މާމެންދޫ މަގު ތަކުގައި ތާރު އަޅަނީ

ގއ. މާމެންދޫގެ ބޮޑެތި މަގުތައް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެ ރަށު މަގުތަކުގައި ތާރުއަޅަން އިއްޔެ ނިންމައިފިއެވެ.

މި ޕްރޮޖެކްޓްގެ ދަށުން މައިގަނޑު ގޮތެއްގައި ކުރަން ހަމަޖެހިފައިވާ މަސައްކަތްތަކަކީ، 5.47 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމާއި،މަގުތަކުގައި ފެންހިންދާ ނިޒާމު ގާއިމުކުރުން އަދި މަގުތަކުގައި މަގުބައްތި ޖެހުމެވެ.

އިއްޔެ، ހައުސިން މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ވާގޮތުން މި ޕްރޮޖެކްޓު ހަވާލު ކުރެވިފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއެވެ. މި ޕްރޮޖެކްޓަށް 139 މިލިއަން ރުފިޔާ ޚަރަދު ވާނެއެވެ. މި މަސައްކަތުގެ ކޮންޓްރެކްޓުގެ މުއްދަތަކަށް ދީފައިވަނީ 730 ދުވަހެވެ.

މާމެންދޫ ކައުންސިލްގެ ރައީސް އަހުމަދު އަޒީޒް މިއަދު "ސަން"އަށް މައޫލޫމާތު ދެމުން ވިދާޅުވީ ، އެ މަޝްރޫގައި ސޮއި ކުރުމަށް ފަހު އެ މަޝްރޫއާ ގުޅޭ އެއްވެސް އޮފިޝަލް މައުލޫމާތެއް އަދި ކައުންސިލަށް ލިބިފައިނުވާ ކަމަށެވެ. އެހެންނަމަވެސް މި ޕްރޮޖެކްޓް ކާމިޔާބުކަމާ އެކު ނިންމާލެވިއްޖެ ނަމަ ރަށުގެ ރައްޔިތުންނަށް އެތަށް ފަސޭހަތަކެއް ވެގެން ދާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

"ޕްރޮޖެކްޓް ކާމިޔާބު ކަމާ އެކު ނިންމާލެވިއްޖެ ނަމަ ރައްޔިތުންނަށް އެ ކަމުގެ ސަބަބުން ވަރަށް ގިނަ ފައިދާ ތަކެއްވާނެ" ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

އެހެންނަމަވެސް، އޭނާ ވަނީ ބައެއް ޕްރޮޖެކްޓްތައް ފަށާ، ނުނިމި ހުރުމުގެ ސަބަބުން އެ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން މާމެންދޫގެ ނަރުދަމާގެ މަސައްކަތް ވެސް ފެށި ނުނިމިފައި އޮންނަތާ ވަރަށް ގިނަ ދުވަސްތަކެއް ވެފައިވާކަން ވެސް އޭނާ ފާހަގަ ކުރިއެވެ.

"އަޅުގަނޑުމެންނަށް މިހާރު ދިމާވެގެން މިއުޅޭ މައްސަލަ އަކީ، މިހާރު ނަރުދަމާގެ މަސައްކަތް ފެށި ނުނިމިފަ އޮންނަތާ ހަ އަހަރު ވެގެން ހިނގައްޖެ. އަދިވެސް އެ ޕްރޮޖެކްޓް ނުނިމޭ،" އަޒީޒް ވިދާޅުވިއެވެ.

އިއްޔެ ސޮއި ކުރެވުނު މި މަސައްކަތުގެ އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޕާމަނަންޓް ސެކްރަޓަރީ އަލްފާޟިލާ ޒީނިޔާ އަހްމަދު ހަމީދު އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ފަރާތުން އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ އަލްއުސްތާޛް އަޙްމަދު ޝިހާދެވެ.

comment ކޮމެންޓް