އެމްބާޕޭއަށް ރެއާލްގެ ލެޖެންޑް ގުޓީގެ އިންޒާރެއް

ޕީއެސްޖީގެ ފްރާންސް ތަރި ކިލިއަން އެމްބާޕޭ -- ފޮޓޯ/ ގެޓީ

ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)ގެ ފްރާންސް ތަރި ކިލިއަން އެމްބާޕޭ، އެ ކްލަބާއެކު ހަދާފައިވާ ކޮންޓްރެކްޓް އާކޮށްފި ނަމަ، ރެއާލް މެޑްރިޑުން ދެން މަސައްކަތްކުރާނީ މެންޗެސްޓާ ސިޓީގެ ނޯވޭ ފޯވަޑް އާލިން ހާލަންޑް ހޯދުމަށް ކަމަށް ރެއާލްގެ ލެޖެންޑް ގުޓީ ބުނެފިއެވެ.

ޕީއެސްޖީއާއެކު ހަދާފައިވާ ކޮންޓްރެކްޓް އާކުރުމަށް އެމްބާޕޭ ދެކޮޅު ހަދަމުންދިއުމުން އޭނާއަށް ދަތިކުރުމާ ގުޅިގެން ރިސާވް ޓީމާއެކު ތަމްރީނުތައް ހެދުމަށްފަހު، މިހާރު ވަނީ ފުރަތަމަ ޓީމާ ގުޅިފައެވެ. އަލުން އެމްބާޕޭއަށް ކޮންޓްރެކްޓް އާކުރުމަށް ހުށަހަޅާފައި ނުވި ނަމަވެސް، އެކަން ޕީއެސްޖީން ބޭނުންވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޕީއެސްޖީގެ ކޮންޓްރެކްޓް އާކުރުމަށް އެމްބާޕޭ ދެކޮޅު ހަދަމުންދަނީ، މިސީޒަން ނިމުމާއެކު ހިލޭ ޓްރާންސްފާއެއްގެ ދަށުން ރެއާލާ ގުޅެން ބޭނުންވާތީއެވެ. ނަމަވެސް އެމްބާޕޭގެ އެ ވިސްނުން ބަދަލުކޮށްފި ނަމަ، ރެއާލުން ޝައުގުވެރިކަމެއް ނުގެންގުޅޭނެ ކަމަށްބުނެ، ރެއާލްގެ ލެޖެންޑް ގުޓީ ވަނީ އިންޒާރެއް ދީފައެވެ.

"އަހަރެން ބޭނުން އެމްބާޕޭ ރެއާލާ ގުޅެން. އެފަދަ ކުޅުންތެރިޔަކު ގެއްލިގެންދާން ރެއާލުން ބޭނުމެއް ނުވާނެ. ނަމަވެސް އެމްބާޕޭ ޕީއެސްޖީގެ ކޮންޓްރެކްޓް އާކޮށްފި ނަމަ، އެކަމުން އެނގިގެންދާނީ އޭނާ ބޭނުންވަނީ ފައިސާކަން. އެކަން އެހެން ވެއްޖެ ނަމަ، ރެއާލުން ދެން މަސައްކަތްކުރާނީ ހާލަންޑް ހޯދަން،" 'އެލް ޗިރިންގުއިޓޯ ޓީވީ'އަށް ދިން އިންޓަވިއުއެއްގައި ގުޓީ ބުންޏެވެ.

ފްރާންސް ފޯވަޑް ކަރިމް ބެންޒެމާ ރެއާލް ދޫކޮށް ދިޔަ ފަހުން އެ ކްލަބުން ފާހަގަކޮށްލެވޭ ސްޓްރައިކަރެއް އަދި ހޯދާފައެއް ނުވެއެވެ. އެހެންކަމުން ރެއާލްގެ ނުވަ ނަމްބަރުގެ ޖާޒީގައި ކުޅޭނެ ކުޅުންތެރިއެއް އަދި ނެތެވެ.

comment ކޮމެންޓް