ކޯޓުއާއަށް އަނިޔާވުމުން ރެއާލުން ލޯނުގެ ދަށުން ކެޕާ ހޯދައިފި

ސްޕެއިން ގޯލްކީޕަރު ކެޕާ އަރިޒަބަލަގާ -- ފޮޓޯ/ ގެޓީ

ޗެލްސީގެ ސްޕެއިން ގޯލްކީޕަރު ކެޕާ އަރިޒަބަލަގާ، ލޯނުގެ ދަށުން ރެއާލް މެޑްރިޑާ ގުޅިއްޖެއެވެ.

މިސީޒަން ނިމެންދެން ލޯނުގެ ދަށުން ރެއާލުން ކެޕާ ގެންގޮސްފައިވަނީ އެ ކްލަބުގެ އެއް ނަމްބަރު ކީޕަރު، ބެލްޖިއަމްގެ ތިބައު ކޯޓުއާގެ ފަޔަށް އަނިޔާވެ، ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ދާން ޖެހުމުންނެވެ. އޭނާއަށް އަނިޔާވެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކުރިއަށްގެންދިޔަ ރެއާލްގެ ތަމްރީންތަކުގައެވެ.

ރެއާލް މެޑްރިޑްގެ ބެލްޖިއަމް ކީޕަރު ކޯޓުއާ -- ފޮޓޯ/ ގެޓީ

އެތުލެޓިކޯ ބިލްބާއޯ އިން 2018 ވަނަ އަހަރު ކްލަބުގެ ރެކޯޑު އަގަކަށް، 80 މިލިއަން ޔޫރޯއަށް ކެޕާ ޗެލްސީއަށް ގެންދިޔަ ނަމަވެސް، އެ ކްލަބުގައި އޭނާއަށް ގިނަ ފުރުސަތުތަކެއް ލިބިފައެއް ނުވެއެވެ. ބްރައިޓަނަށް ކުޅެމުންދިޔަ ސްޕެއިން ކީޕަރު ރޮބާޓް ސަންޗޭޒް، މިސީޒަނުގައި ޗެލްސީއަށް ގެންދިއުމުން ކެޕާއަށް އަނެއްކާވެސް ވަނީ ފުރުސަތުތައް ހަނިވެފައެވެ.

ރެއާލުން ކެޕާ ހޯދާފައި މިވަނީ, އަނިޔާވެފައިވާ ޖަރުމަން ކީޕަރު މެނުއަލް ނޯޔާގެ ބަދަލުގައި ބަޔާން މިއުނިކުން ވެސް ކެޕާ ހޯދުމަށް މަސައްކަތްކުރަމުން ދަނިކޮށެވެ. ނަމަވެސް ރެއާލުން ވަނީ ކޯޓުއާއަށް އަނިޔާވުމާއެކު ކެޕާ ހޯދުމަށް އަވަސް މަސައްކަތްތަކެއްކޮށް، އެކަން ނިންމައިފައެވެ.

ކޯޓުއާއަށް އަނިޔާވުމަކީ ރެއާލަށް ގިނަ އަނދަގޫތަކަކާ ކުރިމަތިލާން ޖެހޭނެ ކަމެކެވެ. މިދިޔަ ސީޒަނުގައި ރެއާލަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކި ކުޅުންތެރިޔަކީ ވެސް ކޯޓުއާއެވެ.

comment ކޮމެންޓް