ކާށިދޫގައި އެމްޖީ ސްޕޯޓްސް އެކެޑަމީ ފެށުމަށް ތައްޔާރުވެއްޖެ

އެމްޖީ ސްޕޯޓްސް ކްލަބުގެ އެކެޑަމީ ފެށުމަށް ފިއޮންޓީ ސްޕޯޓްސް އެކެޑަމީއާއެކު އެއްބަސްވުމެއްގައި ސޮއިކުރުން -- ފޮޓޯ/ އެމްޖީ ސްޕޯޓްސް

ކ. ކާށިދޫގެ އެމްޖީ ސްޕޯޓްސް ކްލަބުގެ އެކެޑަމީ ފެށުމަށް ފިއޮންޓީ ސްޕޯޓްސް އެކެޑަމީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެ އެއްބަސްވުމަކީ އެމްޖީ ސްޕޯޓްސް ކްލަބުގެ ފަރާތުން ކާށިދޫގައި ފެށުމަށް ތައްޔާރުވަމުން އަންނަ އެމްޖީ ސްޕޯޓްސް އެކެޑަމީ ފެށުމަށް ފިއޮންޓީ ސްޕޯޓްސް އެކެޑަމީގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ވެވޭ އެއްބަސްވުމެކެވެ.

އެމްޖީ ސްޕޯޓްސް އެކެޑަމީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެމްޖީ ސްޕޯޓްސް ކްލަބުގެ ރައީސް އަލީ ޒިދާނެވެ. އަދި ފިއޮންޓީ ސްޕޯޓްސް އެކެޑަމީގެ ފަރާތުން ސޮއިކުރެއްވީ އެ އެކެޑަމީގެ ޑިރެކްޓަރު އަދި ރާއްޖޭގެ ތަޖުރިބާކާރު ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) އެވެ. އެ އެއްބަސްވުމުގެ ދަށުން އެމްޖީ ސްޕޯޓްސް އެކެޑަމީ ހިންގުމުގައި ކޯޗު ނިޒާމްބެގެ އެހީތެރިކަމާއި ބައިވެރިވުން ލިބޭނެ ކަމަށް އެ ކްލަބުން މައުލޫމާތުދެއެވެ.

އެމްޖީ ސްޕޯޓްސް ކްލަބުގެ މީޑިއާ ކޯޑިނޭޓަރު އިބްރާހިމް ޝާބިލް ވިދާޅުވީ އެ އެއްބަސްވުމާއެކު ކާށިދޫގެ ފުޓުބޯޅައަށާއި ފުޓުބޯޅަ ކުޅުންތެރިންނަށް އަދި ކުރިއަރަމުން އަންނަ ތަރިންނާއި ފުޓުބޯޅަ ކުޅެން ބޭނުންވާ ކުދިންނަށް ކުރިމަގުގައި ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށާއި އެ އެކެޑަމީ ކުރިއަށްގެންދިއުމަށް އަމާޒު ހިފާފައިވަނީ 16 އަހަރުންދަށުގެ އުމުރުފުރާއާ ހަމައަށް ކަމަށެވެ. އަދި އެމްޖީ ސްޕޯޓްސް އެކެޑަމީ ހުޅުވުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.

"އެކެޑަމީ ހުޅުވޭނެ ތާރީހެއް އެމްޖީ ސްޕޯޓްސް ކްލަބުން ފަހުގެ ތާރީހެއްގައި އިއުލާނުކުރާނެ. އެމްޖީ ސްޕޯޓްސް ކްލަބުން މި އެކެޑަމީ ހިންގުމަށް ވިސްނާފައިވަނީ ކާށިދޫ ކައުންސިލާއި އަދި ސްކޫލް (ކ. އަތޮޅު މަދަރުސާ) ގެ ވެސް ބައިވެރިވުން އޮވެގެން. އަދި މީގެ އިތުރުން ރަށުގެ ޖަމިއްޔާތަކުގެ ބައިވެރިވުންވެސް ލިބޭނަމަ އެ ފާރަތްތަކާ އެކީގައި. ނިޒާމްބެއާއެކު އެއްބަސްވެވުމަކީ ވަރަށް ބޮޑު ފައިދާއެއް ރަށަށް އަދި މި އެކެޑަމީއަށް ލިބިގެންދާނެ ކަމެއް،" އޭނާ ވިދާޅުވިއެވެ.

ޝާބިލް އިތުރަށް ވިދާޅުވީ ރަށުގައި ތަމްރީނުވާ ކުދިންގެ ޕާފޯމަންސަށް ބަލައި އެ ކުދިން ކުރިއަރަމުން އަންނަ ވަރަކަށް ގައުމީ ލީގުތަކާއި މުބާރާތްތަކުން އެ ކުދިންނަށް ފުރުސަތު ފަހިކޮށްދޭ ކަހަލަ ގޮތަކަށް އެ ކްލަބުން ވިސްނާ ކަމަށެވެ.

އެމްޖީ ސްޕޯޓްސް ކުލަބަކީ ކުޅިވަރުގެ ގާނޫނުގައިވާ ގޮތުގެމަތިން 30 މެންބަރުންނާއެކު 2021 ވަަނަ އަހަރުގެ ޑިސެމްބަރު 30 ގައި ކުޅިވަރު ޖަމިއްޔާއެއްގެ ގޮތުގައި ރަޖިސްޓަރީ ކޮށްގެން ހިންގާ ކްލަބެކެވެ.

comment ކޮމެންޓް