ހައްޖު ކޯޕަރޭޝަންގެ ''މުވައްޒަފުންގެ ސްކީމް''ގައި އެމްޕީއެލްއިން ބައިވެރިވެއްޖެ

ހައްޖު ކޯޕަރޭޝަންގެ "މުވައްޒަފުންގެ ސްކީމް"ގައި އެމްޕީއެލްއިން ބައިވެރިވާ އެމްއޯޔޫގައި ސޮއި ކުރައްވަނީ ---

މޯލްޑިވިސް ހައްޖު ކޯޕަރޭޝަންގެ "މުވައްޒަފުންގެ ސްކީމް"ގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ބައިވެރިވެއްޖެއެވެ.

އެމްޕީއެލްގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކަމާ ގުޅޭ އެމްއޯޔޫގައި އެމްޕީއެލްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީއެވެ. ހައްޖު ކޯޕަރޭޝަންގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ ނަޖީލް އަހުމަދެވެ.

މި ސްކީމްގައި ބައިވެރިވުމުގެ ބޭނުމަކީ އެމްޕީއެލްގެ މުވައްޒަފުންނާއި މުވައްޒަފުންގެ ޑިޕެންޑެންޓުންނަށް ހައްޖާއި އުމްރާގެ އަޅުކަން އަދާކުރުމަށް ފަސޭހަ މަގެއް ހޯދައިދިނުން ކަމުގައި އެމްޕީއެލުން ބުނެއެވެ.

އެމްޕީއެލްއިން ބުނީ މި ސްކީމްގައި ބައިވެރިވާ މުވައްޒަފުންގެ މުސާރައިން ކޮންމެ މަހަކު ވަކި އަދަދެއް ކަނޑާނެ ކަމަށެވެ. އަދި މި ސްކީމަށް މުސާރައިން ކަނޑާނެ އަދަދެއް ކަނޑައަޅާނީ މުވައްޒަފަކު އަމިއްލައަށް ކަމަށް ވެސް އެ ކުންފުނިން މައުލޫމާތު ދެއެވެ.

އެމްޕީއެލްއިން ކޮންމެ އަހަރަކުވެސް ދަނީ ކުންފުނީގެ ހައްޖާއި އުމްރާ ޕޮލިސީގެ ދަށުން ކޮންމެ އަހަރަކުވެސް މުވައްޒަފުން ހައްޖާއި އުމްރާއަށް ފޮނުވަމުންނެވެ. މި އަހަރުވެސް އެ ކުންފުނިން ތިން މުވައްޒަފުން ވަނީ ހައްޖަށް ފޮނުވާފައެވެ.

comment ކޮމެންޓް