ބާސެލޯނާގެ ޖަރުމަން ގޯލްކީޕަރު މާކް އަންދްރޭ ޓާ ސްޓަގަންގެ އެންމެ މޮޅު ކީޕަރުންގެ ލިސްޓުގައި ވާދަވެރި ރެއާލް މެޑްރިޑުގެ ބެލްޖިއަމް ކީޕަރު ތިބައު ކޯޓުއާ ހިމެނިއްޖެއެވެ.
ސީޒަން ނުފެށެނީސް ކޯޓުއާގެ ފަޔަށް އަނިޔާވެ، ވަނީ ކުޅުމާ ދުރަށް ދާން ޖެހިފައެވެ. މިދިޔަ ސީޒަނުގައި ވެސް ރެއާލަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކި ކޯޓުއާއަށް ލިބުނު އެ އަނިޔާއާ ގުޅިގެން ދިގު މުއްދަތަކަށް އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށް ބެލެވެއެވެ.
ސްޕެނިޝް ލަލީގާގައި އެންމެ ވާދަވެރިކަން ބޮޑު ދެ ކީޕަރުންނަކީ ކޯޓުއާ އާއި ބާސާގެ ޓާ ސްޓަގަންއެވެ. ދުނިޔޭގެ އެންމެ މޮޅު ކީޕަރުންގެ ތެރޭގައި ވެސް ފާހަގަކޮށްލެވޭ ސްޓަގަން ދިން އިންޓަވިއުއެއްގައި އޭނާ ވަނީ ދުނިޔޭގެ އެންމެ މޮޅު ތިން ކީޕަރުން ހޮވައިފައެވެ.

ރެއާލް މެޑްރިޑްގެ ބެލްޖިއަމް ކީޕަރު ކޯޓުއާ -- ފޮޓޯ/ ގެޓީ
"އަހަރެންގެ ނަން އެ ލިސްޓުގައި ހިމަނަން ބޭނުން. ދެން ހިމެނޭ ކޯޓުއާ ވެސް ވަރަށް މޮޅު ކުޅުމެއް ދައްކާ. ދެން ހިމެނެނީ މިދިޔަ ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި މެންޗެސްޓާ ސިޓީގެ ކީޕަރު އެޑަސަން،" އޭނާ ބުންޏެވެ.
ސްޓަގަން ބުނީ ރެއާލް ސޮސިއެޑާޑްގެ ގޯލު ބަލަހައްޓަމުންދާ ސްޕެއިން ކީޕަރު އެލެކްސް ރެމީރޯ ވެސް ފާއިތުވެދިޔަ ސީޒަންތަކުގައި މޮޅު ކުޅުމެއް ދައްކާފައިވާ ކަމަށާއި މިވަގުތު ދުނިޔޭގެ އެންމެ މޮޅު ކީޕަރުންގެ ތެރޭގައި އޭނާ ވެސް ހިމެނޭނެ ކަމަށެވެ.
ކުރިއަށްއޮތް ސީޒަން ވެގެންދާނީ ބާސާގެ ޖާޒީގައި ސްޓަގަން ފެނިގެންދާނެ ދިހަވަނަ ސީޒަނަށެވެ. އެންމެ ފަހުގެ ސްޕެއިން ޗެމްޕިއަން ބާސާ އިން ސީޒަންގައި ކުޅޭ ފުރަތަމަ ލީގު މެޗުގައި ނުކުންނަން ޖެހޭނީ ގެޓަފޭއާ ދެކޮޅަށެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހުއެވެ.