ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް 11 އަހަރަށް ޖަލަށް ލައި ބޮޑު އަދަދަކުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ފަސް ކުރުމާ ގުޅޭ ގޮތުން އަންނަ އާދިއްތަ ދުވަހު ގޮތެއް ނިންމާނެ ކަމަށް ހައި ކޯޓުން ބުނެފިއެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނަންގަވައި އެ ފައިސާ ލޯންޑާކުރިކަން ސާބިތުވެ ޔާމީން 11 އަހަރަށް ޖަލަށްލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.
ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު އެމަނިކުފާނުގެ ފަރާތުން މިއަދު އެދިވަޑައިގަތީ އެ މައްސަލައިގެ އިސްތިއުނާފް ނިމެންދެން, ޖަލު ހުކުމާއި ޖޫރިމަނާ ތަންފީޒު ކުރުން ފަސް ކުރުމުގެ އަމުރެއް ނެރެދިނުމަށެވެ.
ހައި ކޯޓުގައި މިއަދު ކުރިއަށް ގެންދިޔަ އެ މައްސަލައިގެ އަޑުއެހުމުގައި ޔާމީން ވިދާޅުވީ, ޖަލުގައި ހުންނަން ޖެހުމުން ޖިސްމާނީ ގޮތުން އެތެއް އުނދަގޫތަކެއް ކުރިމަތިވަމުން އަންނަ ކަމަށާއި އެކަމުގެ ސަބަބުން އިޔާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބެމުން އަންނަ ކަމަށެވެ.
ހުކުމް ފަސް ކުރުމުގެ އަމުރުތައް މީގެ ކުރިން ސުޕްރީމް ކޯޓުން ކޮށްފައިވާކަން ފާހަގަކޮށް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވީ, ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރައްވަމުން ގެންދަވާ މުހައްމަދު ނަޝީދު ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމެއް ތަންފީޒު ކުރުން ފަސް ކުރުމަށް 2018 ވަނަ އަހަރު ސުޕްރީމް ކޯޓުން ނިންމާފައިވާ ކަމަށެވެ. އަދި މިހާތަނަށް ވެސް އެ އަމުރަށް ބަދަލު ގެނެސްފައި ނުވާކަން ޖަމީލް ފާހަގަކުރެއްވިއެވެ.
ރައްދުގައި ދައުލަތުގެ ވަކީލް ވިދާޅުވީ, ޖިނާއީ މައްސަލަތަކުގައި ހުކުމް ތަންފީޒުކުރުން ފަސްކުރުމަކީ ގާނޫނު ދަންނަ ކަމެއް ނޫން ކަމަށެވެ. އެގޮތުން ޖިނާއީ އެއްވެސް ހުކުމެއް ތަންފީޒު ކުރުން ފަސްކުރާނެ ގޮތެއް ގާނޫނުގައި ބުނެފައި ނުވާއިރު ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ވެސް އެފަދަ ވާހަކައެއް ނެތް ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ. އަދި ޖޫރިމަނާއާ ގުޅޭ ގޮތުން ވެސް އޮތީ ހަމަ އެ އުސޫލު ކަމަށް ވަކީލް ވިދާޅުވިއެވެ.
ދެ ފަރާތުގެ ވާހަކަތަކަށްފަހު ހައި ކޯޓުން އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ނިންމާފައިވަނީ މައްސަލައާ ގުޅޭ ގޮތުން އަންނަ އާދިއްތަ ދުވަހު ވަކި ގޮތެއް ނިންމުމަށެވެ. އަދި އެ ނިންމުން ލިޔުމުން ދެ ފަރާތާ ހިއްސާ ކުރާނެ ކަމަށް ވެސް ބެންޗުން ވަނީ ބުނެފައެވެ.
ހައި ކޯޓުގައި އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ހުޒައިފާ މުހައްމަދާއި ފަނޑިޔާރު ހަސަން ޝަފީއުގެ އިތުރުން ފަނޑިޔާރު މުހައްމަދު ސަލީމެވެ.