(ދ. ކުޑަހުވަދޫން ޢާލިމް އަބްދުއްލަތީފް)
ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމެއްގައި ބޮޑު ޗުއްޓީ އަނބުރާ އަހަރުގެ ފަހުކޮޅަށް ބަދަލުކޮށްދެއްވާނެކަަމަށް ވައުދުވެވަޑައިގެންފިއެވެ.
ކެމްޕޭންދަތުރުގައި ދ. ކުޑަހުވަދުއަށް ވަޑައިގެން މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، މި ސަރުކާރުން ކަންކަން ކުރަނީ އެއްވެސް ގޮތަކަށް ރައްޔިތުންގެ އިހުސާސްތަކަށް ނުވިސްނާކަމަށެވެ. އަދި ރައްޔިތުން ބޭނުންވާ ގޮތަށް ވެސް މި ސަރުކާރުން ނުބަލާ ކަމަށް އޭނާ ވިދާޅުވިއެވެ.
ސްކޫލްތަކުގެ ބޮޑުޗުއްޓީ އަހަރުގެ މެދުތެރެއަށް ބަދަލުކުރުމަކީ ވެސް އެ ގޮތަށް ކޮށްފައިވާ ކަމެއްކަން އޭނާ ފާހަގަަކުރެއްވިއެވެ.
ބޮޑު ޗުއްޓީ ޖުލައި މަހުގެ ތެރެއަށް ބަދަލުކުރުމުން ދިމާވަނީ ހުޅަނގު މޫސުމުގެ އެންމެ މޫސުން ގޯސް ދުވަސްތަކާކަން އޭނާ ފާހަގަކުރެއްވިއެވެ.
"އެ ބަދަލުގެ ސަބަބުން ބޮޑުބަންދުގެ ބޭނުމެއް ނުހިފޭ. ދަތުރުފަތުރެއް ނުކުރެވޭ. ބޭނުމެއް ނުކުރެވޭ،" މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން، އެ ދުވަސްވަރާ މިނިވަން ދުވަހާ ދިމާވުމުން، ސްކޫލްތަކުން މިނިވަން ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވާ ދަރިވަރުން މާލޭގައި މަޑުކުރަން ޖެހުމަކީ ވެސް ގިނަބައެއްގެ ކަންބޮޑުވުމެއް ކަމަށް އޭނާ ވިދާޅުވިއެވެ
"ވަރަށް ގިނަ އާއިލާތަކުން ކަންބޮޑުވުން ފާޅުކޮށް ތަކުރާރުކޮށް ސަރުކާރަށް އަންނަނީ ފާޅުކުރަމުން،" މުއިއްޒު ވިދާޅުވިއެވެ.

ޑރ. މުއިއްޒު ކުޑަހުވަދޫގައި ވާހަކަ ދައްކަވަނީ --
އޭނާ ވިދާޅުވީ އަހަރުގެ މެދުތެރެއަށް ޗުއްޓީ ބަދަލުކުރުމުގެ ވިސްނުމަކީ ފަތުރުވެރިކަމުގެ ދާއިރާގައި އުޅޭ ބައެއް މީހުންނަށް އަހަރުގެ ފަހުކޮޅު ސީޒަން ތެރެއާ ދިމާވާތީ ނިންމި ނިންމުމެއް ކަމަށެވެ. އެހެން ނަމަވެސް، މިހާރު އޮތް ގޮތުން އެ މީހުންނަށް ވެސް ދަތުރުނުކުރެވޭ ކަމަށް ވިދާޅުވިއެވެ.
"މި ގެނައި ބަދަލު ވެގެން ދިޔައީ ރައްޔިތުން ބޭނުންވާ ބަދަލަކަށް ނޫން،" އޭނާ ވިދާޅުވިއެވެ.
މިހާރު މި ގޮތަށް ހިނގަހިނގާ އޮއްވާ ބޮޑުޗުއްޓީ ބަދަލުކުރުމަކީ އުނދަގޫވާނެކަމަކަށް ވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި އެންމެ އަވަހަށް އަހަރުގެ ފަހުކޮޅަށް ބޮޑުޗުއްޓީ ބަދަލުކުރެވޭނީ އަހަރުގެ ފަހުކޮޅު ކަމަށް ވެސް ވިދާޅުވިއެވެ.
ކަރިކިއުލަމްގެ އެ ނަގަން ޖެހޭ ފިލާވަޅުތައް ނަގައި ހަމަކޮށްގެން 2025ގެ ޖެނުއަރީން ފެށިގެން އަހަރުގެ ފަހުކޮޅަށް ބޮޑުޗުއްޓީ ބަދަލުކުރެވޭނެކަމަށް ވެސް ވިދާޅުވިއެވެ.
އެ ގޮތަށް ބަދަލުކުރުމުން ގިނަ ބަޔަކަށް އަނެއްކާ ވެސް ފައިދާވާނެކަމަށް ވިދާޅުވިއެވެ. އަދި އެއީ އޭނާގެ ސަރުކާރެއްގައި ގެންގުޅުއްވާނެ ސިޔާސަތެއްކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
މީގެ ކުރިން ނޮވެމްބަރު މަހާއި ޑިސެމްބަރު މަހު ބޮޑު ޗުއްޓީ އޮންނަ އޮތުން ބަދަލުކޮށް، އަހަރުގެ މެދުތެރެއަށް ބޮޑު ޗުއްޓީ ހަމަޖައްސައި ސުކޫލުތަކުގެ ދިރާސީ އަހަރު ފެށުން މީލާދީ އަހަރުގެ މެދުތެރެއަށް ބަދަލުކޮށްފައިވަނީ 2021 ވަނަ އަހަރުއެވެ.
ނަމަވެސް މިހާރު ބޮޑު ޗުއްޓީއަށް ސުކޫލުތަށް ބަންދުވެފައިވާއިރު މޫސުން ގޯސްވުމާ ގުޅިގެން މި ބޮޑު ބަންދުގައި ވެސް އެއްވެސް ތަނަކަށް ދަތުރުނުކުރެވި އާއިލާތަކަށް އެއްކޮށް މަޖާކޮށްލުމުގެ ފުރުސަތު ނުލިބޭ ކަމުގެ ޝަކުވާއާއި ކަންބޮޑުވުން ބެލެނިވެރިން އަންނަނީ އެކި ގޮތްގޮތަށް ފާހަގަކުރަމުންނެވެ.