ޔާމީން ގެނެސްދެއްވި ތަރައްގީގެ އެއް ހިއްސާދާރަކީ މުއިއްޒު: ސައީދު

ކުޑަހުވަދޫގައި ބޭއްވި ޖަލްސާގައި ޕީއެންސީގެ ނައިބު ރައީސް މުޙައްމަދު ސައީދު ވާހަކަދައްކަވަނީ --- ފޮޓޯ/ ޕީޕީއެމް

އެތައް ދަތިތަކާއި އުނދަގުލުގައި ވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގެނެސްދެއްވި ތަރައްގީގެ އެއް ހިއްސާދާރަކީ ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ދ. ކުޑަހުވަދޫގައި މިރޭ ބޭއްވި ޑރ. މުއިއްޒުގެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ މުއިއްޒަކީ ރައީސް ޔާމީންގެ ދަރިވަރެއް ކަމަށާއި އެމަނިކުފާނު ގެނެސްދެއްވި ތަރައްގީގެ ފަހަތުގައި ހުންނަވައިގެން މުއިއްޒު ވަނީ މުހިއްމު ދައުރެއް އަދާކުރައްވާފައި ކަމަށެވެ.

"ރައީސް ޔާމީންގެ ދަރިވަރެއް ޑރ. މުއިއްޒަކީ. ތަރައްގީ ރައީސް ޔާމީން ފުނިޖެއްސެވި ރާއްޖެއަށް. އެ ފުނިޖެއްސެވި ތަރައްގީއާ އެ ގެނައި އިކޮނޮމިކް ޓްރާންސްފޮމޭޝަންގައި ރައީސް ޔާމީންގެ ފަހަތްޕުޅުގައި އެންމެ ބޮޑު އެއް ހިއްސާދާރަކީ ޑރ. މުއިއްޒު،" ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ހުޅުމާލޭ ދެވަނަ ފޭސް، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ނިންމި އިރު އެކަމުގެ މޭސްތިރިއަކަށް ހުންނެވި ބޭފުޅަކީ ވެސް ޑރ. މުއިއްޒު ކަމަށެވެ.

ރައީސް ޔާމީންގެ ޒައާމަތުގައި ކުޑަހުވަދުއަށް ކޮށްދެއްވި މުހިއްމު ބައެއް ކަންކަން ފާހަގަ ކުރައްވަމުން ސައީދު ވިދާޅުވީ އެރަށުގައި ބިޒްނަސް ސެންޓަރެއް ގާއިމުކޮށްދެއްވައި އަދި އެ ރަށަށް ތަފާތު އެކި ވިޔަފާރީގެ މަސައްކަތްތައް ކޮށްދެއްވި ކަމަށެވެ.

އޭނާ ވިދާޅުވީ ވެރިކަމަށް ގެންނަންޖެހެނީ ކަންކަން ކުރަން ދަންނަ އަދި ރަށްރަށް ތަރައްގީ ކުރުމާއި ރާއްޖޭގެ އިއްޒަތާއި ކަރާމާތާއި ޝަރަފު ދެމެހެއްޓޭ ވަރުގެ ތައުލީމީ ބޭފުޅެއް ކަމަށާއި މުއިއްޒަކީ އެ ފެންވަރުގެ ބޭފުޅެއް ކަމަށެވެ.

"މިފަހަރުގެ ރިޔާސީ ރޭހުގަ ދެން ނެތެއްނޫންތޯ އިތުރު ޗޮއިސްއެއް. ޑރ. މުއިއްޒު އަކީ ޔުނިވާސިޓީ އޮފް ލީޑްސް ޔޫކޭ ގެ ޕީއެޗްޑީ ގްރެޖުއޭޓެއް. ވެސްޓަން އެޑިއުކޭޝަން ހާސިލު ކުރައްވައިގެން ހުންނެވި ގްރެޖުއޭޓެއް މުއިއްޒަކީ. ދެން ޑރ. މުއިއްޒު އެއްބުރުން ނުހޮވަންވީ އެއްވެސް ސަބަބެއް އަޅުގަނޑަކަށް ނުފެނޭ،" ސައީދު ވިދާޅުވިއެވެ.

މުއިއްޒު ގެންގުޅުއްވާނެ ޚާރިޖީ ސިޔާތަށް އަލިއަޅުވައިލައްވަމުން ސައީދު ވިދާޅުވީ އެމަނިކުފާނުގެ ވިސްނުންފުޅު ހުރީ ހުރިހާ ގައުމަކާ ގުޅިގެން ކުރިއަށް ދިއުން ކަމަށާއި ދިވެހީން ބޭނުންވަނީ އެފަދަ ސަރުކާރެއް ރާއްޖޭގައި އޮތުން ކަމަށެވެ. އަދި ރައީސް ޔާމީންގެ ވިސްނުންފުޅަކީ ވެސް އެއީ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި މުއިއްޒު އެއްބުރުން ހޮވައިދިނުމަށް ކުޑަހުވަދޫ ރައްޔިތުންނަށް ސައީދު އިލްތިމާސް ކުރެއްވިއެވެ.

"ކުޑަހުވަދުއަށް އަޅުގަނޑުގެ މެސެޖަކީ ޑރ. މުއިއްޒު އެއްބުރުން ތިޔަބޭފުޅުން ހޮވައިދެއްވާށޭ. ދ. އަތޮޅަށް އަޅުގަނޑުމެންގެ މެސެޖަކީ ކީއްކުރަން ކުރާ ކަމެއްތޯ އޭ ދެވަނަ ބުރެއް ބާއްވަނީ. ހަމަ އެއްބުރުން ޑރ. މުއިއްޒު ހޮވަންވީ،" ސައީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ބޯހިޔާވަހިކަމަށް ދިވެހީން ކެތްމަދުވެފައި ތިބި ތިބުމާއި ރާއްޖޭގައި މި އޮތް ނާމާންކަން ނިމުމަކަށް ގެންނާނީ މުއިއްޒު ކަމަށެވެ.

comment ކޮމެންޓް