ޗެލްސީގެ ފްރާންސް ފޯވަޑް ކްރިސްޓޮފާ އެންކުންކޫއަށް އަނިޔާވި ނަމަވެސް، އޭގެ ބަދަލުގައި އެ ކްލަބުން ކުޅުންތެރިއެއް ހޯދުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް ރިޕޯޓުކޮށްފިއެވެ.
އާރްބީ ލައިޕްޒިގަށް ކުޅެމުންދިޔަ އުމުރުން 25 އަހަރުގެ އެންކުންކޫ، ޗެލްސީއަށް ގެންގޮސްފައިވަނީ މިސީޒަނުގައެވެ. ނަމަވެސް ސީޒަން ފެށުމުގެ ކުރިން އެންކުންކޫގެ ކަކުލަށް އަނިޔާވެ، ދިގު މުއްދަތަކަށް ވަނީ ކުޅުމާ ދުރަށް ދާން ޖެހިފައެވެ.
ޗެލްސީން ޔުވެންޓަސް ފޯވަޑް ޑުސާން ވްލަހިވިޗް ގެނައުމަށް މަސައްކަތްތަކެއް ކުރި ނަމަވެސް، އެންކުންކޫގެ ބަދަލުގައި އެ ކްލަބުން ބޭނުންކުރަން ނިންމާފައިވަނީ މިހާރުވެސް ސްކޮޑުގައި ހުރި ކުޅުންތެރިއެކެވެ. އެކަމަށްޓަކައި އޭސީ މިލާނުން ހޯދުމަށް މަސައްކަތްކުރަމުންދާ ސްޓްރައިކަރު އަރްމާންޑޯ ބްރޯހާ ޗެލްސީން ވިއްކާނުލުމަށް ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އުމުރުން 21 އަހަރުގެ ބްރޯހާއަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ލިބުނު ކަކުލުގެ އަނިޔާއަކާ ގުޅިގެން ދުވަސްތަކެއް ވަންދެން އޭނާ ހުރީ ކުޅުމާ ދުރުގައެވެ. ޗެލްސީން ބްރޯހާ ވިއްކާލުމަށް މަސައްކަތްކުރި ނަމަވެސް، މިހާރު އެ ކްލަބަށް ވަނީ އޭނާގެ ބޭނުން ޖެހިފައެވެ.
މިސީޒަނުގައި ވިޔަރެއާލުން 32 މިލިއަން ޕައުންޑް (40.6 މިލިއަން ޑޮލަރު)ގެ ޓްރާންސްފާ ފީއެއްގެ ދަށުން ގުޅުނު ސެނެގާލް ފޯވަޑް ނިކޮލަސް ޖެކްސަނަކީ ވެސް އެ މަގާމަށް ކުޅޭ ކުޅުންތެރިއެކެވެ. އެހެންކަމުން އެ މަގާމަށް ވާދަކުރަން ޖެހޭނީ ޖެކްސަނާއި ބްރޯހާއެވެ.