ސައުދީ އަރަބިއާގައި ކުޅުނު ނަމަވެސް، އިނގިރޭސި ގައުމީ ޓީމުން ފުރުސަތު ލިބޭނެ ކަމަށް އަލް އެތިފާގުގެ މިޑްފީލްޑަރު ޖޯޑަން ހެންޑަސަން ބުނެފިއެވެ.
މިދިޔަ ސީޒަނަށްފަހު، އުމުރުން 33 އަހަރުގެ ހެންޑަސަން ވަނީ ލިވަޕޫލް ދޫކޮށް ސައުދީގެ އެތިފާގާ ގުޅިފައެވެ. ހެންޑަސަން ދެކޭގޮތުގައި ސައުދީ ޕްރޯ ލީގުގައި ކުޅުނު ނަމަވެސް، އޭނާގެ ފޯމަށް ބަދަލެއް ނާންނާނެއެވެ.
"އަހަރެންގެ އަމާޒު ހުރީ އެތިފާގުގައި ވެސް އެންމެ ރަނގަޅު ކުޅުމެއް ދެއްކުމަށް. އަހަރެން ރަނގަޅު ކުޅުމެއް ދައްކާ ނަމަ، ގައުމީ ޓީމުން ފުރުސަތު ނުލިބެންވީ އެއްވެސް ސަބަބެއް ނެތް. ގައުމީ ކޯޗު ގެރެތު ސައުތު ގޭޓާ ވެސް ވާހަކަދައްކާފައިވާނެ. އަދި އަހަރެންނަށް އަދިވެސް ގައުމީ ޓީމަށް ހިދުމަތްކޮށްދެވިދާނެ ކަމުގެ ޔަގީންކަން ކޯޗަށް ވާނީ ދީފައި،" އޭނާ ބުންޏެވެ.
އެތިފާގަށް ހެންޑަސަން ގެންދިއުމުގައި އެންމެ އިސް ދައުރެއް އަދާކޮށްފައިވަނީ މިހާރު އެ ކްލަބަށް އިރުޝާދެމުންދާ ލިވަޕޫލުގެ ލެޖެންޑް ސްޓީވަން ޖެރާޑެވެ. ޖެރާޑް ވަނީ ރިޓަޔާކުރުމުގެ ކުރިން ލިވަޕޫލް އަދި އިނގިރޭސި ގައުމީ ޓީމުގައި ވެސް ހެންޑަސަންއާއެކު ކުޅެފައެވެ.
"އަހަރެން މި ކްލަބާ ގުޅުނު އެންމެ ބޮޑު ސަބަބަކީ ޖެރާޑް. އަހަރެން ބޭނުންވީ ޖެރާޑްގެ އިރުޝާދުގެ ދަށުން ކުޅެ، އޭނާއާއެކު މަސައްކަތްކުރަން. އަހަރެމެން މިވަގުތު މަސައްކަތްކުރަމުން މިދަނީ ސީޒަންގެ ފުރަތަމަ މެޗަށް. ވަރަށް ރަނގަޅު ތަމްރީނުތަކެއް ވެސް ކުރިއަށްގެންދެވިއްޖެ. އެކުގައި މަސައްކަތްކޮށް ކާމިޔާބާ ހަމައަށް ދެވޭނެކަމުގެ ބޮޑު އުންމީދެއް އެބައޮތް،" ހެންޑަސަން ބުންޏެވެ.
މިސީޒަނުގެ ސައުދީ ޕްރޯ ލީގު އަންނަ ހުކުރު ދުވަހު ފަށާ އިރު، އެތިފާގުގެ ފުރަތަމަ މެޗުގައި އަންނަ ހޯމަ ދުވަހު ނުކުންނަން ޖެހޭނީ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ އަލް ނަސްރާ ދެކޮޅަށެވެ.