ބާރަށު މާކޮޅު ސަރަހައްދުގައި އީކޯ ޓޫރިޒަމް ތައާރަފު ކޮށްދޭނަން: މުއިއްޒު

ޑރ. މުއިއްޒު ބާރަށު ރައްޔިތުންނާ ވާހަކަ ދައްކަވަނީ --

(ހއ. ބާރަށުން، ޢާލިމް އަބްދުއްލަތީފް)

ހއ. ބާރަށު މާކޮޅު ސަރަހައްދުގައި އެ ތަނުގެ ގުދުރަތީ ރީތިކަމާ ގުޅޭ ގޮތަށް އީކޯ ޓޫރިޒަމްގެ މަޝްރޫއެއް ހިންގައިދެއްވާނެ ކަމަށް ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ބޮޑުތިލަދުންމައްޗަށް މުއިއްޒު މިހާރު ކުރައްވާ ދަތުރުގައި މިއަދު ބާރަށަށް ވަޑައިގެންނެވިއިރު ގިނަ އަދަދެއްގެ ބަޔަކު މަރުހަބާ ދެންނެވުމަށް ނުކުމެފައި ތިއްބެވެ.

ބާރަށުގެ ސަޕޯޓަރުންނާ ބައްދަލުކުރައްވާ މުއިއްޒު ވިދާޅުވީ މި ރަށުގެ މާކޮޅު ސަރަހައްދުގައި ގުދުރަތީ ރީތިކަމާ ގުޅޭ ގޮތަށް އީކޯ ޓޫރިޒަމްގެ މަޝްރޫއެއް އިންޓަނޭޝަނަލް ބިޑަށް ހުޅުވައިލައިގެން ކުރިއަށް ގެންގޮސްދެއްވާނެ ކަމަށެވެ.

އެއާ އެކު މި ރަށުގައި ވަޒީފާގެ ފުރުސަތުތައް އިތުރުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މުއިއްޒު ބާރަށުގައި ސަޕޯޓަރުންނާ ސަލާން ކުރައްވަނީ --

އިތުރަށް މުއިއްޒު ވިދާޅުވީ 2000 މީހުންގެ އާބާދީއެއް އޮތް ބާރަށުގައި މިސްކިތެއް ނާޅާތާ 15 އަަހަރުވެއްޖެ ކަމަށެވެ.

"އިސްލާމްދީނަކީ އެންމެ އިސް ސަމާލުކަމެއް ދޭން ޖެހޭ ކަންތައް. މި ރަށުގައި ރީތި ބޮޑު މިސްކިތެއް ބިނާ ކުރުމަކީ އަޅުގަނޑުމެން އެންމެ ސަމާލުކަން ދޭނެ ކަންތައް،" މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން، މި ރަށުގައި ބޯހިޔާވަހިކަމުގެ މަޝްރޫތަކެއް ހިންގައިދީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކޮށްދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި، އަތްފޯރާފަށުގައި ހައުސިން ލޯން ދެއްްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މި ރަށުގެ ޖެޓީ މަރާމާތުކޮށްދީ އިތުރު ޖެޓީއެއް މަސްވެރިންނަށް ހައްދަވައިދެއްވާނެ ކަމަށް ވެސް މުއިއްޒު ވައުދުވެވަަޑައިގެންފިއެވެ.

މީގެ އިތުރުން، މި ރަށުގެ ވަށައިގެންވާ ރިންގު ރޯޑު ހެދުމާއި ބޮޑެތި މަގުތައް ތާރު އަޅައިގެން ހެދުމަކީ އިސްކަން ދޭނެކަމެއް ކަމަށް ވިދާޅުވިއެވެ. އަދި، މި ރަށުގެ ސިއްހީ މަރުކަޒު ތަރައްގީކޮށްދީ އިތުރު ޚިދުމަތްތައް ތައާރަފު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

comment ކޮމެންޓް