އޭޖްޑް ކެއާ މޯލްޑިވްސްއަށް 20 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކޮށްފި

އޭޖްޑް ކެއާ މޯލްޑިވްސްއަށް 20 އަހަރު ފުރުން ފާހަގަކޮށްފި--ފޮޓޯ: މޫސާ ނަދީމް

އޭޖްޑް ކެއާ މޯލްޑިވްސްއަށް 20 އަހަރު ފުރުން މިރޭ ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.

އޭޖްޑް ކެއާ މޯލްޑިވްސްގް ޚިދުމަތަށް 20 އަހަރު ފުރުން ފާހަގަކުރުމަށް މީރުމާ ހޯލްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުކޮށްދެއްވީ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމެވެ.

މި ރަސްމިއްޔާތުގައި ސަރުކާރުގެ އިސް ބޭފުޅުންގެ އިތުރުން އޭޖްޑްކެއާ އަށް ކުރިން ޚިދުމަތް ކުރެއްވި ބޭފުޅުންނާއި އެ ޖަމިއްޔާގެ މެމްބަރުން ބައިވެރިވިއެވެ.

އޭޖްޑް ކެއާ މޯލްޑިވްސްގެ ކޯފައުންޑަރު އަދި ސީއީއޯ ޑރ. އާމިނަތު ޖަމީލް ވިދާޅުވީ އޭޖްޑް ކެއާގެ ޚިދުމަތް ފެށީ ބިނާކުރަނިވި ގޮތެއްގައި ދޮށީ އުމުރުގެ މީހުންނަށް ހުރިހާ ގޮތަކުން ވެސް އެހީތެރިވެދެވޭނެ ޚިދުމަތެއް ފެށުމުގެ މަގްސަދުގައި ކަމަށެވެ. އަދި ފުރަތަަމަ އޭޖްޑްކެއާ ހިންގަން ފެށީ ކުލިނިކެއްގެ ގޮތުގައި ކަމަށެވެ.

މީގެ އިތުރުން އެކަމަނާ ވިދާޅުވީ، 2008އިން ފެށިގެން ޚިދުމަތް ދެމުން މިއަދާ ހަމައަށް އައިއިރު ވަރަށް ގިނަ ބައެއްގެ ދީލަތި އެހީތެރިކަން ލިބުނު ކަމަށާއި ވަރަށް ގިނަ ގޮންޖެހުންތަކާ ވެސް ކުރިމަތިލާން ޖެހުނު ކަމަށެވެ.

"އަޅުގަނޑުމެންގެ ދޮށީ އުމުރުގެ އާބާދީ ދުވަހުން ދުވަހަށް ދަނީ އިތުރުވަމުން، އެހެންވީމަ މިކަމަށް ވަރަށް ބޮޑު ސަމާލުކަމެއް ވަނީ ދޭންޖެހިފަ. ހަމައެކަނި އަޅުގަނޑުމެން ޖަމިއްޔާއަކުން ނޫން، މިއަށްވުރެ މާ ފުޅާކޮށް ހިދުމަތް ދިނުމަށް އަމާޒުކޮށްގެން ސަމާލުކަންދީގެން އެބަޖެހޭ ގިނަ މަސައްކަތްތަކެއް ކުރަން،"

އޭޖްޑް ކެއާގެ ޚިދުމަތް ފުޅާކޮށް ކުރިއަށް ގެންދިޔުމަށް އެހީތެރިވި ހުރިހާ ފަރާތްތަކަށާއި އޭޖްޑްކެއާގެ މުވައްޒަފުންނާއި މެމްބަރުންނަށް ވެސް އެކަމަނާ ޝުކުރު އަދާކުރެއްވިއެވެ.

މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު ކުރީގެ ނައިބު ރައީސް ފައިސަލް ވިދާޅުވީ 20 އަހަރުގެ ޚިދުމަތުގެ މުއްދަތަކީ ކުރު މުއްދަތެއް ނޫން ކަމަށެވެ.

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް--ފޮޓޯ: މޫސާ ނަދީމް

ފައިސަލް ވިދާޅުވީ ދޮށީ އުމުރުގެ އާބާދީ ބޮޑުވުމަކީ ވިސްނަން ޖެހޭ ކަމެއް ކަމަށާއި ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ދިވެހިންގެ މުޖުތަމައުގައި ބާކީ ކުރުމަކީ ކޮންމެ ވެސް މިންވަރަކަށް އޮތް ކަމެއްކަމަށެވެ.

އަދި މިކަން ބަދަލުކޮށް އެފަރާތްތަކަށް އުފާވެރި ދުޅަހެޔޮ ދިރިއުޅުމެއް ތަނަވަސްކޮށްދިނުމަށް ތައްޔާރުވާން ޖެހޭކަމަށެވެ.

މި ރަސްމިއްޔާތުގައި، އޭޖްޑް ކެއާ މޯލްޑިވްސްއަށް އެކިގޮތްގޮތުން އެހީތެރިވެދެއްވި ފަރާތްތަކަށް ހަނދާނީ ފިލާ އެރުވުނެވެ. މިގޮތުން އޭޖްޑް ކެއާގެ ޑިޖިޓަލް ޕާޓްނަރުކަމަށްވާ އެސްއެސްމީޑީއާއަށް ވެސް މި ރަސްމިއްޔާތުގައި ހަނދާނީ ފިލާ ހަވާލުކުރިއެވެ.

އޭޖްޑްކެއާ އަކީ 2004 ވަނަ އަހަރުން ފެށިގެން އުމުރުންދުވަސްވީ މީހުންގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށާއި އެމީހުންގެ ހައްގުތައް ޔަގީންކުރުމަށް މަސައްކަތްކުރާ ޖަމިއްޔާއެކެވެ.

އޭޖްޑްކެއާ އިން ވަނީ 2011 ވަނަ އަހަރު، ދުބާއީގެ "އެމިރެޓްސް ހެލްތް ފައުންޑޭޝަން ޕްރައިޒް" ހާސިލްކޮށްފައެވެ. އޭޖްޑްކެއާ މޯލްޑިވްސްގެ ބާނީންނަކީ ކުރީގެ ހެލްތު މިނިސްޓަރު ޑރ. އާމިނަތު ޖަމީލް އާއި އެކަމަނާގެ ފިރިކަލުން ސިއްކަ މުޙައްމަދު އިސްމާޢީލް މަނިކުއެވެ.

comment ކޮމެންޓް