އެވަޓަންގެ ސެނެގާލް މިޑްފީލްޑަރު އަމަދޫ އޮނާނާ ހޯދުމަށް މެންޗެސްޓާ ޔުނައިޓެޑުން ބިޑެއް ހުށަހެޅުމަށް ތައްޔާރުވެއްޖެއެވެ.
ރިޕޯޓުތައް ބުނާގޮތުގައި އޮނާނާ ހޯދުމަށް ޔުނައިޓެޑުން ބިޑެއް ހުށަހަޅަނީ ޓްރާންސްފާ މުއްދަތު ނިމުމުގެ ކުރިން އެ ކްލަބުގެ ކޯޗު އެރިކް ޓެން ހާގް އިތުރު މިޑްފީލްޑަރެއް ހޯދަން ބޭނުންވާތީއެވެ. ނަމަވެސް އޮނާނާ ހޯދުމަށް ޔުނައިޓެޑުން އެންމެ ކުޑަވެގެން އެވަޓަނަށް 50 މިލިއަން ޕައުންޑް (64 މިލިއަން ޑޮލަރު)ގެ ބިޑެއް ހުށަހަޅަން ޖެހޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ލިލް އިން 33 މިލިއަން ޕައުންޑް (42 މިލިއަން ޑޮލަރު)ގެ ޓްރާންސްފާ ފީއެއްގެ ދަށުން އުމުރުން 21 އަހަރުގެ އޮނާނާ, އެވަޓަންއާ ގުޅުނުތާ އަދި ވެފައިވަނީ އެންމެ އަހަރެކެވެ. ނަމަވެސް އެވަޓަނުން މިހާރު ބޭނުންވަނީ އޭނާ ވިއްކާލުމަށެވެ. އެވަޓަނުން އޮނާނާ ވިއްކާލަން ބޭނުންވަނީ ކޮންމެހެން ފައިސާއަށް ބޭނުން ޖެހިފައިވާތީ ނޫން ކަމަށް މީގެ ކުރިން އެ ކްލަބުން ވަނީ ބުނެފައެވެ.
ޔުނައިޓެޑުން ވަނީ ފިއޮރެންޓީނާގެ މޮރޮކޯ މިޑްފީލްޑަރު ސޮފިޔާން އަމްރަބާތު ހޯދުމަށް ވެސް މަސައްކަތްކޮށްފައެވެ. ނަމަވެސް މިހާތަނަށް ޔުނައިޓެޑަށް އެކަމުގައި ކުރިއެރުމެއް ލިބިފައެއް ނުވެއެވެ. މިސީޒަނުގައި ޔުނައިޓެޑުން މިޑްފީލްޑަރަކަށް ހޯދި އެންމެ މުހިންމު ކުޅުންތެރިޔަކީ ޗެލްސީއަށް ކުޅެމުންދިޔަ އިނގިރޭސި މިޑްފީލްޑަރު މޭސަން މައުންޓެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ ބޮޑެތި ކްލަބުތަކަކުން ދަނީ މިޑްފީލްޑަރުން ހޯދުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން 115 މިލިއަން ޕައުންޑް (146 މިލިއަން ޑޮލަރު)ގެ ޓްރާންސްފާ ފީއެއްގެ ދަށުން ބްރައިޓަންގެ މިޑްފީލްޑަރު މޮއިސެސް ކައިސޭޑޯ ޗެލްސީއާ ގުޅުމާ ގާތަށް ގޮސްފައިވާ އިރު، ރޯމިއޯ ލަވިއާއަށް ލިވަޕޫލުން ހުށަހެޅި 60 މިލިއަން ޕައުންޑް (76 މިލިއަން ޑޮލަރު)ގެ އަގު ސައުތުހެމްޓަނުން ވަނީ ގަބޫލުކޮށްފައެވެ.