ގާސިމް ދެއްވި ހުރިހާ ސްޓޫޑަންޓް ލޯނެއް މައާފްކޮށްދެއްވައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް --- ސަން ފައިލް ފޮޓޯ/ މާހިލް އާތިފް

ވިލާ ގްރޫޕްގެ ޗެއާމަން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މިހާތަނަށް ދެއްވާފައިވާ ހުރިހާ ސްޓޫޑަންޓް ލޯނެއް މައާފްކޮށްދެއްވައިފިއެވެ.

ގާސިމް ވިދާޅުވީ، އެމަނިކުފާނުގެ އަމިއްލަ ޚަރަދުގައާއި ވިލާ ކުންފުންޏާއި ވިލާ ފައުންޑޭޝަނުން ދޭ ސްޓޫޑެންޓު ލޯނުގެ އެހީގައި، ތައުލީމު ހާސިލްކޮށް އަދި މިހާރުވެސް ލޯނުގެ ދަށުން ކިޔަވަމުންދާ ހުރިހާ ދަރިވަރުންގެ ސްޓޫޑެންޓް ލޯނުތައް މިއަދުން ފެށިގެން މައާފްކޮށްދެއްވާފައިވާ ކަމަށެވެ.

"އަޅުގަނޑުގެ އެހީގައި ތައުލީމު ހޯދާފައިވާ އަދި ހޯދަމުންދާ ކުދިންގެ ޖުމްލަ އަދަދު 8،000 އާއި ގާތްކުރާއިރު އެއީ ވަރަށް ޚަރަދު، ދިއްލާހާ އަތްވެއްގައި އަނބިދަރިންނާއި ދުރުގައި ތިބެގެން އަޅުގަނޑު ކުރި މަސައްކަތް، މިއީ ހަމަގައިމު ވެސް ދިވެހި ރުފިޔާއިން ގާތްގަނޑަކަށް ބިލިއަނެއްހާ ރުފިޔާ،" ގާސިމް ވިދާޅުވިއެވެ.

މީގެކުރިން ގާސިމް ވަނީ އެމަނިކުފާނުގެ ލޯނު އެހީގެ ދަށުން މެޑިސިން، ނާސިން އަދި މެޑިކަލް ދާއިރާއިން ކިޔެވުމަށް ދޫކުރި ހުރިހާ ލޯނުތައް މައާފްކޮށްދެއްވައިފައެވެ. އެ ލޯނުތައް މައާފްކޮށްދެއްވިކަން އިއުލާންކޮށްފައި ވަނީ 2021 ވަނަ އަހަރުގެ މެއި މަހުގެ 25 ވަނަ ދުވަހުއެވެ.

ގާސިމް ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމެއްގައި އެންމެ ބޮޑަށް އިސްކަންދެއްވާނީ ތައުލީމީ ދާއިރާއަށް ކަމަށެވެ. މިރޭ އިފްތިތާހުކޮށްދެއްވި މެނިފެސްޓޯގެ ތެރެއިން ވެސް ރާއްޖޭގެ ތައުލީމީ ދާއިރާގެ ކުރިއެރުވުމަށް މުހިންމު ކަންތައްތައް ވަނީ ހިމަނުއްވައިފައެވެ.

comment ކޮމެންޓް