މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސް އުވާލައި "މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް"ގެ ނަމުގައި އައު ގުރޫޕެއް އުފެއްދުމަށް ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
'ނޭޝަން ޗެޓް' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކާރުގެ އެންމެ އިސް އެއް ސިޔާސަތަކީ ސިއްހީ ދާއިރާ ތަރައްގީކުރުން ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ބަޖެޓުގައި ވެސް ސިއްހީ ދާއިރާ ހަރުދަނާ ކުރުމަށް ވަރަށް ގިނަ ކަންކަން ހިމަނާފައިވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
އެގޮތުން މިފަހަރު ބަޖެޓު ހުށަހެޅުމުގައި މާލޭގައި އެއްގުރޫޕަކަށް ހަދާފައިވާ ހޮސްޕިޓަލްތައް ފުޅާކުރުމަށް ނިންމާފައިވާ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
އަޅުގަނޑުމެން ކަނޑައަޅާފައި މި އޮތީ މާލޭގައި މިހިރަ ހޮސްޕިޓަލްތައް އެއް ގުރޫޕަކަށް ހަދާފައި އޮތް އޮތުން އެކްސްޕެންޑުކުރަން، ފުޅާކުރަން. [އެކަން] ކޮށްފައި ރާއްޖޭގައި ހުރި ހުރިހާ ޓާޝަރީ ހޮސްޕިޓަލްތައް ނޫނީ ޓާޝަރީ ހޮސްޕިޓަލްތަކަށް ހަދަން ކަނޑައަޅާފައި ހުރި ހޮސްޕިޓަލްތައް ހިމެނޭހެން އެއް ގުރޫޕަކަށް ހަދަން. އެއް ގުރޫޕަކަށް ހަދާފައި އެއް ވިޔުގަޔަކުން ގުޅުވާލާފައި އެއް ސިސްޓަމެއް ގާއިމްކުރަން،ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު
ރައީސް ވަނީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އުވާލައި މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް އުފައްދަން ނިންމަވާފައިވާ ކަމަށް ވިދާޅުވެފައެވެ. އެ ބަދަލާއެކު ސިއްހީ ދާއިރާގައި ހުރި ތަކުރާރުވުންތައް ނައްތާލެވި، ހިންގުމުގެ ހަރުދަނާކަން އިތުރުވެގެންދާނެކަމަށް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
އައު ގްރޫޕުގެ ދަށުން، ސަރުކާރުގެ ހުރިހާ ޓާޝަރީ ހޮސްޕިޓަލްތަކެއް އެއް ވިއުގައަކުން ގުޅާލުމުގެ ބޭނުމަކީ އެއް ހޮސްޕިޓަލާއި އަނެއް ހޮސްޕިޓަލާ ދެމެދު ވަސީލަތްތައް ހިއްސާކުރުމާއި، އެއް ތަނުން އަނެއް ތަނަށް ޑޮކްޓަރުންގެ ފަންނީ ޚިދުމަތުގެ ބޭނުން ކުރެވޭނެ ގޮތްތައް ފަސޭހަކޮށް، ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު މަތިކުރުންކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު: އެމަނިކުފާނު ވަނީ މާލެ ސިޓީ ގްރޫޕްސް އޮފް ހޮސްޕިޓަލްސް އުވާލުމަށް ނިންމާފައިވާ ކަމަށް ވިދާޅުވެފައި --- ފޮޓޯ: ރައީސް އޮފީސް މީގެ އިތުރުން އަންނަ ނޮވެމްބަރު މަހުން ފެށިގެން ތިން މަސް ނުވަތަ އެންމެ ގިނަވަގެން ހަތަރު މަސް ދުވަހުގެ ތެރޭގައި އައު ނިޒާމުގެ ދަށުން ހޮސްޕިޓަލުތައް ގުޅާލެވޭނެކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. މިއީ މުވައްޒަފުންތަކެއް އިތުރުކުރެވޭނެ މަޝްރޫއެއް ނޫންކަންވެސް ހާމަކުރައްވާފައެވެ.
މި ބަދަލާއެކު ސަރުކާރު ޚަރަދުގައި ތައުލީމު ހާސިލުކުރައްވާ ޑޮކްޓަރުންގެ ޚިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ލިބިގަނެވޭނެ އުސޫލުތައް ގާއިމުކުރެވި، ޚާއްސަ ދާއިރާތަކުން އެންމެ މަތީ ފަންތީގެ ޚިދުމަތްތަކަށް ޚާއްސަ ބޭރުގެ ޑޮކްޓަރުން ރާއްޖޭގައި ގާއިމުވެ ތިއްބަވައިގެން ޚިދުމަތް ފޯރުކޮށްދެއްވުން ފަދަ އިންތިޒާމުތައްވެސް ހަމަޖެހިގެންދާކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.