މި ސަރުކާރުން މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމުން އިދިކޮޅު ފަރާތްތަކުން ތިބީ މާޔޫސްވެފައި ކަމަށް އެމްޑީއޭގެ ނައިބު ރައީސް އަލީ މައުރޫފް ވިދާޅުވެއްޖެއެވެ.
އެމްޑީއޭގެ ހުޅުމާލެ ޕޮލިޓިކަލް ސެންޓަރު ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މައުރޫފު ވިދާޅުވީ މިއަދު މާލޭގެ ރައްޔިތުންނަށް ވަނީ އުފާވެރިކަން ލިބިފައި ކަމަށެވެ.
"އިދިކޮޅު ފަރާތްތައް ވަނީ މާޔޫސްވެފައި. އެމީހުންނަށް އެނގިއްޖެ ރެކޯޑު އަދަދަކަށް މާލެއިން މިފަހަރު އަޅުގަނޑުމެން ވޯޓު ނަގާ އިންތިހާބު ކާމިޔާބު ކުރާނެކަން،" މައުރޫފް ވިދާޅުވިއެވެ.
މީގެ އިތުރުން، މައުރޫފު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދާއެކު ރާއްޖޭގެ އިގްތިސާދު ދެގުނަ ކުރުމަށް މަސައްކަތް ކުރާނެކަމަށެވެ.
މައުރޫފު ވަނީ އެމްޑީޕީގެ ގުޅިފައިވާ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ރަނިންމޭޓް މުހައްމަދު އަސްލަމަށް ތައުރީފު ކުރައްވާފައެވެ.
މައުރޫފު ވިދާޅުވީ އޭނާ ގަބޫލުކުރައްވާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަމަށް ވަޑައިގަންނަވަން ވާނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ޚިދުމަތް ކުރެއްވުމަށްފަހު ކަމަށެވެ.
"އެއީ ރައްޔިތުންގެ އިހުސާސްތައް އެނގޭނީ ރައްޔިތުންގެ ކަންބޮޑުވުމާއި ރައްޔިތުންގެ ކެކުޅުމާއި ރައްޔިތުންގެ ހުރިހާ ކަމެއް އެނގޭނީ ރައްޔިތުން މަޖިލީހުގެ ތެރެއަށް ވަނީމާ. ރައްޔިތުންގެ މަޖީލަކީ ރައްޔިތުންގެ ގެ،" މައުރޫފް ވިދާޅުވިއެވެ.
އެ ޖަލްސާގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވީ އެމްޑީޕީއަކީ ކެމްޕޭން ކުރަން ދަންނަ ޕާޓީއެއް ކަމަށާއި އެ ޕާޓީއަށް ރައްޔިތުންގެ އިތުބާރު ވެސް އެބައޮތް ކަމަށެވެ.
"އަޅުގަނޑުމެންނަށް ފަސޭހަ ވަނީ 2018ވަނަ އަހަރު ވެރިކަމަށް ވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވެފައިވާ ގިނަ ވައުދުތައް ފުއްދިފައިވާތީ. އެހެންވީމަ އަލުން އަނެއްކާވެސް ރައްޔިތުންނާއި ހިސާބަށް ގޮސް އަޅުގަނޑުމެންނަށް ވައުދުވާން އެބަ ކެރޭ. އިތުބާރު އެބައޮތް،" އޭނާ ވިދާޅުވިއެވެ.
އެމްޑީއޭގެ ހުޅުމާލެ ޕޮލިޓިކަލް ސެންޓަރު ރަސްމީކޮށް ހުޅުވައިދެއްވައިފައި ވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހުގެ ރަނިންމޭޓް މުހައްމަދު އަސްލަމެވެ.