ލީޑްސް ޔުނައިޓެޑްގެ އެމެރިކާ މިޑްފީލްޑަރު ޓައިލާ އެޑަމްސް ހޯދުމަށް ޗެލްސީން ކުރަމުންދިޔަ މަސައްކަތަށް ފަހުވަގުތު ނިމުމެއް ގެނެސްފިއެވެ.
މިދިޔަ ސީޒަންގައި އިނގިރޭސި ޕްރިމިއާ ލީގުގެ 19 ވަނައިގައި ލީޑްސް އިން ނިންމާލަން ޖެހުމާއެކު ރެލިގޭޓްވުމާ ގުޅިގެން އެޑަމްސްގެ ރިލީސް ފީ ވެސް ކުޑަވެގެންދިޔައެވެ. އެއާއެކު އޭނާ ހޯދުމަށް ޗެލްސީން ހުށަހަޅާފައިވަނީ 20 މިލިއަން ޕައުންޑް (25.53 މިލިއަން ޑޮލަރު)ގެ އަގެކެވެ.
ރިޕޯޓުތައް ބުނާގޮތުގައި ޗެލްސީން މިޑްފީލްޑަރުން ހޯދުމަށް ކުރަމުންދިޔަ މަސައްކަތުގެ ތެރެއިން އެޑަމްސްއަށް ހުށަހެޅި ބިޑު މިހާރު ވަނީ އަނބުރާ ގެންގޮސްފައެވެ. ޗެލްސީން އެ މަސައްކަތް ހުއްޓާލާފައި މިވަނީ, ލީޑްސް ރެލިގޭޓްވުމާ ގުޅިގެން ފުރަތަަމަ ޑިވިޝަންގެ ކްލަބަކަށް ބަދަލުވުމަށް އެޑަމްސް ވެސް ބޭނުންވެފައި ވަނިކޮށެވެ.
ޗެލްސީން މިހާރު އެންމެ ބޮޑު މަސައްކަތެއް ކުރަމުންދަނީ ބްރައިޓަންގެ އެކުއެޑޯ މިޑްފީލްޑަރު މޮއިސެސް ކައިސޭޑޯ ހޯދުމަށެވެ. އޭނާ ހޯދުމަށް ޗެލްސީ އާއި ލިވަޕޫލުގެ ވާދަވެރިކަން ވަނީ ވަރަށް ބޮޑުވެފައެވެ.
އިތުބާރު ހުރި ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ރިޕޯޓުކޮށްފައިވާ ގޮތުގައި ކައިސޭޑޯ ޗެލްސީއާ ގުޅެން ބޭނުންވާތީ އޭނާ އެ ކްލަބާ ގުޅުމަށް ވަނީ އެއްބަސްވެފައެވެ. ލިވަޕޫލުން ކައިސޭޑޯއަށް ހުށަހެޅި 110 މިލިއަން ޕައުންޑް (140 ޑޮލަރު)ގެ ބިޑަށްވުރެ ބޮޑުކޮށް ބިޑު ހުށަހެޅުމަށް ޗެލްސީން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޗެލްސީން މީގެ ކުރިން ހުށަހަޅާފައިވާ 100 މިލިއަން ޕައުންޑް (127 މިލިއަން ޑޮލަރު)ގެ ބިޑު ބްރައިޓަނުން ވަނީ ގަބޫލުނުކޮށް ދޫކޮށްލައިފައެވެ. ލިވަޕޫލާއެކު މެޑިކަލްގައި ބައިވެރިވުމަށް ނިންމާފައިވަނިކޮށް، ކައިސޭޑޯ އެ ނިންމުން ބަދަލުކޮށްފައިވަނީ ޗެލްސީން ވެސް އޭނާއަށް ލިވަޕޫލުން ހުށަހަޅާ އަގަށްވުރެ ބޮޑު ބިޑެއް ކުރާތީ ކަމަށް ރިޕޯޓުތައް ބުނެއެވެ.