ވީއެމްއޭ ލައިފްޓައިމް އެޗީވްމެންޓް އެވޯޑް ޝަކީރާއަށް

މިއުޒިކް އިންޑަސްޓްރީއަށް އިންގިލާބީ ބޮޑެތި ބަދަލުތައް ގެނައުމުގައި މަސައްކަތް ކޮށްދިނުމުގެ އަގުވަޒަން ކުރުމުގެ ގޮތުން އެމްޓީވީއިން ދޭ ވީއެމްއޭ މައިކަލް ޖެކްސަން ވެންގާޑް ލައިފްޓައިމް އެޗީވްމެންޓް އެވޯޑު މިފަހަރު ލެޓިޕް ތަރި ޝަކީރާއަށް ދިނުމަށް ނިންމައިފިއެވެ.

އެމްޓީވީގެ ވީއެމްއޭ އަކީ މިއުޒިކުގެ ތެރޭގައި ހިމެނޭ އެންމެ ޝަރަފުވެރި އެވޯޑުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އެއް އެވޯޑެވެ. ވީޑިއޯ މިއުޒިކްތަކަށް ހާއްސަކޮށްގެން ދޭ މި އެވޯޑުގައި އެންމެ ޝަރަފުވެރި އެވޯޑަކީ ވެންގާޑް އެވޯޑެވެ. މިއީ ފަނޑިޔާރުންގެ ޕެނަލް އަކުން ފާހަގަކޮށްލެވިގެން ދޭ ބޮޑު އެވޯޑެކެވެ.

މި އެވޯޑު މިފަހަރު ލިބޭނީ ޝަކީރާއަށެވެ. ޝަކީރާއަށް މި އެވޯޑު ހަވާލު ކުރާނީ މިއަހަރުގެ ވީއެމްއޭ ހަފުލާގެ ތެރެއިން އަންނަ މަހުގެ 12 ވަނަ ދުވަހުގައެވެ. މި އެވޯޑާއެކު ޝަކީރާ ވަނީ ހަފުލާގައި އޭނާގެ ކެރިއަރުގެ ބޮޑެތި ހިޓުތައް ޕަފޯމްކުރުމަށް ހަމަޖެހިފައެވެ. އޭގެތެރޭގައި "ވެނޭވާ ވެއައޭވާ" އާއި "ހިޕްސް ޑޯންޓް ލައި" ފަަދަ ބޮޑެތި ހިޓުތައް ހިމެނެއެވެ.

ޝަކީރާ އާ ގާތް މަސްދަރެއް "ދަ ސަން" އަށް މައުލޫމާތު ދިން ގޮތުގައި މި އެވޯޑަކީ ޝަކީރާއަށް ވަރަށް މުހިއްމު އެވޯޑެކެވެ. އެއީ މި އެވޯޑުން ފާހަގަކުރަނީ ޝަކީރާގެ ދިގު ކެރިއަރުގައި ކޮށްފައިވާ ބުރަ މަސައްކަތްތައް ކަމުގައި އޭނާ ފާހަގަކުރިއެވެ.

އެވޯޑާ ގުޅޭ ހުރިހާ ކަމެއް އަދި ފައިނަލް ނުވާ ކަމަށް އޭނާ ފާހަގަކުރެއެވެ. މާނައަކީ އެވޯޑާ ހަވާލުވާން ޝަކީރާ ދާނެ ކަމެއް އަަދި ކަށަވަރެއް ނުވެއެވެ.

ވެންގާޑް އެވޯޑުގެ އިތުރުން ވީއެމްއޭގެ ތިން އެވޯޑަކަށް ޝަކީރާ ވަނީ ނޯމިނޭޓް ވެފައެވެ. ޝަކީރާގެ ދެ ލަވައެއް ވަނީ އެންމެ މޮޅު ލެޓިން ލަވައިގެ އެވޯޑުގައި ނޯމިނޭޓްވެފައެވެ. އަދި އަހަރުގެ އެންމެ މޮޅު އާޓިސްޓުންގެ ކެޓަގަރީއަށް ވެސް ޝަކީރާ ވަނީ ނޯމިނޭޓް ވެފައެވެ.

މިއަހަރު ވެންގާޑް އެވޯޑު ޝަކީރާއަށް ލިބޭއިރު މިދިޔަ އަހަރު އެ އެވޯޑު ލިބިފައިވަނީ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ނިކީ މިނާޖް އަށެވެ.

comment ކޮމެންޓް