ކެއާ ސޮސައިޓީން ''ސްކޫލް ބޭސް އިންޓަވެންޝަން'' ލިޓްލް ޖެމްސްއަށް ފޯރުކޮށްދެނީ

ކެއާ ސޮސައިޓީއާއި ހުޅުމާލެ ލިޓްލް ޖެމްސް ސްކޫލާ ދެމެދު "ސްކޫލް ބޭސް އިންޓަވެންޝަން" ފޯރުކޮށްދިނުމަށް އެއްބަސްވުމެއްގައި ސޮއިކުރުމުގެ ތެރެއިން---

ކެއާ ސޮސައިޓީއާއި ހުޅުމާލެ ލިޓްލް ޖެމްސް ސްކޫލާ ދެމެދު "ސްކޫލް ބޭސް އިންޓަވެންޝަން" ފޯރުކޮށްދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމަކީ ލިޓްލް ޖެމްސް ޕްރީ ސްކޫލްގައި ކިޔަވާ އިތުރު އެހީތެރިކަން ބޭނުންވާ ދަރިވަރުންނަށް "ސްކޫލް ބޭސް އިންޓަވެންޝަން" ފޯރުކޮށްދިނުމަށް ވެވުނު އެއްބަސްވުމެކެވެ.

ދެ އަހަރު ދުވަހުގެ މުއްދަތަކަށް ވެވުނު މި އެއްބަސްވުމުގެ ދަށުން ކެއާ ސޮސައިޓީގެ ކަމާބެހޭ ފަންނީ ބޭފުޅުން، ލިޓްލް ޖެމްސް ޕްރީސްކޫލުގައި ކޮންމެ ހަފުތާއަކު ވެސް މަސައްކަތް ކުރާނެއެވެ. އަދި ޓީޗަރުންނާއި ކުދިންނަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެއެވެ. މީގެ އިތުރުން ލިޓްލް ޖެމްސް ޕްރީސްކޫލްގެ ބެލެނިވެރިންނާއި، ސްކޫލް މެނޭޖުމަންޓަށް ބޭނުންވާ ފަންނީ އިރުޝާދާއި ލަފާ ދޭނެއެވެ.

ސްކޫލް ބޭސް އިންޓަވެންޝަން ޕްރޮގްރާމަކީ ކުއްޖާގެ ޅަފަތުގައި ހެދިބޮޑުވުމުގެ މަރުހަލާތަކަށް އައިސްދާނެ ލަސްކަމެއް ވީހާވެސް އަވަހަކަށް ދެނެގަނެ އެކަމަށް ބޭނުންވާ އެކިއެކި ހުނަރު ކުދިންނަށް ލިބައިދިނުމަށް ޓީޗަރާއި، ބެލެނިވެރިޔާއާއި ކަމާބެހޭ ފަންނީ ބޭފުޅުން އެކުވެގެން ސްކޫލްގައާއި ގޭގައި ހިންގޭ ޕްރޮގްރާމެއްކަމަށް ކެއާ ސޮސައިޓީން ބުންޏެވެ.

ކެއާ ސޮސައިޓީގެ ފަރާތުން ޕްރީ ސްކޫލްތަކަށް އަމާޒުކޮށްގެން ހިންގާ މި ޕްރޮގްރާމް ލިޓްލް ޖެމްސް ޕްރީސްކޫލްގެ އިތުރުން މާލޭގެ ދެ ސްކޫލެއްގައި ހިންގައެވެ. އެއީ ދޮންދޫނި ލިޓްލް ލާނާސް އަދި މާފަންނު މަދަރުސާއެވެ.

ކެއާ ސޮސައިޓީއަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި ބޭނުންވާ ފަރުވާއާއި އެހެނިހެން ޚިދުމަށްތައް ހޯދުމަށް އެފަދަ ކުދިންނާއި ޢާއިލާތަކައް އެހީތެރިވަމުން އަންނަ ޖަމިއްޔާއެކެވެ.

comment ކޮމެންޓް