުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށްފަހު، އޭނާއަށް ކުރު މުއްދަތެއްގެ ކޮންޓްރެކްޓެއް ހުށަހެޅުމަށް އެ ކްލަބުން ދަނީ ތައްޔާރުވަމުންނެވެ. ނަމަވެސް ފުރަތަމަ ކަމަކަށް ވެސްޓް ހާމްގެ ކޯޗު ޑޭވިޑް މޮއިސްއަށް އޭނާގެ ފިޓްނަސް ސާބިތުކޮށްދޭން ޖެހޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިދިޔަ ސީޒަނުގައި ވެސްޓް ހާމުން ލިންގާޑް ހޯދުމަށް މަސައްކަތްކުރި ނަމަވެސް، އޭނާ ނިންމާފައިވަނީ ނޮޓިންހަމް ފޮރެސްޓާ ގުޅުމަށެވެ. މިދިޔަ ސީޒަނުގައި ފޮރެސްޓަށް ކުޅުނު 20 މެޗުން އޭނާއަށް ކާމިޔާބުކޮށްދެވިފައިވަނީ އެންމެ ދެ ގޯލެވެ.

މެންޗެސްޓާ ޔުނައިޓެޑުން ތަމްރީނުވެގެން އައި ލިންގާޑްގެ ސީނިއާ ކެރިއަރު ވެސް ފެށީ އެ ކްލަބުންނެވެ. ޔުނައިޓެޑާއެކު 2011 ވަނަ އަހަރުން ފެށިގެން ދާއިމީ ކޮންޓްރެކްޓެއް އޮތް ނަމަވެސް، 2022ގެ ނިޔަލަށް އޭނާ ގިނައިން ކުޅެފައިވަނީ ލޯނުގެ ދަށުން އެހެން ކްލަބުތަކަށެވެ. އެގޮތުން އޭނާ ވަނީ ލޯނުގެ ދަށުން ލެސްޓާ ސިޓީ، ބާމިންހަމް ސިޓީ، ބްރައިޓަން، ޑާބީ ކައުންޓީ އަދި ވެސްޓް ހާމަށް ވެސް ކުޅެފައެވެ.

comment ކޮމެންޓް