އައްޑޫ ދަތުރުތަކަށް އެމްއެސްއެސްއިން ގެންނަ ބޯޓުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އެމްއެސްއެސް "އޯޕަލް" ގަތުމުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ އެސްޓީއޯ

ގައުމީ ޝިޕިން ކުންފުނި (އެމްއެސްއެސް)އިން އައްޑޫ ދަތުރުތައް ފެށުމަށް ގެންނަ ބޯޓު ގަތުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިއަދު ސޮއިކުރި އެ އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދެވެ.

މިއީ އެމްއެސްއެސްއަށް ގެނައި ފަސްވަނަ ބޯޓެވެ. "އޯޕަލް" ނަމަކަށް ކިޔާ އެ ބޯޓަކީ އެއްފަހަރާ 105 ކޮންޓޭނަރު/ 20 ރީފާ ކޮންޓޭނަރު އުފުލޭ، ކެރޭނު ހަަރުކޮށްފައި ހުންނަ ބޯޓެކެވެ. އެހެންކަމުން، އައްޑޫ ހިތަދޫ ބަނދަރުގައި މިވަގުތު ކެރޭނެއް ނެތުމުން ވާ ދަތިކަން މި ބޯޓަކަށް ދިމައެއް ނުވާނެއެވެ.

އެމްއެސްއެސް "އޯޕަލް" ގަތުމުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ އެސްޓީއޯ

އެ ބޯޓު ދަތުރުކުރާނީ މާލެއިން އައްޑޫއަށެވެ. ކޮންމެ 10 ދުވަހަކުން އެ ބޯޓުގެ ދަތުރެއް އޮންނާނެއެވެ. އަދި އަނބުރާ މާލެ އަންނަ މަގުމަތީ ކޫއްޑޫއަށް ކައިރިކޮށް، މިފްކޯގެ ރީފާ ކޮންޓޭނަރުތައް ލޯޑުކުރާނެއެވެ. އެ ދަތުރުތައް ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ފެށޭނެ ކަމަށް އެމްއެސްއެސްއިން ބުނެއެވެ.

އެސްޓީއޯއިން ބުނީ އެ ބޯޓު ގެނައުމާއެކު، އައްޑުއަށް މުދާ އުފުލުމަށް އިތުބާރު ހުރި ޚިދުމަތެއް ތައާރަފުވާނެ ކަމަށެވެ. އަދި މުދަލުގެ ނާލުގެ އަގު ހިފެހެއްޓުމަށް އެހީއަކަށް ވާނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ. ޚާއްސަކޮށް، މޫސުން ގޯސްވުމުން އައްޑޫއަށް ކާޑު އުފުލުމަށް ހުރި ދަތިކަން ހައްލުވާނެ ކަމަށެވެ.

ކުރީގެ ތަޖުރިބާއިން ފިލާވަޅު ނަގާނެ

މީގެ ކުރިން އެމްއެސްއެސް އިން ވަނީ އިންޑިއާގެ ސޫތުކުޅިން އައްޑޫއަށް ކާގޯ ދަތުރުތައް ކޮށްފައެވެ.

އެމްއެސްއެސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނާޒިމް "ސަން"އަށް ވިދާޅުވީ ކުރީގެ ދަތުރުތަކުގެ ތަޖުރިބާއަކީ އަލަށް ފަށާ ދަތުރުތަކަށް މުހިއްމު ފިލާވަޅެއް ކަމަށެވެ.

"އެ ފަހަރު އަޅުގަނޑުމެންނަށް ވަރަށް ގިނަ މައުލޫމާތުތަކެއް ލިބިގެން ދިޔަ، އެގޮތުން އެނގުނު އައްޑޫ މީހުންގެ ޑިމާންޑަކީ ކިހާވަރެއްކަން. އެވްރެޖްކޮށް 300 ޓަނު އެ ބޭފުޅުންގެ ރިކުޔާމަންޓަކީ، އެއީ ސީދާ ސޫތުކުޅިން ގެންނަންޏާ" ނާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އައްޑޫގެ ޑިމާންޑު އެވަރުގައި ހުރިއިރު، އެ ދަތުރުތަކުގައި ބޭނުންކުރީ 4000 ކޮންޓޭނަރުގެ ބޯޓެކެވެ.

ނާޒިމް ވިދާޅުވީ ދަތުރުތަކުގެ ކުރީކޮޅު، އެސްޓީއޯގެ ހިލަވެލި ސޫތުކުޅިން ގެނައުމާއެކު، އައްޑޫގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގަމުން ދާތީ، ދަތުރުތައް ދެކޮޅު ޖެއްސުނު ކަމަށެވެ. ނަމަވެސް އެސްޓީއޯއިން ހިލަވެލި އެހެން ބަނދަރަކުން ގެންނަން ފެށި ހިސާބުން އެކަން ހުއްޓާލަން ޖެހުނު ކަމަށެވެ.

އެ ތަޖުރިބާއަށް ބަލައި، މި ފަހަރުގެ ދަތުރުތައް ރާވާފައިވަނީ ތަފާތު މޮޑެލްއަކަށް ކަމަށް ނާޒިމް ވިދާޅުވިއެވެ.

"ފުރަތަމަ މި ފޯކަސް މި ކުރަނީ ހަމަ ކޮންޓެއިނާ އަށް، ދެން ކޮންޓެެއިނާ އިން ބޯޓު ނުފުރިއްޖެއްޔާ އަޅުގަނޑުމެން ޖެނެރަލް ކާގޯ ވެސް އަރުވާނީ" އޭނާ ވިދާޅުވިއެވެ.

މިހާރު ތިނަދޫގައި ތަރައްގީ ކުރާ ވިޔަފާރި ބަނދަރުގެ މަސައްކަތް ނިމުމުން އެ ރަށަށްވެސް އެ ބޯޓު ކައިރިކުރުމުގެ ވިސްނުން އެބަހުރި ކަމަށް ނާޒިމް ވިދާޅުވިއެވެ.

އެސްޓީއޯއިން ބުނީ އިދާރީ ކަންކަން ނިމުނުހާ އަވަހަކަށް ދުނިޔޭގެ ކޮންމެ ތަނަކުން ވެސް މުދާ ގެނައުމަށް ބުކް ކުރުމަށް ހުޅުވާލާނެ ކަމަށެވެ.

comment ކޮމެންޓް