ފަރުވާދެމުން ދިޔަ ގައިދީއަކު ހިތް ހުއްޓިގެން މަރުވެއްޖެ

ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދިޔަ ގައިދީއެއްގެ ހާލު ގޯސްވެގެން މިއަދު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ކުއްލިއަކަށް މަރުވެއްޖެއެވެ.

ހުޅުމާލޭ ހޮސްޕިޓަލުގެ އިމަޖެންސީގައި ފަރުވާދެމުން ދަނިކޮށް މިއަދު 3:25 ހާއިރު މަރުވެފައި ވަނީ ބ. ތުޅާދޫ ބޯދި، އިސްމާޢީލް އަބޫބަކުރު، 55އެވެ.

އޭނާގެ މައްޗަށް 10 އަހަރުގެ ހުކުމެއް ތަންފީޒު ކުރަން ޖަލަށް ލާފައި ހުރީ ޖިންސީ ނިޔަތެއް އޮވެގެން ކުޑަޖުއްޖެއްގެ ހަށިގަނޑުގައި އަތްލައިގެންނެވެ.

"ސަން"އާ ވާހަކަދައްކަވަމުން ކަރެކްޝަންސްގެ މީޑިއާ އޮފިސަރު، އައިމިނަތު ޔުސްރީން އަހުމަދު ވިދާޅުވީ އިސްމާޢީލް މަރުވީ އޭނާގެ މެއަށް ތަދެއް އަރައިގެން މިއަދު މެންދުރުފަހު ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް ކަމަށެވެ.

"އިސްމާޢީލް އަކީ އިތުރު ބައްޔަކަށް ފަރުވާ ކުރަމުން އަންނަ މީހެއް ނޫން. މިއަދު ކުއްލިއަކަށް މެއަށް ތަދެއް އަރައިގެން ހުޅުމާލޭ ހޮސްޕިޓަލްގެ އެމަޖެންސީގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވީ. ޑޮކްޓަރު ވިދާޅުވީ ނިޔާވީ މެއަށް ތަދެއް އެރިވަގުތު ހިތްހުއްޓިގެން ކަމަށް،" ޔުސްރީން ވިދާޅުވިއެވެ.

ޔުސްރީން ވިދާޅުވީ އިލްމާޢީލް އަބޫބަކުރު މަރުވުމާއެކު އެކަން އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސް އަށާއި ފުލުހަށާއި އެޗްއާރްސީއެމްގެ އިތުރުން ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް މިހާރު އަންގާފައިވާ ކަމަށެވެ.

comment ކޮމެންޓް