ކޭން ބަޔާނާ ގުޅުމަށް ޓޮޓެންހަމްއާއެކު އެއްބަސްވުމަކަށް

ޓޮޓެންހަމް ހޮޓްސްޕާގެ އިނގިރޭސި ފޯވަޑް ހެރީ ކޭން -- ފޮޓޯ/ ގެޓީ

އިނގިރޭސި ފޯވަޑް ހެރީ ކޭން، ބަޔާން މިއުނިކާ ގުޅުމަށް ޓޮޓެންހަމް ހޮޓްސްޕާއާއެކު އެއްބަސްވުމަކާ ހަމައަށް ގޮސްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މިދިޔަ ސީޒަނުގައި ޕޮލެންޑް ފޯވަޑް ރޮބާޓް ލެވަންޑޯސްކީ ބަޔާން ދޫކޮށް، ބާސެލޯނާއާ ގުޅުމާއެކު ބަޔާނުން ދިޔައީ ސްޓްރައިކަރެއް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ބަޔާނުން އެންމެ ބޮޑަށް ގެންނަން ބޭނުންވި އެއް ކުޅުންތެރިޔަކަށް ވެފައިވަނީ ޓޮޓެންހަމަށް ކުޅެމުންދާ ކޭންއެވެ. ނަމަވެސް އޭނާއަށް ބަޔާނުން ހުށަހެޅި ފުރަތަމަ ތިން ބިޑު ވެސް ޓޮޓެންހަމުން ވަނީ ގަބޫލުނުކޮށް ދޫކޮށްލައިފައެވެ.

ކުޅިވަރު ނޫސްވެރިޔާ ޑޭވިޑް އޯންސްޓެއިން ރިޕޯޓުކުރާ ގޮތުގައި ބަޔާނުން ހުށަހެޅި ފަހު ބިޑު ގަބޫލުކުރުމަށް ޓޮޓެންހަމުން ވަނީ ނިންމައިފައެވެ. ޓޮޓެންހަމުން ގަބޫލުކޮށްފައިވަނީ ބަޔާނުން ކޭންއަށް ހުށަހެޅި 100 މިލިއަން ޔޫރޯ (110 މިލިއަން ޑޮލަރު)ގެ ޓްރާންސްފާ ފީ ކަމަށް އޯންސްޓެއިން ރިޕޯޓުކުރެއެވެ.

ރިޕޯޓުތައް ބުނާގޮތުގައި އުމުރުން 30 އަހަރުގެ ކޭންއަށް މިއީ ޓޮޓެންހަމް ދޫކޮށް ދިއުމަށް އެންމެ ރަނގަޅު ވަގުތެވެ. ކޭންއަށް ޓޮޓެންހަމް ސަޕޯޓަރުންގެ ލޯބި ލިބިފައިވާ އިރު، މިހާރު އެ ކްލަބުގެ ރެކޯޑު ގޯލު ޖެހުންތެރިޔަކީ ވެސް އޭނާއެވެ. ޓޮޓެންހަމްއާއެކު ކޭން ހަދާފައިވާ ކޮންޓްރެކްޓް އަންނަ އަހަރު ނިމުމަކަށް އަންނާތީ، މިއީ އެ ކްލަބުން އޭނާ ވިއްކާލުމަށް އެންމެ ރަނގަޅު ވަގުތު ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކޭންގެ ސީނިއާ ކެރިއަރުގައި ދާއިމީ ކޮންޓްރެކްޓެއް އޮތީ ހަމައެކަނި ޓޮޓެންހަމްގައެވެ. ޓޮޓެންހަމްއަށް 2011 ވަނަ އަހަރު ސޮއިކުރުމަށްފަހު، ކޭން ލޯނުގެ ދަށުން އެހެން ކްލަބުތަކަކުން ފެނުނު ނަމަވެސް، އޭނާ ގިނައިން ފެނިފައިވަނީ ޓޮޓެންހަމްގެ ޖާޒީގައެވެ. އިނގިރޭސި ގައުމީ ޓީމުގެ ކެޕްޓަނަކީ ވެސް އޭނާއެވެ.

comment ކޮމެންޓް