އެޑަމްސް، ޗެލްސީގެ މެޑިކަލްގައި ބައިވެރިވަނީ

ލީޑްސް ޔުނައިޓެޑްގެ އެމެރިކާ މިޑްފީލްޑަރު ޓައިލާ އެޑަމްސް -- ފޮޓޯ/ ގެޓީ

ކުރިއަށްއޮތް 24 ގަޑިއިރުގެ ތެރޭގައި ޗެލްސީގެ މެޑިކަލްގައި ބައިވެރިވުމަށް ލީޑްސް ޔުނައިޓެޑްގެ އެމެރިކާ މިޑްފީލްޑަރު ޓައިލާ އެޑަމްސް ތައްޔާރުވެއްޖެއެވެ.

'ސްކައި ސްޕޯޓްސް' އިން ރިޕޯޓުކުރާ ގޮތުގައި ލަންޑަންގައި އެޑަމްސް ހަދާ މެޑިކަލްއަށްފަހު، ޗެލްސީއަށް އޭނާ ސޮއިކުރާނެއެވެ. އެސްޓަން ވިލާ އާއި ނޮޓިމްހަމް ފޮރެސްޓުން ވެސް މަސައްކަތްތަކެއް ކުރި އެޑަމްސް، ޗެލްސީއާ ގުޅުމަށް ނިންމާފައިވަނީ 20 މިލިއަން ޕައުންޑް (25.53 މިލިއަން ޑޮލަރު)ގެ ޓްރާންސްފާ ފީއެއްގެ ދަށުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިދިޔަ ސީޒަނުގައި ލީޑްސްއާ އެޑަމްސް ގުޅުނީ ފަސް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުންނެވެ. އޭރު އާރުބީ ލައިޕްޒިގަށް ކުޅެމުންދިޔަ އެޑަމްސް، ލީޑްސްއާ ގުޅުނީ 19 މިލިއަން ޕައުންޑް (24.25 މިލިއަން ޑޮލަރު)ގެ ޓްރާންސްފާ ފީއެއްގެ ދަށުންނެވެ.

މިދިޔަ ސީޒަންގެ ޕްރިމިއާ ލީގުގެ 19 ވަނައިގައި ނިންމަލަން ޖެހުމުން ލީޑްސް ވަނީ އަލުން އިނގިރޭސި ދެވަނަ ޑިވިޝަނަށް ރެލިގޭޓްވެފައެވެ. އެހެންކަމުން އެޑަމްސް ދަނީ މަތީ ލެވެލްގައި ވާދަކުރުމަށް ފުރަތަމަ ޑިވިޝަންގައި ކުޅޭ ކްލަބެއް ހޯދުމަށް މަސައްކަތްކުރަމުންނެވެ.

އެޑަމްސްގެ އިތުރުން ޗެލްސީން ދަނީ ބްރައިޓަން މިޑްފީލްޑަރު މޮއިސެސް ކައިސޭޑޯ އާއި ސައުތުހެމްޓަންގެ މިޑްފީލްޑަރު ރޯމިއޯ ލަވިއާ ހޯދުމަށް ވެސް މަސައްކަތްކުރަމުންނެވެ.

comment ކޮމެންޓް