ޓްރިޕޮލީ (17 އޮގަސްޓް 2023): ލީބިޔާގައި ހަމަޖެހުން ގާއިމްވެފައިވާތާ ހަތަރު ވަރަކަށް އަހަރުފަހުން ވެރިރަށް ޓްރިޕޮލީގައި ހިނގި ހަތިޔާރުގެ ހަމަނުޖެހުންތައް ނިމުމަކަށް އައިކަން އެގައުމުގެ ބޮޑުވަޒީރު ޑރ. އަބްދުލްހަމީދު އައްދުބައިބާ އިއުލާނު ކުރައްވައިފިއެވެ.
ޓްރިޕޮލީގެ އަވަށެއްކަމަށްވާ ސޫގުލްޖުމުއާ ގައި ވާހަކަދައްކަވަމުން އައްދުބައިބާ ވިދާޅުވީ ހަމަލާތައް އަވަހަށް ހުއްޓާލައި ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަކީ ލިބުނު ކާމިޔާބީއެއްކަމަށާއި ނަމަވެސް އެއް ދުވަސްވަންދެން ބަދަލުކުރި ހަމަލާތަކުގައި 55 މީހުން މަރުވެ އިތުރު ބަޔަކު ޒަޚަމްވެފައި ވުމަކީ ލިބުނު ބޮޑު ގެއްލުމެއް ކަމުގައެވެ.
ޓްރިޕޮލީގައި ހަމަލާތައް ބަދަލުކޮށްފައިވަނީ ހަތިޔާރުއެޅި ދެ ޖަމާއަތެއްގެ މެދުގައެވެ. މީގެތެރެއިން އެއްޖަމާއަތަކީ އެސިޓީގެ ބޮޑު ބައެއް ކޮންޓްރޯލް ކުރާ ހަތިޔާރުއެޅި ޖަމާޢަތެއް ކަމުގައިވާ 444 ބްރިގޭޑްއެވެ.
އަނެއް ޖަމާއަތަކީ "ޑިޓަރެންސް އެންޑް ކޮންބަޓިން ޓެރަރިޒަމް އެންޑް ކްރައިމް" ނަމަކަށް ކިޔާ ޖަމާއަތެކެވެ. މިދެޖަމާއަތުގެ މެދުގައި ހަމަލާތައް ބަދަލުކުރަން ފެށީ "ޑިޓަރެންސް އެންޑް ކޮންބަޓިން ޓެރަރިޒަމް އެންޑް ކްރައިމް" ޖަމާއަތުން، 444 ބްރިގޭޑްގެ ޖަމާއަތުގެ ކޮމާންޑަރަކު ހައްޔަރުކުރުމާ ގުޅިގެންނެވެ.
ހަމަލާތައް ހުއްޓުވީ ލީބިޔާގެ ސަރުކާރާއި ސޫގުލްޖުމުއާ އަވަށުގެ ބޮޑުންނާއި ކަމުވޮށިގެންވާ މީހުން ގުޅިގެން ކުރި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ. ދެހާސް އެގާރަ ވަނަ އަހަރު ލީބިޔާގެ އޭރުގެ ޒައީމް ކާނަލް މުއައްމަރުލްގައްޒާފީގެ ވެރިކަން ރައްޔިތުންގެ އުތުރި އެރުމެއްގައި ވެއްޓުމާ ގުޅިގެން ލީބިޔާ ސިފައިންގެ ލަޝްކަރުވަނީ ރޫޅިފައެވެ. ލީބިޔާއަށް ރައްޔިތުންގެ އުތުރި އެރުން އައިނަމަވެސް ކުރީގެ ޒައީމް ކާނަލް ގައްޒާފީގެ ވެރިކަން ވައްޓާލުމުގައި ހުޅަނގުގެ އަސްކަރީ ޖަމާއަތް ނޭޓޯ ލީބިޔާއަށް ގަވައިދާ ޚިލާފަށް ވަދެގަނެ މުހިއްމު ދައުރެއް އަދާކުރިއެވެ.
ގައްޒާފީގެ ވެރިކަން ވެއްޓުމަށްފަހު ލީބިޔާގައި އެއްއަހަރުގެ އިންތިގާލީ މަރުހަލާއެއް އޮތުމަށްފަހު އެގައުމުގައި ބަރުލަމާނީ ނިޒާމެއްގެ މައްޗަށް ބިނާވެފައިވާ ޑިމޮކްރެޓިކް ވެރިކަމެއް އުފެދިގެން ދިޔައެވެ. ނަމަވެސް ސިޔާސީ ވާދަވެރިކަމާއި ބޭރުގައުމުތަކުގެ ނުފޫޒާއެކު ލީބިޔާގެ ޑިމޮކްރެޓިކް ނިޒާމު ރޫޅި ލީބިޔާގައި ވާދަވެރި ދެ ސަރުކާރު އުފެދިގެންދިޔައެވެ. އެސަރުކާރުތަކަށް ވާގިވެރިވާ އަސްކަރީ މިލީޝިއާތައް އުފެދި މުޅި ލީބިޔާ ބޮޑު ހަމަނުޖެހުންތަކެއްގެ ތެރެއަށް ވެއްޓިގެން ދިޔައެވެ.
ނަމަވެސް 2019 ވަނައަހަރު ވަނީ މިހަމަނުޖެހުންތަކުން އަރައިގަނެވި ލީބިޔާގައި ވަރަށް ބޮޑަށް ހަމަޖެހުމާއި ސުލްހަ ގާއިމް ކުރެވިފައެވެ. ވާދަވެރި ފަރާތްތަކުގެ ވާދަވެރިކަމާއި ސިޔާސީ ކޯޅުންތައް ބޮޑުކަމާއި ބޭރުގެ ނުފޫޒުތައް ލީބިޔާއަށް ވަނުމުގެ ނަތީޖާއެއްގެ ގޮތުން މިދިޔަ އަހަރު އިންތިޚާބު ބާއްވަން ކުރި މަސައްކަތްތައް ވެސް ވަނީ ނާކާމިޔާބުވެފައެވެ.
މިހާރު ލީބިޔާގައި އިންތިޚާބުތައް (ރިޔާސީ އިންތިޚާބާއި ޕާލަމެންޓްރީ އިންތިޚާބު) ބާއްވަން މަސައްކަތް ކުރަނީ މިއަހަރުގެ ފަހުކޮޅުގައެވެ. އިންތިޚާބުތައް ބާއްވައިގެން އިންތިޚާބީ ސަރުކާރެއް އުފެދިއްޖެނަމަ ލީބިޔާގައި އަލުން ސިފައިންގެ ލަޝްކަރެއް އުފެއްދުމަށް ކުރާ މަސައްކަތް ކާމިޔާބުވާނެކަމަށް ވަނީ ބެލެވިފައެވެ.
ލީބިޔާގައި ހަރަކާތްތެރިވާ ވާދަވެރި ހަތިޔާރު އެޅި ޖަމާއަތްތައް ބަލިކަށި ކުރެވޭނީ ބާރުގަދަ ސިފައިންގެ ލަޝްކަރެއް ގާއިމްކުރެވިގެންކަން އެގައުމުގެ ވާދަވެރި ސިޔާސީ ފަރާތްތަކުންނާއި އދ.އިން ދެކެއެވެ. އެފަރާތްތަކާއި އދ.އިން މަސައްކަތްކުރަނީ މިއަހަރުގެ ފަހުކޮޅު އިންތިޚާބުތައް ބޭއްވުމަށެވެ.
އެއަށްފަހު އުފެދޭ އިންތިޚާބީ ސަރުކާރުން އެންމެ އިސްކަމެއް ދޭގޮތަށް ހަމަޖެހިފައިވަނީ މިހާރު ހަރަކާތްތެރިވާ މިލީޝިއާ ހަނގުރާމަވެރިންނަށް އިތުރު ތަމްރީންދީ އެމީހުން ރިހަބިލިޓޭޓް ކުރުމަށްފަހު އަލަށް އުފައްދާ ސިފައިންގެ އައު ލަޝްކަރުގައި އެމީހުން ހިމެނުމަށެވެ.