އަދުގެ ދަރިންނަށް އަދަބާއި އުޅުން ދަސްކޮށް ދިނުމަކީ، ގައުމުގެ ބިންގާ ހަރުދަނާކުރުމަށް އެޅޭ ބޮޑު ބާރެއް ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.
ތަޢުލީމާއި ތަރުބިއްޔަތުގެ މާތްކަމުގެ މައްޗަށް ޚާއްސަކޮށްފައިވާ މިއަދުގެ ހުކުރު ޚުތުބާގައި ބުނީ އިސްލާމް ދީން ބާރު އަޅަނީ އެ އަމާޒަށް ވާސިލްވުމަށް ކަމަށެވެ.
މާތްﷲގެ އަމުރުފުޅާ އެއްގޮތްވާ ގޮތުގެ މަތިން ކީރިތި ރަސޫލާ އިސްލާމީ މުޖުތަމައުގައި ތައުލީމު ފެތުރުއްވުމަށް ޚާއްސަ އަހައްމިއްޔަތެއް ދެއްވާފައިވާކަން ފާހަގަކުރައްވާ ޚުތުބާގައި ބުނީ، އޭގެ ނަތީޖާއަކަށްވީ، ހޭލުންތެރި، ޢިލްމުވެރި އަދި އުފެއްދުންތެރި އުއްމަތެއް ބިނާވުން ކަމަށެވެ. އަދި މުސްލިމުންގެ ހިތްތަކުގައި ކީރިތި ރަސޫލާ އިންދަވައިދެއްވި ޢިލްމުގެ އޮށްތަކުން ފެޅި ގަސްތައް ބިޔަވެ، ޒަމާނާއި، ހާލަތާ ފައިހަމަވާ ގޮތަށް، މީހުން ބިނާކުރާ، އުފެއްދުންތެރި އުއްމަތަކަށް އިސްލާމީ އުއްމަތްވުމެވެ.
"ލޮބުވެތި ދަރިވަރުންނޭ! ފެށިގެން މިދިޔަ ދިރާސީ އަހަރު ތިޔަކުދީންނަށް އިސްލާމް ދީނާއި ދުނިޔެވީ ރޮނގުތަކުން އިތުރު ކުރިއެރުންތަކެއް ލިބޭތޯ މަސައްކަތްކުރުމަށް އަޒުމް ކަނޑައަޅާށެވެ. ދެ ދުނިޔޭގެ ހަޔާތަށް ފައިދާހުރި ބޭނުންތެރި ހަރަކާތްތަކުން ކިޔަކުދީންގެ ހުސް ވަގުތު ފަޅުފިލުވާލާށެވެ! ތިޔަކުދިންގެ ދުނިޔެ އާއި އާޚިރަތް ބާއްޖަވެރިކުރުމަށް ހިތްވަރާއެކު މަސައްކަތް ކުރާށެވެ!" ޚުތުބާގައި ބުންޏެވެ.
ޚުތުބާގައި ވަނީ މިފޮނި ނަތީޖާ ދަރިވަރުންނަށް ނެރެވޭނީ މަދަރުސާއާއެކު އެއްބާރު ލައިގެން، މަދަރުސާގެ ގަވާއިދުތަކަށް ބޯލަނބައިގެން ކަމަށް ބުނެފައެވެ. އަދި ލޮބުވެތި މުދައްރިސުންނަށް ހައްގުވާ މަތިވެރި ގަދަރާއި އިހްތިރާމް އަދާކޮށް، އެމީހުންނަކީ ދުނިޔެއާއި އާޚިރަތުގައި ހެޔޮ މަގަށް އަލިކޮށްދޭ ވޮށްތަކެއް ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.
"ތިޔަކުދިން ތަރުބިއްޔަތު ކުރުމުގެ ބުރަ މަސްއޫލިއްޔަތާ ހަވާލުވެ މުދައްރިސުން އެ ކުރައްވާ މަސައްކަތަކީ، ނަބީބޭކަލުން ކުރެއްވި މަސައްކަތްޕުޅެއް. އެ ބޭކަލުން ފޮނުއްވުނީ މީސްތަކުންނަށް ހެޔޮ ކަންތަކަށް އަމުރު ކުރުމަށާއި ނުބައި ކަންތަކާ ދުރުހެލިވުމަށް އިރުޝާދު ދެއްވާ ބެކަލުންގެ ގޮތުގަ. ސުވަރުގޭގެ އުފާވރިކަމުގެ ޚަބަރާއި ނަރަކައިގެ ބިރުވެރިކަމުގެ އިންޒާރު ދެއްވާ ބޭކަލުންގެ ގޮތުގަ." ޚުތުބާގައި ބުންޏެވެ.
ޚުތުބާގައި ވަނީ، ދަރިވަރުންނަށްޓަކައި މައިން ބަފައިންނާއި ދައުލަތުން ކުރަމުންދާ ހޭދަތަކާއި ތަނަވަސް ކޮށްދީފައިވާ ފުރުސަތުތަކުގެ ބޭނުން ހިފުމަށް ގޮވާލައިފައެވެ. އަދި ދަރިވަރުން އުނގެނޭ އިލްމުގެ ނޫރުން، ﷲ ގެ ރުހިވޮޑިގަތުމާއި މައިންބަފައިންގެ ހިތްހަމަޖެހުމާއި ގައުމަށް ކުރިއެރުން ހޯދައި ދިނުމަށް ގޮވާލައިފައެވެ.
އޭގެއިތުރުން ޚުތުބާގައި ވަނީ ދަރިން ތަރުބިއްޔަތުކޮށް އިސްލާމް ދީނަށާއި ގައުމަށް ވަފާތެރި، ފައިދާ ހުރި ބަޔަކަށް ހެދުމަށްޓަކައި އެދުރުންގެ ދައުރު ވަރަށް ބޮޑުކަން ފާހަގަކޮށްފައެވެ. އެގޮތުން އެފަދަ ތަރުބިއްޔަތެއް އެކުދިންނަށް ދެވޭނީ ކެތްތެރިކަމާއި، ހިކްމަތްތެރިކަމާއެކު އެ މަސްއޫލިއްޔަތު އަދާކޮށްގެން ކަމަށް ޚުތުބާގައި ބުންޏެވެ.
މަދަރުސާއަކީ ދަރިންގެ ދެވަނަ ހިޔާވަހިކަން ފާހަގަކުރައްވާ ޚުތުބާގައި ބުނީ، އިސްލާމީ އަގީދާ ހަރުދަނާކޮށް، އިސްލާމީ އުސޫލުތައް ބިނާކުރަނީ މަދަރުސާއިން ކަމަށެވެ.