ޑޮކްޓާސް ސްޕެޝަލައިޒޭޝަން ސްކޮލާޝިޕް ހަ މީހަކާ ހަވާލުކޮށްފި

"މެޑިކަލް ޑޮކްޓާސް ސްޕެޝަލައިޒޭޝަން ސްކޮލަޝިޕް 2023"އަށް ހޮވުނު ފަރާތްތަކަށް ލިޔުން ހަވާލުކުރުމުގެ ރަސްމިއްޔާތު-- ފޮޓޯ/ ހަޔާ އެޑިއުކޭޝަން

މެޑިކަލް ޑޮކްޓަރުން ސްޕެޝަލައިޒްވުމަށް ސަރުކާރުން ހުޅުވާލި "މެޑިކަލް ޑޮކްޓާސް ސްޕެޝަލައިޒޭޝަން ސްކޮލާޝިޕް 2023"އަށް ހޮވުނު މީހުންނަށް ލިޔުން ހަވާލުކޮށްފިއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީގައި ކުރިއަށް ގެންދިޔަ އެ ރަސްމިއްޔާތުގައި ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަންގެ އިތުރުން ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

ގައުމުގެ ތަރައްގީއަށް ބޭނުންވާ މީހުން ބިނާކުރުމަށް ސްކޮލާޝިޕް ދިނުމުގެ ސިޔާސަތުގެ ދަށުން މެޑިކަލް ޑޮކްޓަރުން ސްޕެޝަލައިޒްވުމަށް މިއަހަރު ހަތް ދާއިރާއިން ވަނީ ހުޅުވާލާފައެވެ. އެއީ އެނެސްތީސިއޮލޮޖީ، އިންޓާނަލް މެޑިސިން، ސްޕައިން ސާޖަރީ، ޕީޑިއޭޓްރިކް ޕަލްމޮނޮލޮޖީ، ގައިނެކޮލޮޖީ، ޖެނެރަލް ސާޖަރީ އަދި ޕީޑިއޭޓްރިކްސްއެވެ.

މިފަހަރުގެ ސްކޮލަޝިޕަށް ޖުމްލަ 49 އެޕްލިކޭޝަންވަނީ ހުށަހަޅާފައެވެ. އަދި މިއަދު ހަ މީހަކަށް މިސްކޮލަޝިޕް އެވޯޑް ކުރެވިފައެވެ.

"މެޑިކަލް ޑޮކްޓާސް ސްޕެޝަލައިޒޭޝަން ސްކޮލަޝިޕް 2023"އަށް ހޮވުނު ފަރާތްތަކަށް ލިޔުން ހަވާލުކުރުމުގެ ރަސްމިއްޔާތު --- ފޮޓޯ/ ހަޔާ އެޑިއުކޭޝަން

އެ ރަސްމިއްޔާތުގައި ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން ވިދާޅުވީ، ރާއްޖޭގައި މަސައްކަތް ކުރާ އެކިއެކި ދާއިރާތަކުގައި މަސައްކަތްކުރާ މީހުންނަކީ ފަންނީ ހުނަރުވެރިންނަށް ހެދުމަށްޓަކައި މަސައްކަތް ކުރުމަކީ މިސަރުކާރުގެ ވަރަށް ބޮޑު އަމާޒެއްކަމަށެވެ. އެގޮތުން ހެލްތު ސެކްޓަރުގައި މަސައްކަތްކުރާ ބޭފުޅުންނަށް ކަމާގުޅުންހުރި ދާއިރާތަކުން އިތުރަށް ތައުލީމު ހޯދުމަށްޓަކައި ޚާއްސަ ސްކޮލާޝިޕް ސްކީމްތަކެއް މިހާރު ވެސް އެ މިނިސްޓްރީން ހިންގާފައި އެބަހުރިކަން ވަނީ ފާހަގަކުރައްވާފައެވެ.

"މިއަދު މި ހަވާލުކުރެވުނު ސްޕެޝަލައިޒްޑް ސްކީމްގެ ދަށުން ޑޮކްޓަރުން ސްޕެޝަލައިޒް ވުމުން ސިއްޙީ ދާއިރާއިންދެވޭ ޚިދުމަތްތައް އިތުރަށް ފުޅާވެ ފުރިހަމަ ވެގެންދާނެ. އަދި ޚާއްސަކޮށް ރާއްޖޭގެ ރައްޔިތުންނަށް އެކި ހިސާބުތަކުން އެބޭފުޅުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، އަތޮޅުތެރޭގައި ހުރި ހޮސްޕިޓަލް ތަކާއި ހެލްތު ސެންޓަރުތަކުން އެންމެ ޒަމާނީ މެޑިކަލް ސްޕެޝަލައިޒްޑް ޑޮކްޓަރުންގެ ޚިދުމަތް ލިބިގެން ދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

"މެޑިކަލް ޑޮކްޓާސް ސްޕެޝަލައިޒޭޝަން ސްކޮލަޝިޕް 2023"އަށް ހޮވުނު ފަރާތްތަކަށް ލިޔުން ހަވާލުކުރުމުގެ ރަސްމިއްޔާތު-- ފޮޓޯ/ ހަޔާ އެޑިއުކޭޝަން

އެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަޙުމަދު ނަސީމް ވިދާޅުވީ، ސިއްހީ ދާއިރާއަށް ބޭނުންވާ މިފަދަ ސްކޮލާޝިޕް ފުރުސަތުތައް ދެ މިނިސްޓްރީން ގުޅިގެން ހުޅުވާލުމަކީ މުހިއްމުކަމެއް ކަމަށެވެ. އަދި މިއަދު ފުރުސަތު ލިބުނު ޑޮކްޓަރުން ކިޔަވައި ނިމިގެން، ގައުމަށް އެނބުރި އައުމުން ރައްޔިތުންނަށް ބޭނުންވާ ސިއްހީ ޚިދުމަތްތައް ލުއި ފަސޭހަކޮށް ލިބިގެން ދިއުމަކީ ވަރަށް ބޮޑު އުންމީދެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މި ސްކޮލަޝިޕްތަކަށް ހޮވުނު ކެންޑިޑޭޓުން ހުރިހާ ޚަރަދު ހަމަޖައްސަނީ ދިވެހި ސަރުކާރުންނެވެ. އަދި ސްކޮލާޝިޕްގައި ކެންޑިޑޭޓުން ފުރިހަމަކުރާ ޕްރޮގްރާމްގެ ދިގުމިނަށް ބިނާކޮށް، ކަނޑައެޅޭ ވަކި މުއްދަތަކަށް ހެލްތު މިނިސްޓްރީއަށް ޚިދުމަތް ކުރުމަށް ޝަރުތު ކުރެވޭނެއެވެ. އެހެންކަމުން، ޕްރޮގްރާމް ނިންމުމަށްފަހު، އެ މިނިސްޓްރީން ކަނޑައަޅާގޮތެއްގެ މަތީން ރާއްޖެއަށް ޚިދުމަތްކުރުން ލާޒިމުވާނެއެވެ.

comment ކޮމެންޓް