ވިލާ ސްކޫލުން ހޯދި ކާމިޔާބީއަށް މިނިސްޓަރުގެ މަރުހަބާ

"ދަ ވޯލްޑް ސްކޮލާސް ކަޕް"ގެ ގްލޯބަލް ރައުންޑް ސީނިއާ ޑިވިޝަންގެ ޗެމްޕިއަންކަން ވިލާ އިންޓަނޭޝަނަލް ހައި ސްކޫލަށް ލިބުމާ ގުޅިގެން ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ދަރިވަރުންނާ ބައްދަލުކުރެއްވުން --- ފޮޓޯ/ ހަޔާ އެޑިއުކޭޝަން

ތައުލީމީ ގޮތުން ދުނިޔޭގެ އެކި ގައުމުތަކުގެ ދަރިވަރުންގެ މެދުގައި ބާއްވާ އެންމެ ބޮޑު މުބާރާތް، "ދަ ވޯލްޑް ސްކޮލާސް ކަޕް"ގެ ގްލޯބަލް ރައުންޑް ސީނިއާ ޑިވިޝަންގެ ޗެމްޕިއަންކަން ވިލާ އިންޓަނޭޝަނަލް ހައި ސްކޫލަށް ލިބުމާ ގުޅިގެން ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން މަރުހަބާ ދަންނަވައިފިއެވެ.

މިއަދު ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގައި އެ ދަރިވަރުންނާ ބައްދަލުކުރައްވާ މަރުހަބާ ދަންނަވަމުން މިނިސްޓަރު ވިދާޅުވީ ދަރިވަރުން ހޯއްދެވި ޝަރަފަށް ފަޚުރުވެރިވެވަޑައިގަންނަވާ ކަމަށެވެ. އަދި ދަރިވަރުން ހޯއްދެވި ކާމިޔާބީއަށް މިނިސްޓަރު ވަނީ ހިތްވަރު ދެއްވައިފައެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި ސާނަވީ ތަޢުލީމު ފުރިހަމަކުރާ ޒުވާނުންގެ އަދަދު ވަރަށްބޮޑަށް އިތުރުވެފައިވާ ކަމަށާއި މަތީ ތައުލީމާއި ތަމްރީނު ހޯދަން ބޭނުންވާ ޒުވާނުންގެ އަދަދު ވެސް މައްޗަށް ގޮސްފައިވާ ކަމަށެވެ. އެގޮތުން މޮޅު ދަރިވަރަކަށް ވުމަށްޓަކައި އޭލެވެލް ފުރިހަމަ ކުރުމަކީ މުހިއްމު ކަމެއް ކަމަށާއި ހަރުދަނާ ޒުވާނަކަށް ވުމަށްޓަކައި މަދަރުސީ ތައުލީމުގެ 12 އަހަރު މުހިއްމު ކަމަށެވެ. އަދި ކޮންމެ ދާއިރާއަކުން ކުރިއަށްދާން ބޭނުންކަމުގައި ވިޔަސް އެ ދެއަހަރު ސްކޫލު މާހައުލުގައި ދަރިވަރު ހޭދަކުރުމަކީ ހުރިހާ ގޮތަކުން ބެލިޔަސް ދަރިވަރަށް ވަރަށް މުހިއްމު ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ދަ ވޯލްޑް ސްކޮލާސް ކަޕް"ގެ ގްލޯބަލް ރައުންޑް ސީނިއާ ޑިވިޝަންގެ ޗެމްޕިއަންކަން ވިލާ އިންޓަނޭޝަނަލް ހައި ސްކޫލަށް ލިބުމާ ގުޅިގެން ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ދަރިވަރުންނާ ބައްދަލުކުރެއްވުން --- ފޮޓޯ/ ހަޔާ އެޑިއުކޭޝަން

މިނިސްޓްރީގެ އިސްވެރިން ވެސް ބައިވެރިވި މިއަދުގެ އެ ބައްދަލުކުރެއްވުމުގައި ދަރިވަރުން ވަނީ އެ ދަރިވަރުންގެ ތަޖުރިބާތައް މިނިސްޓަރާ ހިއްސާ ކުރައްވާފައެވެ.

އޭޝިއާ، އެފްރިކާ، ޔޫރަޕް އަދި ގަލްފުގެ ގައުމުތަކުން ޖުމްލަ 1800އަށް ވުރެ ގިނަ ކިޔަވާކުދިން މި ސްކޮލަޝިޕްގައި ބައިވެރިވިއިރު އޭގެތެރެއިން ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން ބައިވެރިވީ 12 ދަރިވަރުންނެވެ.

އޭގެތެރެއިން ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ ދަރިވަރުން ހޯދާފައިވާ ވަނަތަކުގެ ތެރޭގައި:

  1. އިންޑިވިޖުއަލް އޯވަރޯލް 13 ވަނަ މަގާމް - ނާއިފް މުހައްމަދު
  2. ސްކޮލާސް ބޮވްލް ޓީމު އިވެންޓް ދެ ވަނަ - އައިޝަތު ރާޔާ ނިމާދު، އައިޝާ ކާޔާ ރިފާއީ އަދި ފާތިމަތު ރައުމް މުހުތާރު
  3. ޗެލެންޖް ޓީމް އިވެންޓުން ފަސް ވަނަ - އައިޝަތު ރާޔާ ނިމާދު، އައިޝާ ކާޔާ ރިފާއީ އަދި ފާތިމަތު ރައުމް މުހުތާރު

ދަ ވޯލްޑް ސްކޮލާސް ކަޕްގެ ގްލޯބަލް ރައުންޑް 2023 އޮތީ ގަތަރުގެ ދޯހާގައި ހުންނަ ނޭޝަނަލް ކޮންވެންޝަން ސެންޓަރުގައި ޖޫން މަހުގެ 22 އިން 27 އަށެވެ.

comment ކޮމެންޓް