ދެ ރަށެއްގެ މަގު ތަރައްގީ ކުރުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްފިއެވެ.
އާރްޑީސީއާ ހަވާލުކޮށްފައި ވަނީ ރ. މަޑުއްވަރީ މަގުތަކުގައި ތާރު އަޅައިގެން ތަރައްގީކުރުމުގެ މަޝްރޫޢާއި އދ. މަހިބަދޫ މަގުހެދުމުގެ މަޝްރޫގެ މަސައްކަތެވެ.
މި ދެ މަޝްރޫއު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއެކުރެއްވީ، ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އާރްޑީސީގެ ފަރާތުން ސޮއެކުރެއްވީ ޖެނެރަލް މެނޭޖަރު ހުޒާމް ހުސައިން ދީދީއެވެ.
ހަތަރު ސަތޭކަ ވިހި ދުވަހުގެ ތެރޭ ނިންމުމަށް ހަވާލުކުރި މަހިބަދޫ މަގު ހެދުމުގެ މަސައްކަތަކީ، 42.7 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން 2.035 ކިލޯމީޓަރުގެ މަގުގައި ގާ އެތުރުމާއި، މަގުތަކުގައި ފެން ހިންދާ ނިޒާމް ގާއިމްކުރުމުގެ އިތުރުން މަގުތަކުގައި މަގުބައްތި ޖެހުން ހިމެނެއެވެ.
މަޑުއްވަރީ މަގުތަކުގައި ތާރުއެޅުމުގެ މަޝްރޫއަކީ 540 ދުވަހުގެ ތެރޭ ނިންމާގޮތަށް ހަވާލުކުރި، 82.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން 3.5 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމާއި، މަގުތަކުގައި ފެން ހިންދާ ނިޒާމް ގާއިމްކުރުމުގެ އިތުރުން މަގުތަކުގައި މަގު ބައްތި ޖެހުން ހިމެނެއެވެ.

ތިން ރަށެއްގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން އެމްޓީސީސީ އާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަނީ-- ފޮޓޯ/ ޕްލޭނިން މިނިސްޓްރީ
މި ދެ މަޝްރޫއުގެ އިތުރުން ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ވަނީ އިތުރު ތިން މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައެވެ. އެއީ އއ. މަތިވެރި ބިންހިއްކުމުގެ މަޝްރޫއާއި ރ. މާކުރަތު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އިތުރުން އދ. އޮމަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއެވެ.
މި ތިން މަޝްރޫއު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއެކުރެއްވީ، ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އެމްޓީސީސީގެ ފަރާތުން ސޮއެކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ.
މަތިވެރި ބިން ހިއްކުމުގެ މަޝްރޫޢަކީ، 390 ދުވަހުގެ ތެރޭ ނިންމުމަށް ހަވާލުކުރި 142.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ރަށުގެ އުތުރު ފަރާތުން ފެށިގެން ހުޅަނގު އުތުރު ސަރަޙައްދެއް ހިމެނޭހެން 26.5 ހެކްޓަރުގެ ބިން އިތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ.
150 ދުވަހުގެ ތެރޭ ނިންމުމަށް ހަވާލުކުރެވުނު މާކުރަތު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއަކީ 12.1 މިލިއަން ރުފިޔާގެ ގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ ގޮތުން 317 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖަހާނެއެވެ.
އޮމަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއަކީ 180 ދުވަހުގެ ތެރޭ ނިންމުމަށް ހަވާލުކުރި، 10.08 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ރަށުގެ ހުޅަނގު ފަރާތު ގިރާ ސަރަޙައްދު ހިމާޔަތްކުރުމުގެ ގޮތުން 45 މީޓަރުގެ ބޮޑުހިލަ ޖެހުމާއި 34 މީޓަރުގެ ގްރޮއިނެއް ގާއިމްކުރާނެއެވެ. އަދި 350 މީޓަރާއި 260 މީޓާރުގެ ޖިއޯ ބޭގް ރިވެޓްމެންޓް ޖަހާނެއެވެ.