ޢީދަށް މާލޭގައި ޖެހި ކުލަބޮކިތަކަށް 1.9 މިލިއަން ރުފިޔާ

މަޖީދީ މަގުގައި ސިޓީ ކައުންސިލުން ބޮކިން ޒީނަތްތެރިކޮށްފައި -- ސަން ފޮޓޯ/ މާހިލް އާތިފް

މާލޭ ސިޓީ ކައުންސިލުން މި އަހަރުގެ އަޟްޙާ ޢީދާ ދިމާކޮށް މާލޭގެ މަގުތަކުގައި ދެމި ކުލަ ބޮކިތަކާއި ގިޑިގެތައް ގަންނަން، އެ ކައުންސިލުން ޖުމުލަ 1.9 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާކަން ހާމަވެއްޖެއެވެ.

މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "ސަން"އިން އެދުމުން، ސިޓީ ކައުންސިލުން ހާމަކުރި ގޮތުގައި މާލޭގެ މަގުތައް ޒީނާތްތެރި ކުރުމަށް ބޭނުންވާ ބޮކިތަކާއި ގިޑިގެތައް، އެ ކައުންސިލަށް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ވަނީ އިއުލާނު ކޮށްފައެވެ. އަދި، އިއުލާނުގެ މުއްދަތުގައި އެ ކަމަށް އެދި ހުށަހަޅާފައިވަނީ ނޯތު ވެސްޓު މޯލްޑިވްސް ޕްރައިވެޓު ލިމިޓެޑު ނަމަކަށް ކިޔާ ކުންފުންޏަކުން އެކަންޏެވެ.

އެ ކުންފުނިން، އެ ތަކެތި ހަތް ދުވަސް ތެރޭގައި ސަޕްލައި ކޮށްދޭން ހުށަހަޅާފައިވަނީ 1.9 މިލިއަން ރުފިޔާއެވެ. އިތުރު ކުންފުންޏަކުން ބިޑު ހުށަހަޅާފައިނުވާތީ، ބިޑު ކޮމިޓީން ވަނީ ނޯތު ވެސްޓު މޯލްޑިވްސްއަށް އެ މަސައްކަތް އެވޯޑު ކޮށްފައެވެ.

ބޮޑު ޢީދާ ދިމާކޮށް ސިޓީ ކައުންސިލުން ވަނީ މާލޭގެ ބޮޑުތަކުރުފާނު މަގާއި، މަޖީދީމަގު އަދި ސޯސަންމަގުގެ އިތުރުން ވިލިމާލެ ހިމެނޭހެން ބޮޑެތި މަގުތައް ޒީނަތްތެރި ކޮށްފައެވެ. މާލެ އާއި ވިލިމާލޭގައި ޖުމްލަ 22 ގިޑިގެއާ އެކު 2،224 ބޮކި ހަރު ކުރިއެވެ.

ބިޑު އިވޭލުއޭޝަން ފޯމުގައި ވާގޮތުން، މަސައްކަތުގެ އަގަށް ބަލައި ނޯތު ވެސްޓު މޯލްޑިވްސްއަށް ވަނީ 40 ޕޮއިންޓު ދީފައެވެ. އަދި، ތަޖުރިބާއަށް ނުވަ ޕޮއިންޓާއި މަސައްކަތް ނިންމޭނެ މުއްދަތަށް 35 ޕޮއިންޓު އަދި، ވިޔަފާރީގައި ހޭދަކޮށްފައިވާ މުއްދަތަށް ބަލައި 10 ޕޮއިންޓު ދީފައެވެ. އެ ކުންފުނީގެ ބިޑަށް ޖުމުލަ 94 މާކްސް ލިބިފައިވެއެވެ.

މާލެތެރެ ޒިނާތްތެރި ކުރުމަށް ކުލަބޮކިތަކާއި ގިޑިގެތައް ހަރުކޮށްފައިވާއިރު، އެ ތަކެތި ހަރުކުރުމުގެ މަސައްކަތް ކޮށްފައިވަނީ ސިޓީ ކައުންސިލުންނެވެ.

comment ކޮމެންޓް