ޕަކޭޓާ ހޯދުމަށް ސިޓީން 70 މިލިއަން ޕައުންޑުގެ ބިޑެއް ހުށަހަޅައިފި

ވެސްޓް ހާމް ޔުނައިޓެޑުގެ ބްރެޒިލް މިޑްފީލްޑަރު ލޫކަސް ޕަކޭޓާ -- ފޮޓޯ/ ގެޓީ

ވެސްޓް ހާމް ޔުނައިޓެޑުގެ ބްރެޒިލް މިޑްފީލްޑަރު ލޫކަސް ޕަކޭޓާ ހޯދުމަށް މެންޗެސްޓާ ސިޓީން ބިޑުކޮށްފިއެވެ.

މިދިޔަ ސީޒަނަށްފަހު ޖަރުމަން މިޑްފީލްޑަރު އިލްކާއީ ގުންޑޮގަން އާއި ރިޔާދް މަހްރޭޒް، ސިޓީ ދޫކޮށް ދިއުމުން އެ ކްލަބުން ދަނީ އާ ކުޅުންތެރިން ގެނައުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން މިހާތަނަށް ސިޓީން ވަނީ ޗެލްސީއަށް ކުޅެމުންދިޔަ ކްރޮއޭޝިއާ މިޑްފީލްޑަރު މަޓިއޯ ކަވަސިޗް އާއި އާރްބީ ލައިޕްޒިގަށް ކުޅެމުންދިޔަ ކްރޮއޭޝިއާ ޑިފެންޑަރު ޖޮސްކޯ ގުވާޑިއޯލް ގެނެސްފައެވެ.

ރިޕޯޓުތައް ބުނާގޮތުގައި ޕަކޭޓާ ހޯދުމަށް ސިޓީން ވަނީ ވެސްޓް ހާމަށް 70 މިލިއަން ޕައުންޑް (89.4 މިލިއަން ޑޮލަރު)ގެ ބިޑެއް ހުށަހަޅައިފައެވެ. ވެސްޓް ހާމުން އެ ބިޑު ގަބޫލުނުކޮށް، އަގު މައްޗަށް ޖެއްސުމަށް މަސައްކަތްކުރާނެ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

އުމުރުން 25 އަހަރުގެ ޕަކޭޓާ، ވެސްޓް ހާމްއާ ގުޅުނީ ލިޔޯނުން 51 މިލިއަން ޕައުންޑް (65 މިލިއަން ޑޮލަރު)ގެ އަގަކަށެވެ. ރެކޯޑު އަގަކަށް މިދިޔަ ސީޒަނުގައި ގެނައި ޕަކޭޓާ ވަނީ ޑޭވިޑް މޮޔެސްގެ އިރުޝާދުގެ ދަށުން މޮޅު ކުޅުމެއް ދައްކައި، އެ ކްލަބަށް ޔޫރޮޕާ ކޮންފަރެންސް ލީގު ކާމިޔާބުކޮށްދިނުމަށް އިސް ދައުރެއް އަދާކޮށްފައެވެ. ވެސްޓް ހާމްއާއެކު ޕަކޭޓާ ހަދާފައިވާ ކޮންޓްރެކްޓް ނިމުމަކަށް އަންނާނީ 2027 ވަނަ އަހަރުއެވެ.

ވެސްޓް ހާމުން ވަނީ އެ ކްލަބުގެ ކެޕްޓަނަކަށް ހުރި ޑެކްލަން ރައިސް ވެސް ދާދި ފަހުން ދޫކޮށްލައިފައެވެ. ވެސްޓް ހާމުން އާސެނަލަށް އޭނާ ވިއްކާލާފައިވަނީ 105 މިލިއަން ޕައުންޑް (134 މިލިއަން ޑޮލަރު)ގެ އަގަކަށެވެ. އެ ކްލަބުން ރައިސް ވިއްކާލާފައިވުމުން، ޕަކޭޓާ ހިފެހެއްޓުމަށް މަސައްކަތްކުރާނެ ކަމަށް ބެލެވެއެވެ.

comment ކޮމެންޓް