"ކުދިން ތަރުބިއްޔަތުކުރުމަށް ފަހި މަގެއް"ގެ ނަމުގައި ގިނަ ފޮތްތަކެއް ލިޔުއްވައިފައިވާ މުސައްނިފް، އަހްމަދު ފަޔާޒް ހަސަން ފޮތެއް ނެރުއްވައިފިއެވެ.
ގައުމީ ކުތުބުޚާނާގައި އޮތް ރަސްމިއްޔާތެއްގައި މި ފޮތް ނެރެދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދެވެ.
ފަޔާޒަކީ ތައުލީމީ ދާއިރާގައި ވެސް ގިނަ ދުވަސްތަކަކު މަސައްކަތްކުރައްވައިފައިވާ ބޭފުޅެކެވެ. ޓީޗަރެއްގެ ގޮތުގައި އަދި ޕްރިންސިޕަލެއްގެ ގޮތުގައި ވެސް އޭނާ މަސައްކަތް ކުރެއްވިއެވެ. އޭނާ ވަނީ އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސްކަން ވެސް ކުރައްވާފައެވެ.
މިއަދު އޭނާ ނެރުއްވި ފޮތުގައި ވަނީ ދަރިން ތަރުބިއްޔަތުކުރުމުގައި ބަލަން ޖެހޭ ގިނަ ކަންކަމަކަށް އަލިއަޅުއްވައިލައިފައެވެ. އަދި އޭނާ ވަނީ އިސްލާމްދީނުގައި ކުދިން ތަރުބިއްޔަތުކުރުން އޮތްގޮތް އެ ފޮތުގައި ގެނެސްދެއްވައިފައެވެ. އޭގެ ތެރޭގައި ބައެއް ރަސޫލު ބޭކަލުންނާއި ނަބީބޭކަލުންގެ ހަޔާތްޕުޅުން ވަނީ މިސާލު ޖައްސަވައިފައެވެ.
ފަޔާޒް ވިދާޅުވީ އޭނާ އެންމެ ފުރަތަމަ ފޮތެއް ލިޔުއްވީ 1990 ވަނަ އަހަރު ކަމަށެވެ. އޭގެ ފަހުން ގިނަ ފޮތްތަކެއް އޭނާ ލިޔުއްވައިފައިވެއެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ފޮތް ލިޔަން އޭނާއަށް 15 އަހަރު ހޭދަވިއެވެ. އެހެން ނަމަވެސް، އެހެން ފޮތްތައް ލިޔަން ހޭދަވަނީ ދެތިން މަސް ކަމަށް ވިދާޅުވިއެވެ.

ފޮތް ނެރެދިނުމުގެ ހަފްލާގައި ފަޔާޒް ވާހަކަދައްކަވަނި --- --- ފޮޓޯ/ ރައީސް އޮފީސް
މި ފޮތް ލިޔުމަށް އޭނާ ބޭނުންވީ އެތައް ސަބަބުތަކެއް ފަޔާޒް ކިޔައިދެއްވިއެވެ. އެއީ ތަމްރީނު ޕްރޮގްރާމެއްގައި ޕްރޮފެސަރަކު ވިދާޅުވެގެން އޭނާ ކީ ފޮތެއްގެ ސަބަބުން ފެށުނު ކަމެކެވެ.
"ލަވް"ގެ ނަމުގައި ޑރ. ލިޔޯ ބުސްކަގްލިއާ ލިޔުއްވައިފައިވާ ފޮތުގެ ދިވެހި ފޮތެއް އޭނާ ވަނީ "ލޯބި" މި ނަމުގައި ލިޔުއްވައިފައެވެެ. ނަމަވެސް، އެ ފޮތް އަދި ނުއެއް ނެރެއެވެ.
އެ ފޮތަށްފަހު، 2008ވަނަ އަހަރު އޭނާ ޔޫތު މިނިސްޓްރީން ބޭއްވި ކުދިން ތަމްރީން ކުރުމާބެހޭ ތަމްރީނެއްގައި ބައިވެރިވިއެވެ.
ދިހަ ދުވަހުން ނިމުނު އެ ޕްރޮގްރާމް ނިމުނުއިރު، އޭނާއަށް ވިސްނުނީ ކުދިން ތަރުބިއްޔަތުކުރުމުގެ މުހިންމުކަމެވެ. އެހެންވެ، މި ކަމަށް ފޮތެއް ލިޔުުމުގެ މަސައްކަތް ފެއްޓެވީ ކަމަށް ވިދާޅުވިއެވެ.
މި ފޮތުގައި އިސްލާމީގޮތުން ކުދިން ތަރުބިއްޔަތު ކުރުމުގެ ބައި ހިމެނުމުގެ ގޮތުން ނޫމާން އަލީ ޚާން ގެނެސްދިން "ޕޭރެންޓިން ސީރީޒް" އޭނާ ވަނީ ހިމަނުއްވައިފައެވެ. ގުރުއާނުން ކުދިން ތަރުބިއްޔަތުކުރުމަށް ލިބޭ ފިލާވަޅުތައް ވެސް ހިމެނުއްވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ ވިދާޅުވީ އެ ތަނަށް ވަޑައިގެންނެވުމުގެ ކުރިން ފޮތް ވިދާޅުވިކަމަށެވެ.
އަމިއްލަ ތަޖުރިބާ ހިއްސާކުރައްވަމުން ފަޒްނާ ވިދާޅުވީ މިހާރު އޭނާގެ އެއްދަރިއަށް 28 އަހަރުކަމަަށާއި އަނެއް ދަރިއަށް 26 އަހަރު ކަމަށެވެ. ނަމަވެސް، އަދިވެސް ޕޭރެންޓަކީ އެކަމަނާ ދަސްކުރައްވާ ކަމެއްކަމަށް ވިދާޅުވިއެވެ.

"ކުދިން ތަރުބިއްޔަތުކުރުމަށް ފަހި މަގެއް"ގެ ނަމުގައި ފަޔާޒް ލިޔުއްވި ފޮތް ނެރެދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކނަބަލުން ފަޒްނާ އަހްމަދު --- ފޮޓޯ/ ރައީސް އޮފީސް
"އެހެން ނަމަވެސް އަދިވެސް ކުދިން ތަރުބިއްޔަތުކުރުމަކީ ނޫނީ ޕޭރެންޓަކީ އަދިވެސް ދަސްކުރަމުންދާ ކަމެކޭ. މިހާރު އަޅުގަނޑުމެންގެ އެންމެ ބޮޑު އެދުރުންނަކީ އެ ކުދިން،" ފަޒްނާ ވިދާޅުވިއެވެ.
މި ފޮތް ކިޔުމަށްފަހު ވެސް އިތުރު އެއްޗެއް ދަސްވެ އެ ކަންކަން ރަނގަޅު ކުރެވޭނެކަމަށް ފަޒްނާ ވިދާޅުވިއެވެ. އަދި ޕޭރެންޓިންގައި އެންމެ މުހިންމުކަމަކީ ކުދިންނަށް ނަމޫނާ ދެއްކުންކަމަށް އަބަދުވެސް އެންމެންގެ ތެރޭގައި ވާހަކަ ދެކެވޭ ކަމަށް ވިދާޅުވިއެވެ.
"މައިންބަފައިން ނަމާދުކުރާތަން ފެންނަންޏާ ނަމާދު ކުރާނޭ. ދެން އަޅުގަނޑުމެން ހިތަށް އަރާނެ ކޮންމެ ދުވަހަކު ނަމާދުކުރަމޭ. އެކަމަކު މީނަ ނަމާދުކުރާކަށް ނޫޅެޔޭ. އެ ހިސާބުން ވިސްނެނީ ފަޔާ ލިޔުއްވައިފައި އޮވެޔޭ އެ ކަމުގައި ދެމި ތިބެން ޖެހެޔޭ،" ފަޒްނާ ވިދާޅުވިއެވެ.
ކުދިންގެ ކިބައިން އުންމީދު ކަނޑައިނުލުމަށާއި އަބަދުވެސް އުންމީދުގައި ތިބުމަށް ފަޒްނާ އިލްތިމާސްކުރެއްވިއެވެ.