ފްރާންސް ޑިފެންޑަރު ބެންޖަމިން ޕަވާޑް ހޯދުމަށް މެންޗެސްޓާ ޔުނައިޓެޑުން ބަޔާން މިއުނިކަށް ހުށަހެޅީ ވަރަށް ކުޑަ އަގެއް ކަމަށް ރިޕޯޓުކޮށްފިއެވެ.
ރިޕޯޓުތައް ބުނާގޮތުގައި ޕަވާޑަށް ޔުނައިޓެޑުން ހުށަހެޅީ 25 މިލިއަން ޕައުންޑް (32 މިލިއަން ޑޮލަރު)ގެ ބިޑެކެވެ. ނަމަވެސް ބަޔާނުން ޕަވާޑަށް ބޭނުންވަނީ 39 މިލިއަން ޕައުންޑް (49 މިލިއަން ޑޮލަރު) އާއި 43 މިލިއަން ޕައުންޑް (55 މިލިއަން ޑޮލަރު)އާ ދެމެދުގެ އަގެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގަށް ވަނީ ރައިޓް ބެކްގެ މަގާމަށް ކުޅޭނެ ޑިފެންޑަރެއް ހޯދަން ޖެހިފައެވެ. ޔުނައިޓެޑުގައި މިހާރު އެ މަގާމަށް އާރޮން ވެން ބިސާކާ އާއި ޑިއޯގޯ ޑަލޮޓް ހުރި ނަމަވެސް، އެ ކުޅުންތެރިންނާ މެދު ޓެން ހާގް ހިތްހަމަނުޖެހޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޕަވާޑް ވެސް ބަޔާން ދޫކޮށް ދާން ބޭނުންވެފައިވާ އިރު، އޭނާގެ ބަދަލުގައި މެންޗެސްޓާ ސިޓީގެ އިނގިރޭސި ޑިފެންޑަރު ކައިލް ވޯކާ ގެނައުމަށް ބަޔާނުން މަސައްކަތްތަކެއް ކުރިއެވެ. ނަމަވެސް އެ މަސައްކަތް ބަޔާނަށް ކާމިޔާބުވެފައެއް ނުވެއެވެ. އެހެންކަމުން ބަޔާނުން ޕަވާޑްގެ އަގު ކުޑަކުރާނެ ކަމަކަށް ނުބެލެވެއެވެ.
އުމުރުން 27 އަހަރުގެ ޕަވާޑް، ބަޔާނާއެކު ހަދާފައިވާ ކޮންޓްރެކްޓް ނިމުމަކަށް އަންނަނީ އަންނަ އަހަރުއެވެ. ޕަވާޑަކީ ވީއެފްބީ ސްޓުޓްގާޓުން 2019 ވަނަ އަހަރު ބަޔާނާ ގުޅުނު ކުޅުންތެރިއެކެވެ. އޭނާއަކީ ފްރާންސަށް ވޯލްޑް ކަޕް 2018 ކާމިޔާބުކޮށްދިނުމުގައި އިސްދައުރެއް އަދާކުރި ކުޅުންތެރިއެކެވެ.