މުއިއްޒުގެ ވައުދު: ޓޫރިޒަމަށް ޚާއްޞަ ލުއި ލޯނެއް ތައާރަފުކުރާނަން

ކެލާގައި އޮތް ކެންޕޭނު ޖަލްސާގައި މުއިއްޒު ވާހަކަދައްކަވަނީ ---

ޓޫރިޒަމް ދާއިރާއަށް ވަންނަން ބޭނުންވާ މީހުންނަށް ޚާއްޞަ ލުއި ލޯން ސްކީމެއް ތައާރަފުކޮށްދިނުމަށް ޕީޕީއެމް، ޕީއެންސީ ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ވައުދުވެވަޑައިގެންފިއެވެ.

މިއަދު ހއ. ކެލާގައި އޮތް ކެންޕޭނު ޖަލްސާގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ، އޭނާގެ ވެރިކަމެއްގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ޓޫރިޒަމް ސިނާއަތަށް ވަންނަން ބޭނުންވާ އެންމެންނަށް ލޯނު ލިބޭނެ ގޮތް ހަމަޖައްސަވައިދެއްވާނެ ކަމަށެވެ.

"ޓޫރިޒަމްގެ ދާއިރާއަށް ވަންނަން ބޭނުންވާ ޒުވާނުންނާއި، އެކި ފަރާތްތަކަށް ފަހިވާނެ ލުއި ލޯނު ލިބޭނެ ފުރުސަތުތައް އިރާދަކުރެއްވިއްޔާ ނިޒާމުގެ ތެރެއިން އަޅުގަނޑުމެން ފަހިކޮށްދޭނަން. ފަސޭހަ ކަމާއެކީގައި ލިބޭ، އިންވެސްޓްމެންޓެއްގެ ގޮތުގައި ބޭނުން ކުރެވޭ ލޯން ފެސިލިޓީ ޓޫރިޒަމްގެ ދާއިރާއަށް ޓަކައި ތައާރަފު [ކޮށްދޭނަން]،" މުއިއްޒު ވިދާޅުވިއެވެ.

ކެލާގެ އިގްތިސާދާ ބެހޭގޮތުން ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ، އެރަށުގެ ދަނޑުވެރިންގެ މަސައްކަތަށް ފަހިވާނެ ވަސީލަތްތައް ގާއިމުކޮށްދެއްވާނެ ކަމަށެވެ. އަދި ބަނދަރާއެކު، އިތުރުވާ ބިމުގައި މަސްވެރިކަން ތައާރަފުކޮށްދެއްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

"މި ހުރިހާ ކަމެއް ވުމުން ވާނެ ގޮތަކީ ރައްޔިތުން ފުދުންތެރިވާނީ. ރައްޔިތުންގެ ޖީބަށް އިރާދަކުރެއްވިއްޔާ ފައިސާ ވަންނާނީ،" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މުއިއްޒުވަނީ ކެލާގައި މިހާރު ޓޫރިޒަމަށް ދޫކޮށްފައި އޮތް ބިން އޮތީ ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނުވާ ގޮތަށް ކަމަށް ވިދާޅުވެފައެވެ. މާލޭގެ މޭޔަރުކަން ވެސް ކުރައްވާ މުއިއްޒު ވިދާޅުވީ، އެއީ ގާނޫނާ ޚިލާފުކަމެއް ކަމަށެވެ. އަދި އޭނާގެ ވެރިކަމެއްގައި އެކަން ބަދަލު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

އޭނާ ވަނީ އެރަށުގެ ފަޅުތެރެއިންނާއި، ބިމުން، އިތުރު ޓޫރިސްޓު ފެސިލިޓީތައް ތަރައްގީކުރުމަށް ވިސްނަވާ ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް