ގަމުގެ އާ ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ދެ ހުފްތާ ތެރޭގައި ފަށަނީ

ލ. ގަމުގެ އާ ހޮސްޕިޓަލް އަޅާ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ފެށުން -- ފޮޓޯ/ އެމްޓީސީސީ

ލ. ގަމުގެ އާ ސްޕިޓަލް އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ދެ ހަފުތާގެ ތެރޭގައި ފެށުމަށް ޓަކައި އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެ މަޝްރޫއު ހަވާލުކޮށްފައިވާ އެމްޓީސީސީ އިން ބުނީ ގަމުގެ އާ ހޮސްޕިޓަލް އިމާރާތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ފެށުމަށް ޓަކައި ޕްރޮޖެކްޓް ސައިޓް ސާފު ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

ގަމު ކައުންސިލްގެ ރައީސް އަހްމަދު ޒަކީ "ސަން"އަށް ވިދާޅުވީ ހޮސްޕިޓަލް އަޅާ ސަރަހައްދުގެ ބިން އިތުރު ކުރުމާއި އެތަން ސާފު ކުރުމުގެ މަސައްކަތަށް ބޭނުންވާ ބައެއް މުވައްޒަފުން ރަށަށް މިހާރު އައިސްފައިވާ ކަމަށެވެ.

"ކުރިއަށް އޮތް ދެ ހަފުތާ ތެރޭގަ މި މަސައްކަތް ފެށޭނެ. އެކަމަށް ބޭނުންވާ ސާމާނު އުޅެނީ އައުމުގެ މަގުމަތީގަ،" ޒަކީ ވިދާޅުވިއެވެ.

އެމްޓީސީސީ އިން ބުނީ މި މަޝްރޫއުގެ ދަށުން، 11,830 އަަކަ މީޓަރުގެ ސަރަހައްދެއްގައި 130 އެނދުގެ ދެ ފަންގިފިލާ އިމާރާތެއް އެޅުމުގެ މަސައްކަތް ކުރަން ހަމަޖެހިފައިވާ ކަމަށެވެ.

އެ ކުފުންނިން ބުނިގޮތުގައި ގަމުގެ އާ ހޮސްޕިޓަލް އިމާރާތްކުރުމުގެ މަޝްރޫއުއަށް ޚަރަދު ވާނީ ޖުމުލަ 30.68 މިލިއަން ޔޫރޯއެވެ.

ލ. ގަން ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީ ކުރުމަަށް ހަވާލުކޮށްފައިވަނީ ސްޕެއިންގެ ކުންފުންޏެއް ކަމަށްވާ އެޗްއޯއެމްޓީ އެސްޕާނާ އާއެވެ.

އަތޮޅުތަކުގެ ސިއްހީ ޚިދުމަތް ތަރައްގީ ކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ ދަށުން ރާއްޖޭގެ ފަސް ސަރަޙައްދެއްގެ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވައުދެކެވެ.

comment ކޮމެންޓް